ޗާގޯސް މައްސަލައިގައި އިދިކޮޅު ކޯލިޝަނުން މަޖިލީހަށް ހުށަހެޅި މައްސަލައަށް ބަހުސްކުރަން ފާސްކޮށްފިއެވެ.

ކުއްލި މައްސަލައެއްގެ ގޮތުގައި މަޖިލީހަށް މި މައްސަލަ ހުށަހެޅުއްވީ މަޑުއްވަރީ ދާއިރާގެ މެންބަރު އާދަމް ޝަރީފް އެވެ.

Ad
rt

އޭނާ ހުށަހެޅުއްވި ކުއްލި މައްސަލައިގައި ވަނީ، ރާއްޖޭގެ އިގްތިސާދީ ސަރަހައްދުން ބައެއް ގެއްލޭ ފަދަ ގޮތަށް ސަރުކާރުން މޮރިޝަސް އަށް ފޮނުއްވި ސިޓީ ރައްޔިތުންނަށް ހާމަ ކުރުމަށް ވަނީ ގޮވައިލާފައެވެ. އަދި ރާއްޖޭގެ ސަރަަހައްދެއް ވިއްކާލުމަށް "ޑީލް" ހަދާފައިވާ މައްސަލައާ މެދު ސަރުކާރާ މެދު ފިޔަވަޅު އެޅުމަށް ވެސް ވަނީ ގޮވައިލާފައެވެ.

މީގެ އިތުރުން ރާއްޖޭގެ އެއްވެސް ސަރަހައްދެއް ވިއްކާލުމަކީ އެއްވެސް ދިވެހި ރައްޔިތަކު އެދޭނެ ކަމެއް ނޫން ކަމަށާއި ރާއްޖޭގެ އެއްވެސް ސަރަހައްދަކަށް ބަދަލު ގެނެވޭނީ މަޖިލީހުގެ މެންބަރުންގެ ތިންބައި ކުޅަ ދެބައި އެކަމަށް ތާއީދުކޮށް ގާނޫނު ފާސް ކުރުމުން ކަމަށް ވެސް ކުއްލި މައްސަލައިގާ ވަނީ ފާހަގަކޮށްފައެވެ.

ހަމަމިއާއެކު އެ ކަމުގެ ސަބަބުން އިއާދަ ނުކުރެވޭ ވަރުގެ ގެއްލުން ރާއްޖެއަށް ލިބޭނެ ކަމަށާއި އެކަން އެންމެ ހަރުކަށި އިބާރާތުން ކުށްވެރިކުރާ ކަމަށް ވެސް ބުނެފައި ވެއެވެ.

މިއަދުގެ ޖަލްސާގައި ބައިވެރިވަޑައިގެން 47 މެންބަރުންގެ ތެރެއިން ވޯޓުގައި ބައިވެރިވެވަޑައިގަތީ 42 މެންބަރުނެވެ. އަދި ބަހުސް ކުރުމަށް ފެންނަ ކަމަށް 23 މެންބަރުން ވަނީ ވޯޓު ދެއްވާފައެވެ. ބަހުސްކުރަން ނުފެންނަ ކަމަށް ވޯޓު ދެއްވާފައިވަނީ 19 މެންބަރުންނެވެ.

ބަހުސް ކުރުމަށް ފެންނަ ކަމަށް ވޯޓު ދެއްވި މެންބަރުންގެ ތެރޭގައި އެމްޑީޕީގެ "ފިކުރެއްގެ ދިރުން" ފެކްޝަނުގެ މެންބަރުން ވެސް ހިމެނެއެވެ.

ރާއްޖެ އާއި ޗާގޯސް އައިލެންޑްސް އާ ދެމެދުން ކަނޑުގެ ސަރަހައްދުގެ އިން ވަކިކުރުމާ ގުޅޭ މައްސަލައިގައި ރައީސް ސާލިހު މޮރިޝަސްގެ ބޮޑުވަޒީރު ޕްރަވިންދް ޔުގާނަތަށް ފޮނުއްވި ސިޓީ އަނބުރާ ގެނައުމަށް ގޮވައިލާ މީގެ ކުރިން ވަނީ ޕެޓިޝަނެއް ވެސް ހުށަހަޅާފައެވެ.

އެ ޕެޓިޝަން ތައްޔާރު ކުރުމުގައި އިސްކޮށް ހަރަކާތްތެރިވެ ވަޑައިގަންނަވަނީ މާފަންނު މެދު ދާއިރާގެ ރައްޔިތުންގެ މަޖިލީހުގެ މެންބަރު އިބްރާހީމް ރަޝީދު (ބޮންޑޭ) އެވެ.

ޗާގޯސްގެ މައްސަލައިގައި އިންޓަނޭޝަނަލް ޓްރައިބިއުނަލް ފޯ ދަ ލޯ އޮފް ދަ ސީ (އިޓްލޮސް) ގައި ކުރިއަށްދާ މައްސަލައިގައި ހުކުމް މި މަހުގެ 28 ގައި އިއްވާނެއެވެ. ހުކުމް އިއްވުމަށް ތާވަލުކޮށްފައި ވަނީ މި މަހުގެ 28 ވާ ހުކުރު ދުވަހުގެ ހެނދުނު 11 އަށެވެ.

އެ ދައުވާ އާ ގުޅިގެން ރާއްޖޭގެ ގިނަ ސިޔާސީ ފަރާތްތަކުންނާއި އާންމުން ވަނީ ޗާގޯސް އަކީ ކުރިން ރާއްޖޭގެ ބައެއް ކަމަށާއި އެތަން އަނބުރާ ހޯދުމަށް ދިވެހި ސަރުކާރުން މަސައްކަތް ކުރަން ޖެހޭ ކަމަށް ބުނެފައެވެ.

ޗާގޯސް އައިލެންޑްސް އަކީ މޮރިޝަސްގެ ބާރުގެ ދަށުގައި އޮންނަ ތަނަކަށް ބަދަލުކުރަން ރާއްޖެއިން ވޯޓު ދޭނެ ކަމަށް މިދިޔަ އަހަރު ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ސިޓީފުޅަކުން މޮރިޝަސް އަށް ވަނީ އަންގަވައިފައެވެ. ނަމަވެސް މިއޮއްހާ ދުވަހު ރާއްޖެއިން ދަމަހައްޓަމުން އައި އުސޫލާ ދިމާ އިދިކޮޅަށް، މޮރިޝަސް އަށް ވޯޓު ދޭން ނިންމި ސަބަބު އަދިވެސް މުޅިން ސާފެއް ނުވެއެވެ.