އިސްލާމީ ފަތުވާދޭ އެންމެ މަތީ މަޖިލިސް އެކުލަވާލުމުގެ މަސައްކަތް ސަރުކާރުން ކުރަމުންދާ ކަމަށް ތަރުޖަމާން މިއުވާން މުހައްމަދު ވިދާޅުވެއްޖެއެވެ.

ކޮންމެ ހަފުތާއެއްގެ ބުރާސްފަތި ދުވަހު ބާއްވާ ނޫސްވެރިންގެ ބައްދަލުވުމުގައި މިއުވާން ވިދާޅުވީ އެމަސައްކަތް ވަރަށް އަވަހަށް ނިމޭނެ ކަމަށެވެ.

Ad
rt

އޭނާ ވިދާޅުވީ މިހާރުވެސް އެމަސައްކަތް ކުރިއަށް ދާ ކަމަށާއި ވަރަށް އަވަހަށް އެމަސައްކަތް ނިމެނޭ ކަމަށެވެ. އެހެންނަމަވެސް އިތުރު އެއްވެސް ތަފްސީލެއް ހާމައެއް ނުކުރެއެވެ.

ފަތުވާ މަޖިލީހަކީ، ދިވެހިރާއްޖޭގައި ދީނީ ގޮތުން ޚިޔާލު ތަފާތުވުން އުފެދޭ ކަންކަމުގައި، ސަރުކާރަށާއި ރައްޔިތުންނަށް ދީނީ ފަތުވާ ފޯރުކޮށްދިނުމަށް އުފައްދާފައިވާ މަޖިލީހެކެވެ. އަދި ފިގްހީ އައު މައްސަލަތަކުގެ ދިރާސާތައްކޮށް، އެކަންކަމާއި ގުޅޭ ދީނީ ލަފާ ފޯރުކޮށްދިނުމަކީ ވެސް "އިސްލާމީ ފަތުވާދޭ އެންމެ މަތީ މަޖިލިސް" ކަމެކެވެ.

ސަރުކާރުން ވަނީ ފަތުވާދޭ މަޖިލިސް އެކުލެވިގެން ގޮތަށް ބަދަލު ގެނެސް ރައްޔިތުންގެ ދީނީ އެއްބައިވަންތަކަން ހިމާޔަތްކުރުމުގެ ގާނޫނު މުރާޖައާކުރުމުގެ މަސައްކަތް ކުރަމުންދާކަމަށް މީގެ ކުރިންވެސް އެކި ފަހަރު މަތީން ވަނީ ހާމަކޮށްފައެވެ.

މިގޮތުން ދީނީ އެއްބައިވަންތަކަން ޙިމާޔަތްކުރުމުގެ ޤާނޫނަށް އިސްލާހު ގެންނައުމަށްޓަކައި، މިއަދު ބަންޑާރަ ނައިބުގެ އޮފީހުގައި ކަމާއި ގުޅުންހުރި އިދާރާތަކާއެކު ބޭއްވުނު ބައްދަލުވުމުގައި، ވަނީ ޤާނޫނަށް ގެންނަން ފެންނަން މައިގަނޑު އިސްލާހުތަކާއި ގުޅޭގޮތުން ފުޅާ ދާއިރާއެއްގައި މަޝްވަރާ ކުރައްވާފައެވެ.

ޤާނޫނަށް އިޞްލާޙު ގެނައުމަށް މަޝްވަރާކުރެވުނު މައިގަނޑު ކަންކަމަކީ:

* ފަތުވާދޭ މަޖިލިސް އެކުލެވިގެންވާ ގޮތާއި މަސްއޫލިއްޔަތުތައް މުރާޖަޢާކުރުން
* ހަރުކަށިފިކުރު ހުއްޓުވުމަށް ޤާނޫނަށް ގެންނަންޖެހޭ އިޞްލާޙުތައް ދެނެގަތުން
* ކޮންމެ މައްސަލައަކަށް ޖިނާއީ ޢަދުލުގެ ނިޒާމުން ހަމައެކަނި ހައްލުހޯދުމުގެ ބަދަލުގައި ކަމާގުޅުންހުރި ދައުލަތުގެ އިދާރާތަކުން އިދާރީ ހައްލު ހޯދޭނެ ގޮތްތައް ދެނެގަތުން
* ޒަމާނީ ވަސީލަތްތައް މެދުވެރިކޮށް ޙަޤީޤަތާޚިލާފު މަޢުލޫމާތު ފެތުރުން ހުއްޓުވުމަށް އެޅޭނެ ފިޔަވަޅުތައް ދެނެގަތުން

އިސްލާމީ ފަތުވާދޭ އެންމެމަތީ މަޖިލީހުގެ މަސްއޫލިއްޔަތުގެ ތެރޭގައި ދައުލަތުގެ މުއައްސަސާތަކުން މަޖިލީހުގެ ލަފަޔަކަށް އެދޭ ދީނީ ކަންކަމުގައި އެފަރާތްތަކަށް ބޭނުންވާ އިސްތިޝާރީ ލަފާ ފޯރުކޮށްދެއްވުމާއި، ރައްޔިތުންގެ ދީނީ ޚިޔާލު ތަފާތުވުންތައް އުފެދޭ މައްސަލަތައް ދެނެގަނެ އެކަންކަމުގެ ދިރާސާކޮށް އެމަޖިލީހުގެ ފަތުވާ ޢާންމުންނަށް ލިބޭނެގޮތް ހެއްދެވުން ހިމެނެއެވެ.