ދިގު މުއްދަތަކަށް ސަރުކާރަށް ހިދުމަތް ކުރެއްވި އާދަމް މޫސާ، މ. އޯޝަން ރީޑު/މާލެ، (ބުޗާގޭ ދޮންމަނިކު) އަވަހާރަވެއްޖެއެވެ.

ބުޗާގޭ ދޮންމަނިކު އަވަހާރަވިކަން އޭނާގެ ދަރިކަނބަލުން ކުރީގެ ވަޒީރު، އިރުތިޝާމް އާދަމް ކުރެއްވި ޓްވީޓެއްގައި ވަނީ ވިދާޅުވެފައެވެ.

Ad
rt

އެ ޓްވީޓްގައި އޭނާ ވިދާޅުވީ ބައްޕާފުޅު އަވަހާރަވީ 25 އޭޕްރިލް 2023ގައި އޮސްޓްރޭލިއާގައި، އެތަނުގެ ގަޑިން 4:45 ގައި ކަމަށެވެ.

އަވަހާރަވިއިރު އުމުރުފުޅަކީ 91 އަހަރެވެ. އަވަހާރަވީ އާލާސްކަންފުޅާ އުޅުއްވުމަށް ފަހުގައެވެ.

ސަރުކާރުގެ އިސް މަގާމުތަކެއް ދިގު މުއްދަތަކަށް އަދާކުރައްވާފައިވާ ދޮންމަނިކު ވަނީ ސަރުކާރަށް 40 އަހަރު ހިދުމަތް ކުރައްވައިގެން ދެ ޕެންޝަން ފުރިހަމަ ކުރައްވާފައެވެ. އޭނާ ޖުމްލަ 43 އަހަރު ސަރުކާރަށް ޚިދުމަތް ކުރައްވާފަވެއެވެ.

ރ. އަތޮޅުގެ އަތޮޅުވެރިކަން ވެސް ކުރެއްވި، ދޮންމަނިކު އެންމެފަހުން އަދާކުރެއްވީ ސެންސަރު ބޯޑުގެ ޗެއާމަންގެ މަގާމެވެ.

އޭނާ އަދާކުރެއްވި މަގާމުތަކުގެ ތެރޭގައި ވުޒާރަތުއް ދާޚިލިއްޔާގެ ހާއްސަ ވަކީލުކަމާއި، ކޮންޓްރޯލާ އޮފް ކޮމިއުނިކަބްލް ޑިޒީޒަސް ޑިވިޝަންގެ ވަކީލް ކަމުގެ މަގާމާއި، މެއިންޓެނަންސް ޑިވިޝަންގެ ވަކީލްކަމާއި، މެރިން ޑިވިޝަންގެ ވަކީލުކަމާއި، މަހްކަމަތުލް އަމަންއާންމުގެ ސެކްރެޓަރީކަމާއި، ތަހުގީގު ކޮމިޓީގެ ސެކްރެޓަރީކަމާއި، ޕަބްލިކް ޕޯސްޓް މާސްޓަ ކަމުގެ މަގާމު ހިމެނެއެވެ.

ބައްޕަ ސިފަކުރައްވަމުން އިރުތިޝާމްގެ ވިދާޅުވެފައި ވަނީ އެއީ ވަރަށް ނަޒާހަތްތެރި، އާއިލާއާއި ޤައުމަށް ޚިދުމަތްތެރި، ތައުރީފު ކުރަންޖެހޭ ޢަޒުމް ވަރުގަދަ ބޭފުޅެއް ކަމަށެވެ.

ދޮންމަނިކު އަވަހާރަވިއިރު ތިން ކައިވެންޏަކަށް 22 ބޭފުޅުން ލިބިވަޑައިގެންފައިވެ އެވެ. އަދި 24 ކާފަ ދަރިންނާއި، 4 މުނިކާފަ ދަރިން އެބަތިއްބެވެ.