އިޖްތިމާޢީ ރައްކާތެރިކަމުގެ ނިޒާމު ހަރުދަނާކުރެއްވުމުގައި، މި ސަރުކާރުން ބޮޑެތި ކުރިއެރުންތަކެއް ހޯއްދަވާފައިވާ ކަމަށް ނައިބު ރައީސް ފައިސަލް ނަސީމް ވިދާޅުވެއްޖެއެވެ.
އެމަނިކުފާނު މިހެން ވިދާޅުވީ "އެކްޝަން ޕްލޭން ޓު ސްޓްރެންތެން ރީޖަނަލް ކޯޕަރޭޝަން އޮން ސޯޝަލް ޕްރޮޓެކްޝަން އޮފް މޯލްޑިވްސް" އިފްތިތާޙްކޮށްދެއްވައި ދެއްކެވި ވާހަކައިގައެވެ.
ހޮޓެލް ޖެން ގައިި މިއަދު ހެނދުނު ބޭއްވި ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުން އެމަނިކުފާނު ވިދާޅުވީ ސަރުކާރުގެ އަމާޒަކީ ގައުމީ އިޖްތިމާއީ ރައްކާތެރިކަމުގެ އައު އޮނިގަނޑުގެ ތެރެއިން އިޖްތިމާއީ ރައްކާތެރިކަން ކަށަވަރުކުރެވޭގޮތަށް އެކަންއަލުން މުރާޖައާކުރުން ކަމަށެވެ.
މީގެ ތެރެއިން އިންޝުއަރެންސް ސްކީމްތަކާއި، އިޖުތިމާއީ އެހީތެރިކަމުގެ ޕްރޮގްރާމްތައް މެދުވެރިކޮށް ރާއްޖޭގެ އިޖްތިމާއީ ރައްކާތެރިކަމުގެ ނިޒާމް އިތުރަށް ހަރުދަނާކުރުމުގެ މުހިންމުކަން ވެސް ވަނީ ފާހަގަ ކުރައްވާފައެވެ.
ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކަށް އަމާޒުކޮށްގެން ނެޝަނަލް ސޯޝަލް ޕްރޮޓެކްޝަން އެޖެންސީ (އެންސްޕާ) ގެ ރެޖިސްޓްރީ ޕޯޓަލެއް ތައާރަފްކޮށްފައިވާކަން ފާހަގަކުރައްވައި ނައިބު ރައީސް ވިދާޅުވީ ނުކުޅެދުންތެރިކަން ހުންނަ މީހުންގެ ދަފްތަރު އެކުލަވާލާފައި ވަނީ ދުނިޔޭގެ ޞިއްޙަތު ޖަމުޢިއްޔާ (ޑަބްލިއުއެޗްއޯ) ގެ މިންގަނޑުތަކާއި އެއްގޮތަށް ކަމަށެވެ.
މީގެ އިތުރުން ރާއްޖެއިން ޔުނިވާސަލް ކޭޝް ޓްރާންސްފަރ ޚިދުމަތާއި، ތެރަޕިއުޓިކް އައިޓަމް އެލަވަންސް އަދި އެސިސްޓިވް ޓެކްނޮލޮޖީ ނުކުޅެދުންތެރިކަން ހުންނަ މީހުންނަށް ހޯދައިދިނުމަށް މަސައްކަތް ކުރެވެމުން އަންނަކަން ވެސް ވަނީ ފާހަގަކުރައްވާފައެވެ.
"އެކަނިވެރި މައިންނަށް ދެވޭ އެލަވަންސާއި، ޔުޓިލިޓީސް ބިލްތައް ދެއްކުމަށް ފޯރުންތެރިކަން ނެތް ޢާއިލާތަކަށް އިނާޔަތް ފޯރުކޮށްދިނުމާއި، ޕެންޝަން ސްކީމަށް ގެނެވުނު ބަދަލުތަކަކީ ރާއްޖޭގެ އެތައް ބައެއްގެ ދިރިއުޅުމަށް ހެޔޮ ބަދަލުތަކެއް ގެނުވި ކަންތައްތަކެއް." ނައިބު ރައީސް ވިދާޅުވިއެވެ.
ހަމަމިއާއެކު ރައްޔިތުންގެ ދިރިއުޅުމުގެ ޙާލަތު ރަނގަޅު ކުރުމަށް އެންމެން ގުޅިގެން މަސައްކަތް ކުރުމުގެ މުހިންމުކަމުގެ މައްޗަށް އަލިއަޅުއްވާލައްވައި، ވިދާޅުވީ އެކްޝަން ޕްލޭން އޮން ސްޓްރެންތެން ރީޖަނަލް ކޯޕަރޭޝަން އޮން ސޯޝަލް ޕްރޮޓެކްޝަނަށް ރާއްޖެއިން ވަރަށް ބޮޑަށް ތާއީދުކުރާ ކަމަށެވެ.
ރީޖަނަލް އެކްޝަން ޕްލޭނަކީ، ސަރަޙައްދީ އިޖްތިމާޢީ ރައްކާތެރިކަމުގެ ނިޒާމްތައް ހަރުދަނާކުރެވޭނެ ގޮތްތަކުގެ، އައު ވިސްނުންތަކުގެ މަޝްވަރާތަކާއި ސިޔާސަތުތައް ބައްޓަންކުރުމަށް މަގުފަހިކުރުވާ ޕްލެޓްފޯމެކެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!