އދ. ދިއްދޫ ކައުންސިލުން ހުސްވެފައިވާ ގޮނޑީގެ ބައި އިލެކްޝަން، މޯލްޑިވްސް ނެޝެނަލް ޕާޓީ (އެމްއެންޕީ)ގެ ކެންޑިޑޭޓް އަނީސް މުޙައްމަދު ކާމިޔާބު ކޮށްފިއެވެ.
މިއަދު އޮތް އދ. ދިއްދޫ ކައުންސިލުން ހުސްވެފައިވާ ގޮނޑީގެ ބައި އިލެކްޝަންގައި ވާދަކުރީ އެމްއެންޕީގެ ކެންޑިޑޭޓް އަނީސް މުހައްމަދުގެ އިތުރުން އަމިއްލަ ކެންޑިޑޭޓް ރަޝީދާ އާދަމްއެވެ.
މި އިންތިޚާބުގެ ވަގުތީ ނަތީޖާ އިލެކްޝަން ކޮމިޝަން (އީސީ) އިން މިހާރު ޢިއުލާންކޮށްފައިވާއިރު، އެމްއެންޕީގެ އަނީސް އަށް ލިބިފައި ވަނީ 62 ވޯޓެވެ. އަމިއްލަ ކެންޑިޑޭޓް ރަޝީދާ އަށް 57 ވޯޓު ލިބުނެވެ.
މި އިންތިޚާބުގައި ވޯޓު ދިނުމުގެ ހައްގު ލިބިގެންވާ މީހުންގެ އަދަދަކީ 147 އެވެ. މިއަދުގެ ވޯޓުގައި ބާތިލު އެއްވެސް ވޯޓެއް ނެތްއިރު، ވޯޓު ދިނުމުގެ ޙައްޤު ލިބިގެންވާ މީހުންގެ 80.95 އިންސައްތަ މީހުން ވަނީ ވޯޓު ލާފައެވެ. އެއީ 119 ވޯޓެވެ.
އދ. ދިއްދޫ ކައުންސިލުން ގޮނޑިއެއް ކާމިޔާބުކުރުމަކީ އެމްއެންޕީގެ ކުރު ތާރީޚުގައި ހޯދި ކާމިޔާބީއެއްގޮތުގައި ފާހަގަކުރެވޭއިރު، އެ ޕާޓީން މީގެ ކުރިން ވަނީ ބައެއް ރަށްތަކުގެ އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީގެ ބައި-އިލެކްޝަން ތައް ވެސް ކާމިޔާބުކޮށްފައެވެ. އޭގެ ތެރޭގައި ށ. ކޮމަންޑޫ އާއި ތ. ވަންދޫ ހިމެނެއެވެ.
އެމްއެންޕީ އުފެއްދުމުގެ ހުއްދަ އީސީން ދީފައި ވަނީ 15 ޖުލައި 2021 ގައެވެ. އެ ޕާޓީ އުފެއްދުމުގެ ބައްދަލުވުން 9 އޮކްޓޯބަރު 2021 ގައި ބާއްވާފައިވާއިރު، އެ ޕާޓީ ރަސްމީކޮށް ރަޖިސްޓްރީ ކުރުމަށް އިލެކްޝަން ކޮމިޝަނަށް ހުށަހަޅާފައި ވަނީ 15 ސެޕްޓެމްބަރ 2021 ވަނަ ދުވަހުއެވެ. އަދި އެމްއެންޕީ ރަޖިސްޓަރީކޮށް ސިޔާސީ ޕާޓީތަކުގެ ދަފްތަރުގައި ހިމެނީ 25 އޮކްޓޯބަރު 2021 ގައެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!