ހދ.ކުޅުދުއްފުށީ ކުލަބް ކޮރަސްގެ ފަރާތުން އިންތިޒާމް ކޮށްގެން ބޭއްވި" ފާރޮށި ބޭކަރީ ކޮރަލްސް މަސްރޭސް 2023" ގެ ޗެމްޕިއަންކަން އެސްޓީއޯ އިން ކާމިޔާބު ކޮށްފިއެވެ.
ކުޅުދުއްފުށީ އޮފީސްތަކަށާއި ކުންފުނިތަކުގެ މުވައްޒަފުންނަށް ހުޅުވާލައިގެން ކުރިއަށް ގެންދިޔަ މި މުބާރާތް ބާއްވާފައި ވަނީ އިއްޔެއެވެ. އަންހެން ޓީމްތަކަށާއި ފިރިހެން ޓީމްތަކުގެ އިތުރުން ދެ ޖިންސް އެއްކޮށް ވެސް ޓީމް ހެދުމުގެ ފުރުޞަތު ދިން މި މުބާރާތުގައި ޖުމްލަ 25 ޓީމް މިއަހަރު ވަނީ ވާދަކޮށްފައެވެ.
ޖުމްލަ 137.1 ކިލޯ މަސް ބާނައިގެން މި މުބާރާތުގެ ޗެމްޕިއަންކަން ހޯދާފައި ވަނީ އެސްޓީއޯއެވެ. އެ ޓީމުން ބާނާފައި ވަނީ 124 މަހެވެ. މުބާރާތުގެ ދެވަނަ ހޯދީ އާރުޑީސީއެވެ. އެ ޓީމުން 69.5 ކިލޯ މަސް ވަނީ ބާނާފައެވެ. މުބާރާތުގެ ތިންވަނަ ކަސްޓަމްސް ހޯދާފައި ވަނީ ޖުމްލަ 65 ކިލޯ މަސް ބާނައިގެންނެވެ.
މުބާރާތުގެ އެންމެ ގިނަ މަސް ބޭނި ފިރިހެން ކެޔޮޅަށް ހޮވިފައި ވަނީ ކަސްޓަމްސް ޓީމްގެ އަލީ ވަހީދެވެ. އޭނާ ވަނީ 33 މަސް ބާނާފައެވެ. މުބާރާތުގެ އެންމެ ގިނަ މަސް ބޭނި އަންހެން ކެޔޮޅަށް ހޮވިފައި ވަނީ ޓީމް އޭޑީކޭގެ ރަހީމާ އަލީއެވެ. އޭނާ ވަނީ ޖުމްލަ 17 މަސް ބާނާފައެވެ.
މުބާރާތުގެ އެންމެ ބަރު މަސް ބާނާފައި ވަނީ ފެނަކަ ޓީމްގެ އަބްދުލް ޤަފޫރެވެ. އޭނާ ބާނާފައިވާ މަހުގެ ބަރުދަނަކީ 5.55 ކިލޯއެވެ. މުބާރާތުގެ އެންމެ ދިގު މަސް ބާނާފައި ވަނީ އެސްޓީއޯގެ މުޙައްމަދު ނިޒާރެވެ. އެ މަހުގެ ދިގު މިނަކީ 31.5 އިންޗިއެވެ.
ކޮރަލްސް އިން އިންތިޒާމް ކޮށްގެން ބާއްވާ ކޮންމެ މަސް ރޭހެއްގައި ވެސް އެ ޓީމުން އަންނަނީ އެއް ޓީމަށް ފީ މައާފް ކޮށްދެމުންނެވެ. ރޭ ޓީމްތަކުގެ މެދުގައި ބޭއްވި ގުރުއަތުން ދިމާވެގެން މި އަހަރުގެ މުބާރާތުގައި ފީ މައާފް ކޮށްދީފައި ވަނީ ދިރާގަށެވެ.
ރޭ ބޭއްވި މި މުބާރާތުގެ ނިންމުމުގެ ރަސްމިއްޔާތު ޝަރަފްވެރި ކޮށްދެއްވީ ކުޅުދުއްފުށީ ސިޓީގެ މޭޔަރ މުޙައްމަދު އާތިފެވެ. މީގެ އިތުރުން ޒުވާން މަސްވެރިޔާ ސާޖިން ވެސް މި ރަސްމިއްޔާތުގައި ވަނީ ބައިވެރިވެލައްވާފައެވެ.
މި މުބާރާތުގެ އެއްވަނަ ޓީމަށް 7000 (ހަތްހާސް) ރުފިޔާ، ދެވަނަ ޓީމަށް 3000 (ތިންހާސް) ރުފިޔާ އަދި ތިންވަނަ ޓީމަށް 1500 (ފަނަރަސަތޭކަ) ރުފިޔާގެ ފައިސާގެ އިނާމެއް ވަނީ ދީފައެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!