އެމްއެންޑީއެފް ފަޔަރ އެންޑް ރެސްކިއު ސަރވިސްގައި ޚިދުމަތްކުރައްވަމުން ގެންދެވި މޭޖަރ ޢަލީ ސަލީމް ނިޔާވެއްޖެއެވެ.
އޭނާ ނިޔާވެފައިވަނީ އިންދިރާގާންދީ މެމޯރިއަލް ހޮސްޕިޓަލްގައި މިއަދުގެ ވަގުތެއްގައެވެ.
މަރުޙޫމް މޭޖަރ ޢަލީ ސަލީމަކީ އަސްކަރީ ޚިދުމަތުގައި އިޚްލާޞްތެރިކަމާއި ވަފާތެރިކަންމަތީ 34 އަހަރަށްވުރެ ދިގު މުއްދަތެއްގައި އަގުނުކުރެވޭފަދަ އެތައް ޚިދުމަތްތަކެއް ކޮށްދެއްވާފައިވާ ބޭކަލެކެވެ. ޚާއްޞަކޮށް އެމްއެންޑީއެފް ފަޔަރ އެންޑް ރެސްކިޔު ސަރވިސްގައި ފަޔަރ ފައިޓަރުން ތަމްރީން ކުރުމަށް ގިނަގުނަ ޚިދުމަތްތަކެއް ކުރައްވާފައިވާ ބޭކަލެކެވެ.
އަސްކަރީ ޚިދުމަތުގައި ސަލީމް އަދާކުރައްވާފައިވާ މަޤާމުތަކުގެ ތެރޭގައި އެމްއެންޑީއެފް ސަދަން އޭރިއާގެ ޑެޕިއުޓީ ކޮމާންޑަރުގެ މަޤާމާއި އެމްއެންޑީއެފް ފަޔަރ އެންޑް ރެެސްކިޔު ސަރވިސްގެ ޑެޕިއުޓީ ކޮމާންޑަރުގެ މަޤާމާއި ފަޔަރ އެންޑް ރެސްކިޔު ޓްރެއިނިންގ ސްކޫލުގެ ކޮމާންޑިންގ އޮފިސަރގެ މަޤާމު ހިމެނެއެވެ.
މީގެ އިތުރުން އެމްއެންޑީއެފްގައި ހެދިފައިވާ އެކިއެކި ބޯޑުތަކާއި ކޮމިޓީތަކުގައިވެސް އޭނާ ވަނީ ގިނަ ޚިދުމަތްތަކެއްކުރައްވާފައެވެ.
އެގޮތުުން އެމްއެންޑީއެފް ވެލްފެއަރ ބޯޑާއި އެމްއެންޑީއެފް ސޭފްޓީ ބޯޑުގެ އިތުރުން ޓްރެއިނިންގ ރިސާރޗް އެންޑް އިވެލުއޭޝަން ކޮމިޓީގެ މެންބަރުކަން ވަނީ ކުރައްވާފައެވެ. އަދި އެމްއެންޑީއެފް ވެލްފެއަރ ބޯޑްގެ ވައިސް ޗެއަރމަންކަން ވެސް ވަނީ ކުރައްވާފައެވެ.
އޭނާ ނިޔާވިއިރު، ހުންނެވީ އެމްއެންޑީއެފް ފަޔަރ އެންޑް ރެސްކިޔު ސަރވިސްގެ ފައިނޭންސް ޕްރޮކިއުމަންޓް އެންޑް ލޮޖިސްޓިކްސްގެ ޑައިރެކްޓަރގެ މަޤާމުގައެވެ.
މަރުޙޫމް މޭޖަރ ޢަލީ ސަލީމުގެ މައްޗަށް ކުރެވޭ ކަށުނަމާދު އޮންނާނީ 26 އޭޕްރީލް 2023 ވަނަ ދުވަހުގެ ޢިޝާ ނަމާދަށްފަހު، މަސްޖިދުއްތަޢާވުން (އާސަހަރާ މިސްކިތް) ގައެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!