ވ. ކެޔޮދޫ މިސްކިތުގައި ހުންނަ ހަތިމުތައް ވީދާލި މައްސަލަ ފެންމަތިވެފައި ވަނިކޮށް އެރަށު މިސްކިތުގެ މައި ދޮރުގެ ބިއްލޫރި ގަނޑު ރޭ ތަޅާލައިފިއެވެ.
ކެޔޮދޫ މިސްކިތުގައި ހުރި ހަތިމުތަކެއް ދެ ފަހަރެއްގެ މަތިން މިހާރު ވަނީ ވީދާލައިފަ އެވެ. ފުރަތަމަ މިކަންކޮށްފައި ވަނީ މިދިޔަ އަހަރުގެ އަހަރު އޮކްޓޯބަރު މަހުގެ ތެރޭގަ އެވެ. އެފަހަރު 10 ހަތިމަކަށް ގެއްލުންދީފައިވާއިރު، އެ މިސްކިތުގައި ހުރި ހަތިމުތަކެއް ވީދާލި މައްސަލަ އެއް އަނެއްކާ ވެސް ވަނީ ފެންމަތިވެފައެވެ. މިފަހަރު މިކަންކޮށްފައި ވަނީ މިދިޔަ ހޮނިހިރު ދުވަހުގެ ރެއެވެ. އެ ރޭ ވަނީ 20 ހަތިމެއް އިރާލާފައެވެ.
މި މައްސަލަ ފެންމަތިވެފައި ވަނިކޮށް އެ ރަށު މިސްކިތައް ގެއްލުން ދިންކަން ހާމަކުރައްވަމުން ވ. އަތޮޅު ކައުންސިލްގެ ރައީސް ސުޖާއު ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ، ކެޔޮދޫގެ މިސްކިތުގެ 20 ހަތިމު ވީދާލާފައިވަނިކޮށް، ރޭ އެރަށު މިސްކިތުގެ މައި ދޮރުގެ ބިއްލޫރި ގަނޑު ތަޅާލާފައިވާ ކަމަށެވެ.
''މިއީ ވަރަށްވެސް ދެރަ އަދި ހިތާމަހުރި ކަމެއް. އިދާރާތަކުން މި ކަން ސީރިއަސް މައްސަލަ އެއްގެ ގޮތުގައި ބަލައިދިނުމަށް ގޮވާލަން.'' ރައީސް ޞާލިޙާއި، ޕޮލިސް ކޮމިޝަނާ ހަމީދާއި، ހޯމް މިނިސްޓްރީގެ އިތުރުން ފުލުހުންގެ މުއައްސަސާ ޓެގް ކުރައްވާ ސުޖާއު ކުރެއްވި މި ޓްވީޓްގައި ވިދާޅުވެފައިވެއެވެ.
ރޭގަ ވ.ކެޔޮދޫގެ މިސްކިތުގެ 20 މުސްހަފް ވީދާލީ..މިރޭ މިސްކިތުގެ މައިދޮރާށި ބިއްލޫރި ގަނޑު ތަޅާލައިފި. މިއީ ވަރަށްވެސް ދެރަ އަދި ހިތާމަހުރި ކަމެއް. އިދާރާތަކުން މި ކަން ސީރިއަސް މައްސަލަ އެއްގެ ގޮތުގައި ބަލައިދިނުމަށް ގޮވާލަން. @PoliceMv @M_Hameedh @ibusolih @HomeMinistrymv pic.twitter.com/34h2rYqV3r
— Shuja VAAVU RAEES (@Shuj4uAli) April 24, 2023
ކެޔޮދޫގައި ހުރި މީހަކު ކިޔައިދިން ގޮތުގައި އެރަށުގެ ރައްޔިތުން ނުކުމެ އެ ޢަމަލު ހިންގިކަމަށް ބެލެވޭ މީހާ ރޭ ވަނީ ފުލުހުންނާ ހަވާލުކޮށްފައެވެ. އަދި އޭނާ މިސްކިތުގެ ދޮރުގެ ބިއްލޫރިގަނޑު ތަޅާލީ އިށީދެނގެން ނަމާދުކުރާ މީހުން އިށީނުމަށް ބޭނުންކުރާ ގޮނޑިއެއް ބޭނުންކޮށްގެން ކަމަށްބެލެވޭ ކަމަށް ވެސް އޭނާ ބުންޏެވެ.
މިކަމާއިގުޅިގެން މިހާތަނަށް ފުލުހުން އަދި މައުލޫމާތެއް ހާމަކުރައްވާފައެއް ނުވެއެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!