މޯލްޑިވްސް ރިފޯމް މޫވްމެންޓް (އެމްއާރްއެމް) ގެ 8 މެމްބަރުން އެ ޕާޓީން ވަކިވިވަކިވުމަކީ އެ ޕާޓީއަށް ލިބުނު ވަރަށް ބޮޑު ހިތާމައެއް ކަމަށް އެ ޕާޓީން ބުނެފިއެވެ.
އެމްއާރުއެމްގެ އިސް ސަފުގައި ހިމެނޭ އެ ޕާޓީގެ ސްލޮޓްގައި ސަރުކާރުގެ އިސް މަގާމުތަކުގައި ވެސް ތިއްބެވި ބޭފުޅުން ހިމެނޭހެން 8 ބޭފުޅަކު އެ ޕާޓީ ދޫކޮށްލީ އިއްޔެއެވެ.
އެމްއާރްއެމުން އިއްޔެ ވަކިވި މެމްބަރުންނަކީ، ޕާޓީގެ އެއް ނައިބު ރައީސް މޯލްޑިވް ގޭސްގެ މެނޭޖިން ޑައިރެކްޓަރުގެ މަގާމުގައި ހުންނެވި ޝަޒާއިލް ޝިޔާމް، އެ ޕާޓީގެ އެކްސްކޯގެ މެންބަރު އެމްއައިޓީޑީސީގެ މެނޭޖިން ޑައިރެކްޓަރު ގެ މަގާމުގައި ހުންނެވި މުހައްމަދު ރާއިދު، އެ ޕާޓީގެ ޒުވާނުންގެ ކައުންސިލްގެ ރައީސް ޓޫރިޒަމް މިނިސްޓްރީގެ ސީނިއާ ޕޮލިީ ޑިރެކްޓަރު އިބްރާހިމް ފަރުހާދު އާއި އެމްޓީޑީސީގެ މެނޭޖިން ޑައިރެކްޓަރުގެ މަގާމުގައި ހުންނެވި ތަޒްމީލް އަބްދުއްސަމަދު އާއި، އަބޫދާބީއަށް ރާއްޖެއިން ކަނޑައަޅާފައި ހުންނަ ޑެޕިއުޓީ އެމްބެސެޑަރު ގެ މަގާމުގައި ހުންނެވި މުހައްމަދު ފައިސަލް އެވެ.
މީގެ އިތުރުން އެ ޕާޓީ ދޫކޮށްލި މެންބަރުންގެ ތެރޭގައި ހިމެނެނީ އެ ޕާޓީގެ ސްޕޯކްޕާޝަން ހެރިޓޭޖް މިނިސްޓްރީގެ ޑިރެކްޓާ އޮފް ކޮމިއުނިކޭޝަން އިސްމާއިލް ނާއިލް ނަޝީދު އާއި ފިޝަރީޒް މިނިސްޓްރީގެ ސީނިއާ އެކްޒެކެޓިވް ޑިރެކްޓަރު އަބްދުލް ހަމީދު އަހްމަދު އެވެ. އަދި އެމްއާރްއެމް އެކްސްކޯ މެންބަރެއްގެ ގޮތުގައި ހުންނެވި ހަސަން ހައްޔާން އަހްމަދު ވެސް ވަނީ އެ ޕާޓީން ވަކިވެފައެވެ.
އެމްއާރުއެމުން ބުނެފައިވާގޮތުގައި އެ ޕާޓީގެ ސްލޮޓްގައި ސަރުކާރުގެ މަގާމުތަކަށް އައްޔަނު ކުރުމަށް ވަކިވި މެންބަރުންގެ ނަންތައް ފޮނުވީ އެ ބޭފުޅުންނަކީ ގާބިލު ބޭފުޅުންކަން އިނގޭތީ ކަމަށެވެ. އެހެންކަމުން އެ ބޭފުޅުން ސަރުކާރުގައި ފުރުއްވަމުން ގެންދަވާ ސަރުކާރުގެ މަގާމުތަކުގައި ދެމި ތިބުމަކީ އެ ޕާޓީން އެދޭގޮތް ކަމަށް ބުނެފަވެއެވެ.
އެ ޕާޓީން ބުނީ އެ ޕާޓީ ފެށިގެން އައީ އަދި ކުރިއަށް ދާނީ ވެސް ޤައުމީ މަސްލަހަތު އިސްކޮށް، ރައްޔިތުންގެ ލާބަޔާއި މަންފާއަށް މަސައްކަތްކުރުމުގެ މަތީގައި ކަމަށެވެ. އަދި އެ މަޤްސަދު ހާސިލު ކުރުމަށްޓަކައި ހުއްޓުމެއްނެތި މަސައްކަތް ކުރާނެ ކަމަށް ވެސް ބުންޏެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!