ސަރުކާރުން މިހާރު މަސައްކަތް ކުރައްވަމުން ގެންދަވަނީ، މިއަހަރު ނިމުމުގެ ކުރިން ހުރިހާ ރަށެއްގައި ދިވެހި ފުލުހުންގެ ޚިދުމަތް ލިބޭނެ އިންތިޒާމު ހަމަޖައްސަވަން ކަމުގައި ރައީސް އިބްރާހިމް މުހައްމަދު ސާލިހު ވިދާޅުވެއްޖެއެވެ.

އެމަނިކުފާނު މިހެން ވިދާޅުވީ ދިވެހި ފުލުހުންގެ ޚިދުމަތުގެ 90 ވަނަ އަހަރީދުވަސް ފާހަގަކުރުމަށް ބޭއްވި ރަސްމިއްޔާތު ޝަރަފްވެރިކޮށްދެއްވާ ދއްކެވި ވާހަކަފުޅުގައެވެ.

Ad
rt

ހުޅުމާލެ ސިންތެޓިކް ޓްރެކްގައި ބޭއްވި ރަސްމިއްޔާތުގައި ރައީސް ވިދާޅުވީ އަމާޒަކީ ފުލުހުންގެ ތެރޭގައި ޚިދުމަތްކުރާ ކޮންމެ މީހަކީ އެ މީހެއްގެ ޚިދުމަތުގެ ދާއިރާއާ ގުޅޭ ގޮތުން ތަޢުލީމާއި ތަމްރީން ހޯދައިގެން ޚިދުމަތް ދޭ މީހަކަށް ހެއްދެވުން ކަމަށެވެ. އަދި ކުށުގެ ވެއްޓާއި ކުށްކުރާ ގޮތްތަކަށް އައިސްފައިވާ ބަދަލުތަކާއިއެކު ދިވެހި ފުލުހުންގެ ޚިދުމަތުގެ ކަޅި، މިއަދު އަމާޒުކުރަން ޖެހެނީ ހަމައެކަނި މިރާއްޖެއަށް ނޫން ކަމަށެވެ.

ދިވެހި ފުލުހުންގެ ތާރީޚުން ފާއިތުވެގެން މިދިޔަ މުއްދަތުގެ ތެރޭގައި އެ ޚިދުމަތަށް ވަރަށް އެކަށީގެންވާ މުހިންމު ބަދަލުތަކެއް އައިސްފައިވާކަން ފާހަގަ ކުރައްވާ، އެމަނިކުފާނު ވިދާޅުވީ ފުލުހުންގެ ޚިދުމަތަށް އައި އެންމެ މުހިއްމު ބަދަލަކީ، އަސްކަރިއްޔާގެ ތެރެއިން ނުކުމެ، މުސްތަގިއްލު މަދަނީ ޚިދުމަތެއްގެ ގޮތުގައި ހަމަޖެހުން ކަމަށެވެ. އަދި ފުލުހުންގެ ޚިދުމަތަކީ، ފަރުދުންގެ ވިސްނުމާއެކީ މުޖްތަމަޢަށް އަންނަ ބަދަލުތަކާ އެއްގޮތަށް، އަބަދުވެސް ކުރިއަރައި ތަރައްޤީވަމުން އަންނާނެ ޚިދުމަތެއް ކަމަށެވެ.

"އެކަމަށްޓަކައި ފުލުހުންގެ ޚިދުމަތުގެ ފެންވަރު މަތިކޮށް ތަރައްޤީކުރުމަކީ، އަބަދުވެސް ސަރުކާރުން އިސްކަން ދީގެން ދަމަހައްޓަންޖެހޭ ސިޔާސަތެއް. މިގޮތުން މިދައުރުގެ ތެރޭގައި، ރާއްޖޭގެ 18 ރަށެއްގައި ފުލުހުންގެ ޚިދުމަތް ޤާއިމުކޮށް، ޖުމްލަ 100 އަށް ވުރެ ގިނަ ރަށުގައި މިހާރު އަންނަނީ ނެއިބަހުޑް ޕޮލިސިންގެ ޚިދުމަތް ދެމުން." ރައީސް ވިދާޅުވިއެވެ.

މީގެ އިތުރުން ސަރުކާރުން މިހާރު މަސައްކަތް ކުރައްވަމުން ގެންދަވަނީ މިއަހަރު ނިމުމުގެ ކުރިން ހުރިހާ ރަށެއްގައި، ދިވެހި ފުލުހުންގެ ޚިދުމަތް ލިބޭނެ އިންތިޒާމު ހަމަޖައްސަވަންކަމުގައިވެސް އެމަނިކުފާނު ވިދާޅުވިއެވެ.

މި ރަސްމިއްޔާތުގައި ކުލައާ މެޑަލް ލިބިވަޑައިގެންނެވި، ފުލުހުންނަށް ކުލަޔާ މެޑަލް ހަވާލުކޮށްދެއްވީ ރައީސް ސާލިހެވެ.

މީގެ އިތުރުން ފުލުހުންގެ 90 ވަނަ އަހަރީދުވަހުގެ "ކޮމެމޮރޭޓިވް ކޮއިން" ވެސް އެމަނިކުފާނު ވަނީ އިފްތިތާޙްކޮށްދެއްވާފައެވެ.

މިރަސްމިއްޔާތުގައި ރައީސްގެ އަނބިކަނބަލުން ފަޒްނާ އަޙްމަދާއި، ދައުލަތުގެ ވަޒީރުންނާއި، މޯލްޑިވްސް ނެޝަނަލް ޑިފެންސްފޯސް އަދި ދިވެހި ފުލުހުންގެ އިސްވެރިންނާއި އޮފިސަރުން ބައިވެރިވެވަޑައިގެންނެވިއެވެ.

ދިވެހިރާއްޖޭގެ ފުރަތަމަ ޤާނޫނު އަސާސީގެ ދަށުން ރާއްޖޭގައި ފުލުހުންގެ ޚިދުމަތް ޤާއިމް ކުރެވުނީ، 29 މާރިޗު 1933ގައެވެ. އަސްކަރިއްޔާގެ ދަށުން ފުލުހުންގެ ޚިދުމަތް ވަކިކުރައްވައި، ފުލުހުންގެ ޚިދުމަތަކީ މަދަނީ ޚިދުމަތެއްގެ ގޮތުގައި ހަމަޖެހުނީ، 1 ސެޕްޓެމްބަރު 2004 ގައެވެ.