އިނގިރޭސި އެފްއޭ ކަޕް ސެމީ ފައިނަލުގައި މިރޭ މެންޗެސްޓާ ޔުނައިޓެޑާއި ބްރައިޓަން ބައްދަލުކުރި މެޗު ޕެނަލްޓީ ޖަހައިގެން ކާމިޔާބުކޮށް މުބާރާތުގެ ފައިނަލުން ޔުނައިޓެޑް ޖާގަ ހޯދައިފިއެވެ.

މިރޭ ވެމްބްލީ ސްޓޭޑިއަމްގައި ކުޅުނު މި މެޗުގެ ފުރިހަމަ ވަގުތު ހަމަވެ އަދި އިތުރު ވަގުތުގެ ދެ ހާފް ކުޅެ ނިމުނު އިރު ވެސް އޮތީ 0-0 ގެ ނަތީޖާއިން ދެ ޓީމް އެއްވަރުވެފައެވެ. ވުމާއިއެކު ނަތީޖާ ނެރުމަށް ވަނީ ޕެނަލްޓީ ޖަހާފައެވެ. ޕެނަލްޓީގައި ޔުނައިޓެޑުން ކުރި ހޯދީ 7-6 ގެ ނަތީޖާއިންނެވެ.

Ad
rt

ޔުނައިޓެޑުން ހަތް ޕެނަލްޓީ ޖެހިއިރު އެ ޓީމުން ވަނީ ހުރިހާ ޕެނަލްޓީއެއް ކާމިޔާބު ކޮށްފައެވެ. ޔުނައިޓެޑުން ޕެނަލްޓީ ޖަހާފައި ވަނީ ކަސެމީރޯ، ޑިއެގޯ ޑަލޯ، ސަންޗޯ، ރަޝްފޯޑް، ސެބިޓްޒާރ، ވެގްހޯސްޓްގެ އިތުރުން ލިންޑަލޯފްއެވެ.

ބްރައިޓަން އިން ފޮނުވާލި ހަތް ޕެނަލްޓީގެ ތެރެއިން ހަމައެކަނި ނާކާމިޔާބުވީ ސޮލީ މާޗް ފޮނުވާލި ޕެނަލްޓީއެވެ. އޭނާ ފޮނުވާލި ޕެނަލްޓީ ދިޔައީ ގޯލު ދަނޑިމަތިން ބޭރަށެވެ. އެ ޓީމުން ޕެނަލްޓީތައް ކާމިޔާބު ކޮށްފައި ވަނީ މެކްއެލިސްޓާ، ޕަސްކަލް ގްރޮސް، ޑެނިސް އުންޑޭވް، ސްޓުޕިނަން، ޑަންކްގެ އިތުރުން އެޑަމް ވެބްސްޓާއެވެ.

މި މެޗުން ބްރައިޓަން ބަލިވި ނަމަވެސް ގިނަ ވަގުތު ބޯޅަ ހިފަހައްޓައިގެން ރަނގަޅަށް ކުޅެފައިވަނީ އެ ޓީމުންނެވެ. އެ ޓީމްގެ މެކް އެލިސްޓާއާއި އެންސިސްކޯގެ އިތުރުން ސޮލީ މާޗް ފޮނުވާލި ނުރައްކާތެރި ހަމަލާތައް ޔުނައިޓެޑްގެ ކީޕަރު ޑެހެއާ ވަނީ މަތަކޮށްފައެވެ. ޔުނައިޓެޑްގެ އެންތަނީއާއި ބްރޫނޯ ފެނާންޑޭޒް ވެސް ވަނީ ބްރައިޓަންގެ ގޯލަށް ނުރައްކާ ކޮށްފައެވެ. ނަމަވެސް އެ ހަމަލާތައް ބްރައިޓަންގެ ކީޕަރު ވަނީ މަތަކޮށްފައެވެ.

ފައިނަލުގައި ޔުނައިޓެޑް ބައްދަލުކުރަން ޖެހޭނީ ރޭ ސެމީ ފައިނަލުގައި 3-0 ގެ ނަތީޖާއިން ޝެފީލްޑް ބަލިކޮށް ފައިނަލުން ޖާގަ ހޯދި މެންޗެސްޓާ ސިޓީއާއެވެ. މިއީ މެންޗެސްޓާ ޔުނައިޓެޑާއި މެންޗެސްޓާ ސިޓީ އެފްއޭ ކަޕް ފައިނަލުގައި ވާދަކުރާ ފުރަތަމަ މެޗެވެ.

މިއީ ޔުނައިޓެޑްގެ ކޯޗް ޓެން ހާގް އެ ޓީމްގެ ކޯޗްކަމާއި ހަވާލުވީ ފަހުން ޔުނައިޓެޑް ކުޅޭ ދެވަނަ ފައިނަލެވެ. މި ސީޒަންގެ ކަރަބޯ ކަޕް ޔުނައިޓެޑުން ވަނީ ކާމިޔާބު ކޮށްފައެވެ.