އއ. ރަސްދޫ ޕޮލިސް ސްޓޭޝަންގެ ބެލުމުގެ ދަށުގައި ހުއްޓާ ފިލާފައިވާ މީހާ ރަސްދޫ ކައިރީ އޮންނަ ރަށެއްގެ ފަޅުތެރޭގައި ހުއްޓާ ފެނިއްޖެއެވެ.
ރަސްދޫ ފުލުހުންގެ އިދާރާގައި ބަންދުގައި ހުއްޓާ ފިލާފައިވަނީ އއ. ހިމަންދޫ، ދަނބުގެ ހުސައިން ޝަޙްބާނެވެ. އޭނާއަކީ އުމުރުން 25 އަހަރުގެ މީހެކެވެ.
އޭނާ ފިލާފައިވަނީ މި މެއި މަހުގެ 5 ވަނަ ދުވަހު ގޮޅިން ނެރެފައި ހުއްޓައެވެ. އޭނާ ހޯދުމަށް އާންމުންގެ އެހީތެރިކަމަށް ވެސް ފުލުހުން މިއަދު އެދުނެވެ.
ފުލުހުން މިރޭ ވިދާޅުވީ، ފުލުހުންގެ ބަންދުގައި ހުއްޓާ ފިލުމާ ގުޅިގެން ހޯދަމުންދިޔަ އއ. ހިމަންދޫ /ދަބުގެ، ޙުސައިން ޝަޙްބާން (25އ) ވަނީ 18:35 އެހައިކަންހާއިރު އއ. ރަސްދޫއާ ކައިރީ އޮންނަ ރަށެއްގެ ފަޅުތެރެއިން ފެނިފައި ކަމަށެވެ.
''އޭނާގެ ހާލު ރަނގަޅު އަދި މިހާރު ހުރީ ފުލުހުންގެ ބެލުމުގެ ދަށުގައި. ޙުސައިން ޝަޙްބާންއާ ގުޅޭ މައުލޫމާތު ހިއްސާ ކުރުމަށް އެދި ސޯޝަލް މީޑިއާގައި ކުރި ޕޯސްޓް ޝެއާކޮށްދެއްވި އެންމެހައި ފަރާތްތަކަށް ޝުކުރު ދަންވަން.'' ފުލުހުން ވިދާޅުވެފަވެއެވެ.
އޭނާ ފިލި މައްސަލައާއި ގުޅިގެން ސޯޝަލް މީޑިއާގައި ތަފާތު އެކި ގޮތްގޮތަށް ވާހަކަ ދެކެވެމުން އަންނާތީ، ދިވެހި ފުލުހުންގެ ޚިދުމަތުން ވަނީ އާންމުންގެ ހިތުގައި ބިރުވެރިކަން އުފެދޭގޮތަށް ސައްހަނޫން ދޮގު މައުލޫމާތު ނުފެތުރުމަށް އިލްތިމާސް ކޮށްފައެވެ.
އޭނާ އަކީ މަސްތުވާތަކެތީގެ މައްސަލައެއްގެ ތުހުމަތުގައި ޝަރީއަތް ނިމެންދެން ބަންދުކުރަން އަމުރު ކޮށްފައިވާތީ ރަސްދޫ ޕޮލިސް ސްޓޭޝަންގެ ބަންދުގައި ހުރި މީހެކެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!