އިންޑިއާ ސަރުކާރުން ރާއްޖެއަށް ހަދިޔާކުރެއްވި، އޯފްޝޯ ޕެޓްރޯލް ވެސަލް، ސިފައިންގެ އެންމެ މަތީވެރިޔާ އަދި ރައީސް އިބްރާހީމް މުޙައްމަދު ޞާލިޙް ކަމިޝަންކޮށްދެއްވައިފިއެވެ.

ހުޅުމާލޭގައި އެމްއެންޑީއެފް ކޯސްޓްގާޑުގެ އުޅަނދުފަހަރު ބަނދަރުކުރާ ސަރަޙައްދުގައި މިއަދު ހެނދުނު ބޭއްވި ރަސްމިއްޔާތުގައި މި އުޅަނދު ކަމިޝަންކޮށްދެއްވައި ޚިދުމަތަށް ނެރެދެއްވުމުގެ ގޮތުން، އެ އުޅަނދުގައި ނެގުމަށް ދިވެހި ޤައުމީ ދިދަ، ކޮމާންޑިންގ އޮފިސަރަށް ޙަވާލުކޮށް ދެއްވައި، އުޅަނދުގެ ނަންބޯޑު ކަޝްފުކޮށްދެއްވީ ރައީސް އެވެ.

Ad
rt

"ސީ.ޖީ.އެސް ހުރަވީ" ގެ ނަން ދީފައިވާ މި އުޅަނދަކީ، ކުރިން އިންޑިއާ ސަރުކާރުން ހަދިޔާކުރެއްވި، "ސީ.ޖީ.އެސް ހުރަވީ" ގެ ނަމުގައި ބޭނުން ކުރަމުން އައި އުޅަނދުގެ ބަދަލުގައި ދެއްވާފައިވާ އުޅަނދެކެވެ.

އިންޑިއާ ސަރުކާރުން ރާއްޖެއަށް ހަދިޔާކުރެއްވި، އޯފްޝޯރ ޕެޓްރޯލް ވެސަލްގެ އިތުރުން، ލޭނޑިންގ ކްރާފްޓް ދިވެހި ސަރުކާރާއި ޙަވާލުކުރެއްވުމުގެ ގޮތުން އެ ދެ އުޅަނދުގެ މޮޑެލް، މިނިސްޓަރ އޮފް ޑިފެންސް އަލްއުސްތާޛާ މާރިޔާ އަޙްމަދު ދީދީއާ ޙަވާލުކޮށްދެއްވީ، އިންޑިއާގެ ޑިފެންސް މިނިސްޓަރ ރަޖްނަތު ސިންގއެވެ.

މީގެ އިތުރުން އިންޑިއާގެ މި ހަދިޔާގެ އަގުވަޒަން ކުރައްވައި ޚާއްޞަ ހަނދާނީ ފިލައެއް މާރިޔާ ވަނީ އިންޑިއާގެ ޑިފެންސް މިނިސްޓަރ ރަޖްނަތު ސިންގއަށް އަރުވާފައެވެ.

އިންޑިއާ ސަރުކާރުން މި ހަދިޔާކުރި އުޅަނދުތަކުގެ ސަބަބުން އެމްއެންޑީއެފް ކޯސްޓްގާޑުގެ އޮޕަރޭޝަނަލް ޤާބިލްކަން އިތުރުވެ، ރާއްޖޭގެ ދިފާޢު އަދި ސަލާމަތާއި ރައްކާތެރިކަން ދެމެހެއްޓުމުގައާއި ރާއްޖޭގެ ކަނޑުގެ ސަރަޙައްދުތައް ބެލެހެއްޓުމަށް ކުރާމަސައްކަތް އިތުރަށް ހަރުދަނާވެގެންދާނެއެވެ.

މި ރަސްމިއްޔާތުގައި، އިންޑިއާގެ ޑިފެންސް މިނިސްޓަރ ރަޖްނަތު ސިންގ އާއި ރާއްޖޭގެ ޑިފެންސް މިނިސްޓަރ އަލްއުސްތާޛާ މާރިޔާ އަޙްމަދުދީދީއާ، އިންޑިއާއިން ރާއްޖެއަށް ކަނޑައަޅުއްވާފައިވާ ސަފީރު މުނޫ މަހާވަރާއި، އިންޑިއާ ސަރުކާރުގެ ވަފުދުގެ ބޭފުޅުންގެ އިތުރުން ސިފައިންގެ ސީނިއަރ އޮފިސަރުން ބައިވެރިވެވަޑައިގެންނެވިއެވެ.