ދިވެހި ކަނޑުގެ ސަރަހައްދެއް ގެއްލިފައިވާ ކަމަށާއި، އެކަމުގެ ޒިންމާ ސަރުކާރުން ނަގަން ޖެހޭނެ ކަމަށް މޯލްޑިވްސް ނޭޝަނަލް ޕާޓީ (އެމްއެންޕީ) ގެ ރައީސް، ދަނގެތީ ދާއިރާގެ މެންބަރު، ކާނަލް ރިޓައާޑް މުހައްމަދު ނާޒިމް ވިދާޅުވެއްޖެއެވެ.

ޗާގޯސް މައްސަލައާއި ގުޅޭގޮތުން އެ ޕާޓީން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަ ދައްކަވަމުން ނާޒިމް ވިދާޅުވީ ޗާގޯސް މައްސަލައިގައި ނިންމި ނިންމުން ގަބޫލު ނުކުރައްވާ ކަމަށެވެ. އަދި ދިވެހިންގެ ހައްގުގައި މަސައްކަތް ކުރައްވާނެ ކަމަށެވެ.

Ad
rt

ދިވެހި ކަނޑުގެ ސަރަހައްދެއް ގެއްލުވާލުމުގެ ޒިންމާ ސަރުކާރުން ނަގަން ޖެހޭނެކަން ހާމަކުރައްވާ ނާޒިމް ވަނީ މި މައްސަލައިގާ ދިފާއީ ބާރުތައް ސިޔާސީ ނުވެ، ޒިންމާ އަދާ ކުރެއްވުމަށް ވެސް ގޮވައިލައްވާފައެވެ.

އިޓްލޮސްގެ ނިންމުމުގެ ސަބަބުން ރާއްޖޭގެ 47،000 އަކަ މޭލު ގެއްލިގެން ހިނގައްޖެ ކަމަށާއި އެ މައްސަލަ އެޕީލް ކުރުމުގެ ފުރުސަތު އެބައޮތް ކަމަށް ވެސް އޭނާ ވިދާޅުވިއެވެ.

"އެކަން ކުރިއަށް ގެންދިއުމާ ގުޅޭ ގޮތުން ރާއްޖޭގެ ފުންނާބު އުސް ބޭފުޅުންނާއެކު މަޝްވަރާކުރަމުން މިދަނީ. ރާއްޖޭގެ ކަނޑުން އެހާ ބޮޑު ސަރަހައްދެއް ގެއްލެން މެދުވެރިވީ ރައީސް ސޯލިހު ވާޖިބު އަދާކުރެއްވުމުގައި ފަސް ޖެހިވަޑައިގެން އަމިއްލަ ފުޅަށް ކަންކަން ނިންމެވުމުގެ ސަބަބުން." ނާޒިމް ވިދާޅުވިއެވެ.

މީގެ އިތުރުން އެ މައްސަލައިގައި ރައީސް އިބްރާހިމް މުހައްމަދު ސާލިހާއި ފޮރިން މިނިސްޓަރު އަބްދުﷲ ޝާހިދު އަދި އެޓާނީ ޖެނެރަލް އިބްރާހިމް ރިއްފަތު ޒިންމާ ނަންގަވަން ޖެހޭނެ ކަމަށް ވެސް ވިދާޅުވިއެވެ.