އިޓާލިއަން ލީގުގައި ރޭ ނަޕޯލީއާއި އުދިނޭޒީ ބައްދަލުކުރި މެޗުން ހޯދި ޕޮއިންޓާއިއެކު ނަޕޯލީން 33 އަހަރަށް ފަހު ލީގު ޗެމްޕިއަންކަން ހޯދައިފިއެވެ.
ނަޕޯލީން ލީގުގެ ޗެމްޕިއަނަކަން ކަށަވަރު ކޮށްފައި މިވަނީ ލީގުގައި ބާކީ ފަސް މެޗު އޮއްވައެވެ. މީގެ ކުރިން ނަޕޯލީން ދެ ފަހަރެއްގެ މަތީން ލީގު ކާމިޔާބު ކޮށްފައިވެއެވެ. އެއީ 1987 އަދި 1990 ގައެވެ. އެއީ އެ ޓީމުން ބަތަލެއްގެ މަޤާމް ދީފައިވާ އަދި ދުނިޔޭގައި އުފެދުނު އެންމެ މޮޅު އެއް ފުޓްބޯޅަ ކުލުންތެރިޔާ ޑިއެގޯ މަރަޑޯނާ އެ ޓީމަށް ކުޅުނުއިރުއެވެ.
ރޭ ނަޕޯލީއާއި އުދިނޭޒީ ބައްދަލުކުރި މެޗު ނިމިގެން ގޮސްފައި ވަނީ 1-1 ގެ ނަތީޖާއިން ދެ ޓީމް އެއްވަރުވެގެންނެވެ. މި މެޗުގައި ފުރަތަމަ ލަނޑުޖަހައި ކުރި ހޯދީ އުދިނޭޒީންނެވެ. މެޗުގެ 13 ވަނަ މިނެޓުގައި އުދިނޭޒީއަށް މި ލަނޑު ޖަހައި ދީފައިވަނީ ސޭންޑީ ލޮވްރިޗެވެ. ނަޕޯލީން މި މެޗުގެ ނަތީޖާ ހަމަހަމަ ކޮށްފައި ވަނީ ދެވަނަ ހާފުގެ ކުރީކޮޅު ވިކްޓަ އޮސީމެން ކާމިޔާބު ކޮށްދިން ލަނޑުންނެވެ.
ފަސް މެޗު ބާކީ އޮއްވައި ނަޕޯލީއަށް ލީގުގެ ޗެމްޕިއަންކަން ކަށަވަރުވެފައިވާއިރު، އެ ޓީމަށް 33 މެޗުން ލިބިފައި ވަނީ 80 ޕޮއިންޓެވެ. ދެވަނާގައި އޮތް ލާޒިއޯއަށް 33 މެޗުން 64 ޕޮއިންޓް ލިބިފައިވާއިރު، ޔުވެންޓަސް ތިންވަނާގައި އޮތީ 33 މެޗުން ލިބުނު 63 ޕޮއިންޓާއި އެކުގައެވެ. މި ވަގުތު ހަތަރުވަނާގައި އޮތީ އިންޓަ މިލާނެވެ. އިންޓައަށް 33 މެޗުން ލިބިފައި ވަނީ 60 ޕޮއިންޓެވެ.
ރޭ މެޗަށް ފަހު އުދިނޭޒީގެ ދަނޑުގައިތިބި ނަޕޯލީގެ ސަޕޯޓަރުން ވަނީ ވަރަށް ބޮޑަށް އުފާފާޅު ކޮށްފައެވެ. މީގެއިތުރުން ނަޕޯލީގެ މަގުތަކަށް އެ ސިޓީގެ މީހުން ނުކުމެ ވަނީ އުފާފާޅުކޮށްފައެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!