އިނގިރޭސި ޕްރިމިއާ ލީގުގައި ރޭ އާސެނަލްއާއި މެންޗެސްޓާ ސިޓީ ބައްދަލުކުރި މެޗު ފަސޭހަކަމާއިއެކު ކާމިޔާބުކޮށް، ލީގު ކާމިޔާބު ކުރުމުގެ ފުރިހަމަ ބާރު ސިޓީން ހޯދައިފިއެވެ. ރޭ ސިޓީގެ ދަނޑުގައި ކުޅުނު މި މެޗު އެ ޓީމުން ކާމިޔާބު ކޮށްފައި ވަނީ 4-1 ގެ ނަތީޖާއިންނެވެ.
ރޭ މެޗަށް ސިޓީ ނުކުތްއިރު އެ ޓީމް އޮތީ ދެ މެޗު މަދުންކުޅެ އާސެނަލްއަށް ވުރެ ފަސް ޕޮއިންޓް ފަހަތުގައެވެ. ރޭ މެޗުން މޮޅުވެ ޕޮއިންޓް ތާވަލުގެ އެއްވަނާގައި އޮތް އާސެނަލްއާއި ސިޓީން ވަނީ ދެ ޕޮއިންޓަށް ކައިރި ކޮށްފައެވެ. އަދިވެސް އާސެނަލްއަށްވުރެ ސިޓީން ދެ މެޗު މަދުން ކުޅެފައިވާތީ، މެޗު ހަމަވާއިރު ޕޮއިންޓް ތާވަލުގެ އެއްވަނައަށް އެރުމުގެ ފުރިހަމަ އަމިއްލަ ބާރު މިހާރު ސިޓީއަށް އެބައޮތެވެ.
މިވަގުތު ޕޮއިންޓް ތާވަލުގެ އެއްވަނާގައި އާސެނަލް އޮތީ ކުޅުނު 33 މެޗުން ލިބުނު 75 ޕޮއިންޓާއި އެކުގައެވެ. ދެވަނާގައި އޮތް ސިޓީއަށް 31 މެޗުން ލިބިފައި ވަނީ 73 ޕޮއިންޓެވެ.
މިވަގުތު ރަނގަޅު ފޯމެއްގައި އޮތް މެންޗެސްޓާ ސިޓީން ވަނީ ރޭ އާސެނަލްއާއި ދެކޮޅަށް ވެސް މޮޅު ކުޅުމެއް ކުޅެ ރަނގަޅު އެޓޭކްތަކެއް ކޮށްފައެވެ. ސިޓީން ވަނީ މެޗުގެ ވަރަށް ކުރީކޮޅު ލަނޑުޖަހައި ލީޑު ނަގާފައެވެ. މި ލަނޑު ހަތްވަނަ މިނެޓުގައި ސިޓީގެ ފަހަތުން ކުޅުނު ދިގު ބޯޅައެއް އާސެނަލްގެ ހާފްތެރެއިން ހާލަންޑް ކޮންޓްރޯލް ކުރުމަށް ފަހު ޑިބްރޭނާއަށް ޖައްސާލި ބޯޅަ ހިފައިގެން ވަދެ ޑިބްރޭނާ ވަނީ ބާރު ހަމަލާއެއް އާސެނަލްގެ ގޯލަށް ފޮނުވާލައި ސިޓީއަށް ލީޑު ނަގައިދީފައެވެ.
ހާލަންޑްގެ ނުރައްކާތެރި ދެ ހަމަލާއެއް ފުރަތަމަ ހާފުގައި ފެނިގެންދިޔައިރު، ސިޓީން ލީޑު ފުޅާކޮށްފައި ވަނީ ފުރަތަމަ ހާފުގެ އިތުރު ވަގުތު ލިބުނު ހިލޭ ޖެހުމަކުން ޑިބްރޭނާ އާސެނަލްގެ އޭރިއާތެރެއަށް މަތިން ކުޅުނު ބޯޅަ ބޮލުން ގޯލުގެ ތެރެއަށް ފޮނުވާލައިގެން ޖޯން ސްޓޯންސް ކާމިޔާބުކުރި ލަނޑުންނެވެ.
މި ލަނޑު ފުރަތަމަ އޮފްސައިޑްކަމަށް ލައިންސްމަން ދިދަނެގި ނަމަވެސް ވީއޭއާރުން އިތުރަށް ބެލުމަށް ފަހު ޖޯންސް އެ ލަނޑު ޖެހުމުގައި އޮފްސައިޑްވެފައި ނުވާތީ ލަނޑު ވަނީ ބަލައިގަނެފައެވެ.
މެޗުގައި އާސެނަލްގެ ތިންވަނަ ލަނޑު ވެސް ކާމިޔާބު ކޮށްދީފައި ވަނީ ޑިބްރޭނާއެވެ. މެޗުގެ 54 ވަނަ މިނެޓުގައި އޭނާ މި ލަނޑު ޖަހާފައި ވަނީ ވެސް ހާލަންޑްގެ އެހީތެރިކަމާއި އެކުގައެވެ.
އާސެނަލުން މެޗުގައި ކާމިޔާބުކުރި ހަމައެކަނި ލަނޑު މެޗުގެ ފުރިހަމަ ވަގުތު ހަމަވާން ހަތަރު މިނެޓަށް ވެފައި ވަނިކޮށް ޓްރޮސާޑް ތަނަވަސް ކޮށްދިން ފުރުޞަތެއްގައި ކާމިޔާބު ކޮށްދީފައި ވަނީ ހޯލްޑިން އެވެ.
މެޗުގެ އިތުރު ވަގުތުގެ ތެރޭ ފޮޑެން ތަނަވަސް ކޮށްދިން ފުރުޞަތެއްގައި ހާލަންޑް ވަނީ ސިޓީއަށް ހަތަރުވަނަ ލަނޑު ކާމިޔާބު ކޮށްދީފައެވެ. މިއީ ހާލަންޑް މި ސީޒަންގައ ޖެހި 49 ވަނަ ލަނޑެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!