ކޮންމެ ރަމަޟާން މަހަކު ބާއްވަމުން އަންނަ އިހްޔާ ފޯރަމްގެ މިއަހަރުގެ އެެންމެފަހު ފޯރަމް މިރޭ އޮންނާނެކަމަށް އިސްލާމިކް މިނިސްޓްރީން ބުނެފިއެވެ.
އެ މިނިސްޓްރީން ބުނީ މިރޭގެ ފޯރަމް ވެސް އޮންނާނީ އިސްލާމީ މަރުކަޒުގެ ހޯލުގައި ކަމަށެވެ.
މިރޭގެ ފޯރަމް "ފާފަ ފުއްސަވައިދެއްވުމުގައި ﷲ (سُبْحَانَهُ وَتَعَالَى)ގެ އޯގާވަންތަވެރިކަން" މި މައުޟޫއު ހަމަަޖައްސާފައިވާއިރު، ތަޤްރީރުކުރައްވާނީ ޑރ. ޢަބްދުއްސައްތާރު ޢަބްދުއްރަޙްމާން ކަމަށް ވެސް އެ މިނިސްޓްރީން ބުނެއެވެ.
އިސްލާމިކް މިނިސްޓްރީން ބުނީ ރޭގަނޑު 9:30 ގައި ފަށާ މި ފޯރަމްގައި ވެސް ކޮންމެ އިހްޔާ ފޯރަމެއްގައި ގުރުއަތުން ހޮވޭ ފަރާތްތަކަށް އެރެއަކު ދިނުމަށް ހަމަޖެހިފައިވާ އިނާމު ދެވޭނެ ކަމަށެވެ.
މީގެ އިތުރުން ދަރިވަރުންގެ އިޙްޔާ ފޯރަމްތަކުގެ އިނާމު ދިނުމާއި، މާލޭގައި ބޭއްވި އިޙްޔާ ފޯރަމްތަކުގައި ބައިވެރިވި ފަރާތްތަކުގެ މެދުގައި ބާއްވާ ގުރުއަތުލުން އޮންނާނެ ކަމަށާއި މި ގުރުއަތުގައި ދަރިވަރުންގެ އިޙްޔާފޯރަމްގައި ބައިވެރިވި ފަރާތްތައް ވެސް ހިމެނޭނެކަމަށް ބުންނެވެ.
މި ފޯރަމްގައި ގުރުއަތުން ހޮވޭ ފަރާތްތަކަށް ދިނުމަށް ހަމަޖެހިފައިވާ އިނާމުތަކަކީ 1 ވަނައަށް ޢުމްރާ ދަތުރެއް، 2 ވަނައަށް ސްމާޓް ފޯނެއް، އަދި 3ވަނައަށް ސޯފާސެޓެކެވެ.
މި އަހަރު ޖުމްލަ 16 އިޙްޔާ ފޯރަމް ބާއްވާފައިވާއިރު، އޭގެ ތެރޭގައި މާލެސިޓީއާއި އަތޮޅުތެރޭގައި ބޭއްވި އިޙްޔާ ފޯރަމްތައް ހިމެނެއެވެ.
މީގެ އިތުރުން ދަރިވަރުންނަށް ޚާއްސަކޮށްގެން ޖުމްލަ 4 ސްކޫލެއްގެ 4 ފޯރަމެއް ވަނީ ބާއްވާފައެވެ. ދަރިވަރުންގެ އިޙްޔާ ފޯރަމްތަކުގައި ބައިވެރިވެފައިވަނީ އަލް މަދްރަސަތުލް ޢަރަބިއްޔަތުލް އިސްލާމިއްޔާއާއި، ވިލާ އިންޓަރނޭޝަނަލް ހައި ސްކޫލާއި، އަޙްމަދިއްޔާ އިންޓަރނޭޝަނަލް ސްކޫލާއި ސެންޓަރ ފޮރ ހަޔަރ ސެކަންޑަރީ އެޑިޔުކޭޝަން (ސީ.އެޗް.އެސް.އީ) އެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!