މި ފާއިތުވެދިޔަ ހަތަރު އަހަރު ދުވަހުގެ ތެރޭގައި ސަރުކާރުން ހާސިލް ކުރި އެންމެ ބޮޑުއެއް ކާމިޔާބީއަކީ ދިވެހިން މި ދެކޭ ހަމަޖެހުމާ އަމާންކަން ކަމަށް ދިފާއީ ވަޒީރު މާރިޔާ އަހްމަދު ދީދީ ވިދާޅުވެއްޖެއެވެ.
އެކަމަނާ މިހެން ވިދާޅުވީ ދިވެހި ސިފައިންގެ ހިދުމަތަށް 131 އަހަރު ފުރުމުގެ މުނާސަބަތުގައި ދެއްވި ހިތާބުގައެވެ.
އެ ހިތާބުގައި މާރިޔާ ވިދާޅުވެފައިވަނީ ގިނަ ގޮންޖެހުންތަކާއެކުވެސް ތަރައްގީގެ ދުވެލީގައި އަސްކަރީ ދާއިރާ ވެސް ހިމެނިގެން، ރާއްޖެ މިއަދު ދެކެމުން މިދަނީ މީގެ ކުރިން ރާއްޖެ ދެކެފައި ނުވާފަދަ ހިތްހަމަޖެހޭ ދުވަސްތަކެއް ކަމަށެވެ.
"ކުޑަ ރަށެއް، ބޮޑު ރަށެއް ތަފާތު ކުރުމެއް ނެތި އެއްވެސް ރައްޔިތަކު ބާކީ ނުކޮށް ތަރައްގީގެ މަޝްރޫއުތައް ކުރިއަށް އެގެންދަނީ. ރައީސް އިބްރާހިމް މުހައްމަދު ސޯލިހް ގެންގުޅުއްވާ ހަރުދަނާ ސިޔާސަތުގެ ކާމިޔާބީގެ ފޮނި މީރުކަން ރާއްޖޭގެ ކުދި ބޮޑު ހުރިހާ ދިވެހިން ތަޖުރިބާ ކުރަމުންދޭ." މާރިޔާ ވިދާޅުވިއެވެ.
މީގެ އިތުރުން ސިފައިންގެ މަސައްކަތްތަކަށް، ރައީސް ދެއްވަވާ އަހަމިއްޔަތުކަން ފާހަގަކުރައްވައި މާރިޔާ ވިދާޅުވީ ސިފައިންނާ ދިމާވާ ކޮންމެ ފަހަރެއްގައި ވެސް ގައުމުގައި ސިފައިން އަދާކުރާ މުހިންމު ދައުރާއި ދިވެހި ރައްޔިތުންގެ އިހުތިރާމާ ލޯތްބާ، ގަދަރު ލިބޭނޭހެން ސިފައިންގެ އަމަލުތައް ބެހެއްޓުމަށް ރައީސް ނަސޭހަތްތެރިވެވަޑައިގަންނަވާ ކަމަށެވެ.
ހަމަމިއާއެކު ސިފައިންގެ ޕްރޮފެޝަނަލިޒަމް އެންމެ މަތީ މިންގަނޑުގައި ދެމެހެއްޓުމަށް އަބަދު ވެސް ރައީސް ބާރު އަޅުއްވާކަމަށް މާރިޔާ ވިދާޅުވިއެވެ. އަދި ސިފައިންގެ އިތުރު މަރުކަޒުތައް ރާއްޖޭގެ އިތުރު ސަރަހައްދުތަކުގައި ގާއިމު ކުރުމަށް ވެސް މަސައްކަތް ކުރަމުން އަންނަކަމަށް ވިދާޅުވިއެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!