މޯލްޑިވްސް މީޑިއާ ކައުންސިލް (އެމްއެމްސީ) އިން ކުރިއަށްގެންދާ ސްޓޫޑަންޓް ޖާނަލިޒަމް ޕްރޮގްރާމްގެ ޕްލެޓިނަމް ސްޕޮންސަރަކަށް ސްޓޭޓް ޓްރޭޑިން އޯގަނައިޒޭޝަން (އެސްޓީއޯ) ހަމަޖައްސައިފިއެވެ.

އެސްޓީއޯގައި އިއްޔެ ބޭއްވި ރަސްމިއްޔާތެއްގައި މިކަމުގެ އެއްބަސްވުމުގައި އެސްޓީއޯގެ ފަރާތުން ސޮއިކުރެއްވީ އަބްދުالله މުހައްމަދެވެ. އެމްއެމްސީގެ ފަރާތުން ސޮއިކުރެއްވީ ރައީސް އަޙްމަދު މުޞްޠަފާއެވެ.

Ad
rt

މި ރަސްމިއްޔާތުގައި އެމްއެމްސީގެ ރައީސް އަހުމަދު މުސްތަފާ ވަނީ އެސްޓީއޯއަކީ މީހުން ބިނާކުރުމަށް އެމްއެމްސީން ކުރިއަށްގެންދާ ޕްރޮގްރާމެއްގެ ސްޕޮންސަރަކަށް ހަމަޖެއްސި ފުރަތަމަ ކުންފުނިކަން ފާހަގަކުރައްވާ، އެކަމަށްޓަކައި އެ ކުންފުނީގެ އިސްވެރިންނަށް ޝުކުރު އަދާކުރައްވާފައެވެ.

މީގެ އިތުރުން މީޑިއާގެ ކުރިއެރުމަށް އެސްޓީއޯ އިން ވެދެމުން އަންނަ އެހީތެރިކަން ވެސް ވަނީ ފާހަގަކުރައްވާފައެވެ.

އެމްއެމްސީން ކުރިއަށްގެންދާ ސްޓޫޑަންޓް ޖާނަލިޒަމް ޕްރޮގްރާމަކީ އަލަށް އިންތިހާބުވި ކައުންސިލުން ކަނޑައެޅި ލަނޑުދަނޑިތަކުގެ ތެރެއިން ސްކޫލް ދަރިވަރުން ނޫސްވެރިކަމުގެ ދާއިރާއަށް ޝައުގުވެރިކަން އުފައްދައި، އެ ދާއިރާއަށް ދަރިވަރުން ނެރުމަށް ހިންގާ ޕްރޮގްރާމެކެވެ.

މި އަހަރުގެ ޖެނުއަރީ މަހު ފެށި އެ ޕްރޮގްރާމް މިހައިތަނަށް ދެ ސްކޫލެއްގައި ހިންގައި, 50 އަށްވުރެ ގިނަ ދަރިވަރުން ވަނީ ތަމްރީނުކޮށްފައެވެ. އަދި އަންނަ ޖޫން މަހުގެ ތެރޭގައި ހއ. އަދި ހދ. އަތޮޅުގެ ސްކޫލްތަކަށް މި ޕްރޮގްރާމް ހިންގުމަށް ދަނީ ތައްޔާރުވަމުންނެވެ.

މި ޕްރޮގްރާމްގައި ޓްރެއިނަރުންގެ ގޮތުގައި ހަރަކާތްތެރިވަނީ ރާއްޖޭގެ ނޫސްވެރިކަމުގެ ދާއިރާގައި ގިނަ އަހަރުތަކެއް ވަންދެން އުޅެ, ތަޖުރިބާ ލިބިފައިވާ އަދި އެ ދާއިރާއިން މަތީ ތައުލީމު ހާސިލުކޮށްގެން ތިއްބެވި ސީނިއާ ބޭފުޅުންނެވެ.