ހދ.ހަނިމާދޫން 2500 އަކަފޫޓުގެ 200 ގެވަޅު ދޫކުރުމަށް އެ ރަށު ކައުންސިލުން މިއަދު ނިންމައިފިއެވެ.
ކައުންސިލުގެ ހަތަރުވަނަ ދައުރުގެ 88 ވަނަ އާންމު ޖަލްސާގައި މިއަދު ނިންމާފައި ވަނީ ލޭންޑް ޔޫސް ޕްލޭނުގައި ހަނިމާދޫން ގެވަޅު ދޫކުރުމަށް ކަނޑައަޅާފައިވާ ސަރަހައްދުތަކުން 2500 އަކަފޫޓުގެ 200 ގެވަޅު އެ ރަށުގައި މީހުން ދިރިއުޅުމަށް ދޫކުރުމަށެވެ.
ހަނިމާދޫން މީހުން ދިރިއުޅުމަށް ގެވަޅު ދޫނުކުރާތާ ބާރަ އަހަރަށް ފަހު މިހާރު އޮތް ކައުންސިލުން ވަނީ މި އަހަރުގެ ޖަނަވަރީ މަސް ތެރޭ ހަނިމާދޫން 3000 އަކަފޫޓުގެ 200 ގެވަޅު ދޫކޮށްފައެވެ.
ހަނިމާދޫއަކީ މިހާރު ވެސް ބިމުގެ ޑިމާންޑް ބޮޑު ރަށެކެވެ. ރާއްޖޭގެ އުތުރުގައި ތަރައްޤީ ކުރާ އެންމެ ބޮޑު އެއާޕޯޓް ހަނިމާދޫގައި މިހާރު ތަރައްޤީ ކުރަމުން އަނަނައިރު، އެ އެއާޕޯޓްގެ މަސައްކަތްނިމި ބޭނުން ކުރަން ފެށުމާއިއެކު ހަނިމާދޫގެ ބިންތަކަށް ޑިމާންޑް މިހާރަށް ވުރެ ބޮޑުވާނެއެވެ.
ހަނިމާދޫގައި މިހާރު ލޯކަލް ޓްއަރިޒްމް ބާރު ދުވެލީގައި އަންނަނީ ކުރި އަރަމުންނެވެ. އެ ރަށުގައި ސިޓީ ހޮޓަލެއް މިހާރު އޮޕަރޭޓް ކުރަމުން އަންނައިރު ގެސްޓް ހައުސްތައް ވެސް އަންނަނީ ހިންގަމުންނެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!