މި ދިވެހިރާއްޖޭގެ މި ފަސްގަނޑުގައި މިނިވަންކަމާއެކު ވިހުރުވަމުން ދިޔަ ދިދަ ހިނދުކޮޅަކަށްޓަައި ނަމަވެސް އިސްތަށަށް ޖަހާލިކަމުގެ އިހުސާސް ދިވެހިންނަށް ކުރުވައިފި ކަމަށް ޕީއެންސީގެ ޕީޖީ ލީޑަރު އަދި މަޑުއްވަރީ ދާއިރާގެ މެމްބަރު އާދަމް ޝަރީފް އުމަރު ވިދާޅުވެއްޖެއެވެ.
ޕްރޮގްރެސިވް ކޮންގްރެސް ކޯލިޝަނުން އާޓިފިޝަލް ބީޗުގައި ރޭ ބޭއްވި "ޗަގޯސް" ޖަލްސާގައި ވާހަކަ ދައްކަވަމުން އޭނާ ވިދާޅުވީ މިއީ ޝައްކެއްވެސް ނެތް ގޮތުގައި ވަރަށް ހިތާމަވެރި، ވަރަށް ހިތްދަތި، އިހުސާސްތަކެއް މި ދިވެހި ޖައްވުގައި މި ބިމުގައި ދިރުއުޅޭ ކޮންމެ މީހަކުވެސް ކުރަމުންދާނެ ރެއެއް ކަމަށެވެ.
އޭނާ ވިދާޅުވީ ރާއްޖޭގެ އެންމެވަރުގަދަ ރައުސުލްމާލު ކަމުގައިވާ ރާއްޖޭގެ މަސްވެރިން މަސްވެރިކަން ކުރާނެ ކަނޑުން ބޮޑުބައެއް ރާއްޖެއަށް ގެއްލިއްޖެކަމުގެ ހިތްދަތި އިހުސާސްތައް ކުރަމުންދާ ކަމަށެވެ. އަދި ރާއްޖޭގެ ހާއްސަ އިގުތިސާދީ ސަރަހައްދުން ބައެއް ވިއްކާލައިފިކަމުގެ ހިތްދަތި އިހުސާސް، ދިވެހި ގައުމުދެކެ ލޯބިވާ ކޮންމެ މީހަކަށް ކުރެވޭ ކަމަށެވެ.
މީގެ އިތުރުން މި ސަރުކާރުން ރައްޖޭގެ ބައެއް ގެއްލުވާލައި، ވިއްކާލައިފި ކަމަށާއި ރާއްޖޭގެ ކަނޑުގެ ސަރަހައްދުން ބައެއް ގެއްލުމަކީ ދިވެހިންނަށް ވަރަށްބޮޑު ގެއްލުމެއް ކަމަށާއި ފޫނުބެއްދޭވަރުގެ ކަމަކަަށްވާނެ ކަމަށް ވެސް އޭނާ ވިދާޅުވިއެވެ. އަދި ފޯޅަވަހީގެ ސިޔާދަތީ ބާރުތައް މޮރިޝަސް އަށް ދޫކޮށްލުމަކީ މި ސަރުކާރުން މި ގައުމަށް ވި ވަރަށްބޮޑު ޣައްދާރުވުމެއް ކަމަށެވެ.
އޭގެ ސަބަބުން މިއަދު ފާހަގަވެގެން މި ދިޔައީ، ރައީސް ސާޅިހު ފޮނުއްވި ސިޓީގައި ރާއްޖޭގެ ސްޓޭންޑް ބަދަލުކޮށްފައި އޮތުމުގެ ސަބަބުން މިގައުމަށް މިހާބޮޑު ގެއްލުމެއްވެގެން ދިޔަކަން އެނގޭ ކަމަށް ވެސް އާދަމް ޝަރީފް ވިދާޅުވިއެވެ.
މިއީ އެމްޑީޕީ އާއި މޮރިޝަސް އިން ބުނާގޮތުން ހަދާފައިވާ ގޮތްނޭނގޭ ޑީލެއް ކަމަށާއި ފޯޅަވަހީގެ މައްސަލައިގާ ސަރުކާރުން ވަރަށްބޮޑެތި ގޯސްތަކެއް ހަދައިފިކަމަށް ވެސް ވިދާޅުވިއެވެ.
އާދަމް ޝަރީފު ވިދާޅުވީ ރާއްޖޭގެ ކަނޑުގެ ސަރަހައްދު ވިިއްކާލާފަ 500 މިލިއަން ޑޮލަރު ހޯދި މައްސަލައަކީ ހިލޭ ދޫކޮށްލާނެ ކަމެއް ނޫން ކަމަށާއި މި މައްސަލައިގާ ރައީސް ސާލިހު ޖަލަށްލާން ޖެހޭ ކަމަށެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!