ކީރިތި ޤުރްއާނަށް ލޯބިކުރާ، ދެ ޖިންސުގެ ވަރަށް ގިނަ ޒުވާނުންތަކެއް އަޅުގަނޑުމެންގެ ތެރޭގައި އެބަތިބިކަން ރަންތާޖު ޤުރުއާން މުބާރާތުން އެނގިގެން ހިނގައްޖެ ކަމަށް ރައީސް އިބްރާހިމް މުހައްމަދު ސާލިހު ވިދާޅުވެއްޖެއެވެ.
ރަންތާޖު ޤުރުއާން މުބާރާތް ނިންމުމުގެ ހަފްލާ ޝަރަފްވެރިކޮށްދެއްވާ ވާހަކަފުޅު ދައްކަވަމުން އެމަނިކުފާނު ވިދާޅުވީ އެ ޒުވާނުންނަށް ބޭނުންވަނީ އިތުރު ތަމްރީނާއި ތަޖުރިބާ ކަމަށެވެ. އޭރުން ބައިނަލްއަޤުވާމީ މުބާރާތްތަކުގައި ރަން ވަނަތައް ޙާޞިލުކުރާނެ އެތައް ޤާރީންނަކާއި އެތައް ޙާފިޒުންނެއް އުފެއްދޭނެ ކަމަށް ވިދާޅުވިއެވެ.
މީގެ އިތުރުން މި މުބާރާތުގެ މަޤްޞަދުތަކުގެ ތެރޭގައި ވެސް، ބައިނަލްއަޤުވާމީ ޤުރުއާން މުބާރާތްތަކުގައި ބައިވެރިވުމަށް ބޭނުންވާ ހުނަރު ލިއްބައިދިނުން ހިމަނާފައި އޮތުމަކީ ވެސް މި މުބާރާތް ޚާއްޞަވެގެންދާ މުހިންމު ސަބަބެއްކަން ރައީސް ވަނީ ފާހަގަކުރައްވާފައެވެ.
މިމުބާރާތުގައި، ޤުރްއާނުގެ ޢިލްމުގެ ބަޔާއި، ޤުރްއާން ތަފްސީރުގެ ބައި ހިމަނާފައި އޮތުމަކީ، މި މުބާރާތުގެ މަތިވެރިކަން އިތުރުވެގެންދާ ސަބަބެއްކަން ފާހަގަކުރައްވައި، ޒުވާނުންގެ ހިތްތަކުގައި ކީރިތި ޤުރްއާނަށް ލޯބިޖެއްސުމަށް ކުރާ މަސައްކަތާއި އެކަމުގެ މުހިއްމުކަމުގެ މައްޗަށް ވެސް އެމަނިކުފާނު ވަނީ އަލިއަޅުވާލައްވާފައެވެ.
ރަންތާޖު ޤުރުއާން މުބާރާތަކީ، އިސްލާމިކް މިނިސްޓްރީ އާއި ޔޫތް މިނިސްޓްރީ އަދި ރާއްޖެޓީވީ ގުޅިގެން ކުރިޔަށް ގެންދިޔަ މުބާރާތެކެވެ.
އެއްވަނަ ބައިވެރިޔާއަށް 3 ލައްކަރުފިޔާގެ ފައިސާގެ އިނާމް ހުށައަޅާފައިވާ މިމުބާރާތަކީ މިހައިތަނަށް ރާއްޖޭގައި ބޭއްވުނު އެންމެ ބޮޑު މުބާރާތެވެ.
މިމުބާރާތުގެ އޮޑިޝަނުގައި ރާއްޖޭގެ 6 ސަރަހައްދަކުން 111 މީހުން ބައިވެރިވިއިރު، މުބާރާތުގައި ވާދަކޮށްފައި ވަނީ 20 ބައިވެރިންނެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!