ޕްރޮގްރެސިވް ކޮންގްރެސް ކޯލިޝަންގެ ލީޑަރޝިޕްގެ ދެ ލީޑަރުން ކޮލަމްބޯއަށް ވަޑައިގަންނަވާ ގޮތަށް ހަމަޖެހިފައިވާ ކަމަށް އެ ކޯލިޝަނުން ބުނެފިއެވެ.
އެ ކޯލިޝަނުން ބުނީ ކޮލަމްބޯ އަށް ވަޑައިގަންނަވާނީ ޕީއެންސީގެ ނައިބު ރައީސް އަދި މާވަށު ދާއިރާގެ މެމްބަރު މުހައްމަދު ސައީދާއި ޕީއެންސީގެ ޕީޖީ ލީޑަރު އަދި މަޑުއްވަރީ ދާއިރާގެ މެމްބަރު އާދަމް ޝަރީފް ކަމަށާއި އެ ދެ ބޭފުޅުން މިއަދު ފުރާވަޑައިގަންނަވާނެ ކަމަށް ވެސް ބުނެއެވެ.
އެ ދެބޭފުޅުން ކޮލޮމްބޯއަށް ވަޑައިގެން ބޭރުގެ ޑިޕްލޮމެޓުންނާއި ރައީސް ޔާމީންގެ ޝަރީއަތް ހިނގަމުންދާގޮތުގެ ކަންބޮޑުވުން ހިއްސާ ކުރައްވާނެ ކަމަށް ވެސް އެ ކޯލިޝަނުން ބުނެއެވެ.
މީގެ އިތުރުން ރައީސް ޔާމީންގެ އިސްތިއުނާފްގެ މައްސަލަ އަދިވެސް ތާވަލް ނުކުރާތީ އާއި ދަށު ކޯޓުގައި ހުރި މައްސަލަތައް ފަތުއަޑު ކިޔާފައި ކުރިއަށް ގެންދާތީ އެކަމުގެ ކަންބޮޑުވުން ހިއްސާކުރުމަށް ނިންމާފައިވާ ކަމަށް ވެސް ބުނެއެވެ. އަދި ޔާމީނަށް ގާނޫނުތަކުން ލިބެންޖެހޭ އެތަކެއް ހައްގުތަކެއް މިކަންކަމުގެ ސަބަބުން ގެއްލިގެންދާ މައްސަލަ ވެސް ހިއްސާކުރުމަށް ނިންމާފައިވާ ކަމަށް ބުނެއެވެ.
މީގެ އިތުރުން ދާދި ފަހުން ހޯމް މިނިސްޓަރ އިމްރާން އަބްދުﷲ ގެ ޓުވީޓުން ޔާމީނާއި ދޭތެރޭ ޒާތީ ވެފައިވާ މިންވަރު ހާމަވާތީއާއި އެކަމަކީ ޔާމީންގެ ރައްކާތެރިކަމާމެދު އެ ކޯލިޝަނުން ކަންބޮޑުވާ ކަމަކަށްވާތީ އެކަމާ ބެހޭ މައުލޫމާތު ވެސް އެ ދެބޭފުޅުން ހިއްސާކުރުމަށް ނިންމާފައިވާ ކަމަށް އެ ކޯލިޝަނުން ބުނެއެވެ.
ޕްރޮގްރެސިވް ކޯލިޝަނުން ބުނީ ޔާމީނަކީ އެ ކޯލިޝަންގެ ރިޔާސީ ކެންޑިޑޭޓަށްވާއިރު، އެމަނިކުފާނަށް ކެމްޕެއިން ކުރުމުގެ ހައްގުތަކުން މަހްރޫމްކޮށް ސިޔާސީ ބޭނުމަކަށް އެމަނިކުފާނު ޖަލަށް ލައިގެން މިސަރުކާރުން ގަސްތުގައި އަނިޔާދެމުންދާ މައްސަލައިގެ ކަންބޮޑުވުން ވެސް ބޭރުގެ ސަފީރުންނާ ހިއްސާ ކުރައްވާނެ ކަމަށެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!