މަސައްކަތްތެރިންގެ ޙައްޤުގައި ކުރަންޖެހޭ ކިތަންމެ ކަމެއް އަދިވެސް އެބަހުރިކަމަށް ރައީސް އިބްރާހިމް މުހައްމަދު ސާލިހު ވިދާޅުވެއްޖެއެވެ.
ބައިނަލްއަޤުވާމީ މަސައްކަތްތެރިންގެ ދުވަހުގެ މުނާސަބަތުގައި އެމަނިކުފާނު ފޮނުއްވި ޚިޠާބުގައި ވޭތުވެދިޔަ މިދިޔަ ހަތަރު އަހަރެއްހާ ދުވަހު، މަސައްކަތްތެރިންގެ ޙައްޤުގައި، ދިވެހި ސަރުކާރުގެ ފަރާތުން އަޅާފައިވާ މުހިންމު ފިޔަވަޅުތަކަށް ވެސް އަލިއަޅުވާލައްވާފައިވެއެވެ.
އެގޮތުން ވިހެއުމާއި ގުޅިގެން ކޮންމެ މަންމައަކަށް 6 މަސްދުވަހުގެ މެޓަރނިޓީ ލީވް، އަދި ބައްޕައަށް 1 މަސް ދުވަހުގެ ޕެޓަރނިޓީ ލީވް ސަރުކާރުން، ހަމަޖެއްސަވާފައިވުމާއި މިނިމަމް ވޭޖް ކަނޑައެޅުއްވުން ފާހަގަކުރެއްވި އެވެ. އަދި ސާވިސް ޗާޖްގެ ފައިދާ، ފަތުރުވެރިކަމުގެ ދާއިރާގެ މުވައްޒަފުންނަށް ހަމަހަމައަށް ލިބިދެވޭނެ ގޮތަށް ޤާނޫނަށް ގެންނެވި ބަދަލު ވެސް ފާހަގަކުރެއްވިއެވެ.
މީގެ އިތުރުން ދައުލަތުގެ ތަފާތު ދާއިރާތަކުގައި ވަޒީފާ އަދާކުރާ މުވައްޒަފުންގެ މުސާރައަށް އެކަށީގެންވާ ހެޔޮ ބަދަލެއް ގެނައުމަށް ސަރުކާރުން ކުރަމުން އަންނަ މަސައްކަތަކީ، މުވައްޒަފުން ކުރާ މަސައްކަތާ އެކަށޭނަ މިންވަރަށް އުޖޫރަ ކަނޑައެޅުމަށާއި، މުވައްޒަފުންގެ މެދުގައި ހުރި އުޖޫރައިގެ ތަފާތުތައް ނައްތައިލުމަށް ކުރަމުން އަންނަ މުހިންމު މަސައްކަތެއްކަން ވެސް ރައީސް ވަނީ ފާހަގަކުރައްވާފައެވެ.
އެމަނިކުފާނުގެ ޚިޠާބުގައި، ޕްރައިވެޓް ސެކްޓާގެ ތަފާތު ދާއިރާތަކުގައި މަސައްކަތްކުރާ ފަރާތްތަކުގެ އިންސާނީ ކަރާމާތާއި، އެމީހުންނަށް ޤާނޫނީ ގޮތުން ލިބެންޖެހޭ ޙައްޤުތަކަށް ފުރިހަމައަށް ލިބިދިނުމަށް ވަނީ އިލްތިމާސް ކުރައްވާފައެވެ.
ރައީސްގެ ޚިޠާބުގައި މަސައްކަތްތެރިންނާއި އެމީހުންގެ ޢާއިލާތަކާއި މަސައްކަތްތެރިންނަށް ފަހި ގޮތްތައް ހޯދައިދިނުމަށް މަސައްކަތްކުރާ އަމިއްލަ ޖަމްޢިއްޔާތަކާއި ޖަމާޢަތްތަކަށް ތަހުނިޔާ ފޮނުއްވާފައިވެއެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!