މަޖިލީހަށް ވެދެވަޑައިގެންނެވީ މާ ރީތި ގޮނޑިއެއްގައި އިންނަވަން ނޫން ކަމަށާއި އަބަދުވެސް ދެމި ހުންނަވާނީ ކެމްޕޭނުގައި ވީ ވައުދާ އެއްގޮތަށް މަސައްކަތް ކުރެއްވުމުގައި ކަމަށް ގުރައިދޫ ދާއިރާގެ މެންބަރުކަމުގެ ހުވާ މިއަދު ކުރެއްވި އިބްރާހީމް ޝާޒް ވިދާޅުވެއްޖެއެވެ.
މެމްބަރުކަމުގެ ހުވައިކުރެއްވުމަށް ފަހު ރައްޔިތުންގެ މަޖިލީހުގެ މީޑިއާއަށް ދެއްވި އިންޓަރވިއުގައި ޝާޒު ވިދާޅުވީ ހަމައެކަނި ގުޅި، ގުރައިދޫ، މާފުށީގެ ރައްޔިތުންނަށް ލާބައާއި މަންފާއާއި އެބޭފުޅުންގެ ހުރި އުއްމީދުތައް ހާސިލްކުރުމަށް މިއީ ކުޑަ މުއްދަތެއް ކަމަށެވެ.
އޭނާ ވިދާޅުވީ ލިބިފައިވާ ކުޑަ ވަގުތު ކޮޅުގެ ތެރޭގައި ސަރުކާރާއި ގުޅިގެން، ގާނޫނުއަސާސީގެ އިމުގެ ތެރޭގައި ހުންނަވައިގެން ގުރައިދޫ ދާއިރާގެ ރައްޔިތުންގެ އުއްމީދުތައް ހާސިލްކޮށްދިނުމަށް އަޒުމު ކަނޑައަޅުއްވައިގެން ހުންނެވި ކަމަށެވެ. އަދި ރައްޔިތުން ހާސް ނުވުމަށް ވެސް އޭނާ އެދިވަޑައިގެންނެވިއެވެ.
"މިއަދަކީ އަޅުގަނޑުގެ ސިޔާސީ ހަޔާތުގައި ބޮޑު ދުވަހެއް ނޫން. ނަމަވެސް އެމްޑީޕީގެ ހަޔާތުގައި މިއަދަކީ ރަން އަކުރުން ލިޔެވޭނެ ދުވަހެއް. ގުރައިދޫ ދާއިރާގެ ގޮނޑި އެމްޑީޕީއަށް ލިބުމަކީ އެ ޕާޓީއަށް ލިބުނު ވަރަށް ބޮޑު ކުރިއެރުމެއް." ޝާޒު ވިދާޅުވިއެވެ.
ގުރައިދޫ ދާއިރާގެ ބައި އިލެކްޝަން ސަރުކާރު ހިންގާ ކޯލިޝަންގެ މައިޕާޓީ އެމްޑީޕީ އަދި ރައީސް ސާލިހުގެ ފަޅީގައި ހުންނެވި މެމްބަރު ޝާޒް ކާމިޔާބު ކުރެއްވީ އެދާއިރާ ފާއިތުވި ތިން ދައުރުގައި ވެސް ތަމްސީލުކުރަމުން އައި ޕީޕީއެމް ބަލިކޮށްގެންނެވެ.
އޭޕްރިލް 15 ވީ ހޮނިހިރު ދުވަހު ބޭއްވި ގުރައިދޫ ދާއިރާގެ ބައި-އިލެކްޝަން ދާއިމީ ނަތީޖާ ދައްކާގޮތުން ޝާޒް އިންތިހާބު ކާމިޔާބު ކުރެއްވީ 1,346 ވޯޓު ހޮއްދަވައިގެންނެވެ. އެއީ ވޯޓުލީ މީހުންގެ ނިސްބަތުން 49.96 އިންސައްތައެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!