ރާއްޖޭގައި "ރުކުގެ އާ ޖީލެއް" ބިނާކުރުމަށް މިނިސްޓްރީ އޮފް ފިޝަރީޒް، މެރިން ރިސޯސަސް އެންޑް އެގްރިކަލްޗަރ އިން ފައްޓަވާފައިވާ ޕްރޮގްރާމްގެ ދަށުން ހއ. އުތީމާއި އެ އަތޮޅު ހޯރަފުށީގައި ރުއް އިންދައިފިއެވެ.

މެއި 5 ވަނަ ދުވަހު މި ޕްރޮގްރާމް ފަށާފައި ވަނީ ހދ. ވައިކަރަދޫގައެވެ. މި ޕްރޮގްރާމް ފައްޓަވައިދެއްވީ ދަނޑުވެރިކަމާއި ބެހޭ ވަޒީރުު ޑރ. ހުސައިން ރަޝީދު ހަސަންއެވެ.

Ad
rt

މި ޕްރޮގްރާމްގެ ދަށުން އުތީމުގައި ރުއް އިންދާފައި ވަނީ އިއްޔެ ހެނދުނުއެވެ. ހޯރަފުށީގައި ރުއް އިންދާފައި ވަނީ އިއްޔެ ހަވީރުއެވެ.

މި ހަރަކާތުގައި އެ ދެ ރަށުގެ ރަށުގެ ކައުންސިލާއި، އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީއާއި، ޒުވާނުންނާއި، ދަނޑުވެރިންނާއި، ބައެއް ސްކޫލް ދަރިވަރުންނާއި އަދި މުއައްސަސާތަކުން ބައިވެރިވިކަމަށް ދަނޑުވެރިކަމާބެހޭ ވުޒާރާއިން ހާމަ ކުރައްވާފަވެއެވެ.

ރުކުގެ އާ ޖީލެއް ރާއްޖޭގައި ބިނާކުރުމަށް ސަރުކާރުންހިންގާ ރުއް އާލާކުރުމުގެ ޤައުމީ ޕްރޮގްރާމްގެ ދަށުން ރުއް އިންދުމަށް ދަނޑުވެރިކަމާއިި ބެހޭ ވުޒާރާގެ ޓީމަކުން ބޮޑުތިލަދުންމައްޗަށް މި މަހުގެ 5 އިން 6 އަށް ކުރި ދަތުރުގައި ރުއް އިންދާފައި ވަނީ ހދ. އަތޮޅުން ވައިކަރަދޫ އާއި ނޭކުރެންދޫ ގައެވެ. އަދި ހއ. އަތޮޅުން އުތީމު އަދި ހޯރަފުށީގައެވެ.

މި ޕްރޮގްރާމް ހިންގުމަށްޓަކައި މޯލްޑިވްސް ގްރީން ފަންޑުގެ މާލީއެހީގައި 3 އަހަރު ނުވަތަ 4 އަހަރުތެރޭ ފޯދޭ، ކުރު ރުކުގެ (ޑްވާފް ކޮކޮނަޓްގެ) ފެއްސާއި އޮރެންޖު ކުލައިގެ މަތިވަރު ލިބޭ 5000 ރުއް ހޯދައިގެން ރާއްޖެ ގެނެސްފައިވާއިރު، މި ރުއް ތައް ހަނިމާދޫ އެގްރިކަލްޗަރ ސެންޓަރުގައި ބަހައްޓައިގެން ކަރަންޓީނުކޮށް ބަލިނެތްކަން ކަށަވަރުކޮށްފައިވާ ކަމަށް ދަނޑުވެރިކަމާބެހޭ ވުޒާރާ އިން ވިދާޅުވެއެވެ.