ރައީސް ސާލިޙުގެ ރިޔާސީ ކެމްޕެއިންގެ މެނިފެސްޓޯ އެކުލަވާލުމުގެ މަސައްކަތް ފަށައިފި ކަމަށް އެމްޑީޕީގެ ޗެއަރޕާސަން އަދި އިކޮނޮމިކް މިނިސްޓަރ ފައްޔާޟް އިސްމާޢީލް ވިދާޅުވެއްޖެއެވެ.

އޭނާ މިހެން ވިދާޅުވީ ދައުލަތުގެ މީޑިއާ ޕީއެސްއެމް އަށް މައުލޫމާތު ދެއްވަމުންނެވެ.

Ad
rt

ފައްޔާޟު ވިދާޅުވީ އިންތިޚާބަށް އެމްޑީޕީން ތައްޔާރުވަމުންދާތާ ގިނަ ދުވަސްތަކެއް ވަމުން އަންނަކަމަށާއި އިންތިޚާބު ކާމިޔާބުކުރުމަށް ދުރާލައި ކުރަންޖެހޭ މަސައްކަތްތަކާއި، ކުރަންހުރި މަސައްކަތްތައް ކުރަމުން އަންނަކަމަށެވެ.

"އެމްޑީޕީއަކީ އަބަދުވެސް ރައްޔިތުންގެ އަޑު އަހައިގެން ރައްޔިތުންގެ އުންމީދުތަކާ އެއްގޮތަށް ވަޢުދުތައްވެ، އެވަޢުދުތައް ފުއްދާ ޕާޓީއެއް. ކުރިއަށް އޮތް ރިޔާސީ އިންތިޚާބުގައި ވެސް އެމްޑީޕީން އެކުލަވައިލައި ސިޔާސަތުތައް ނުވަތަ މެނިފެސްޓޯ ބިނާވާނީ ރައްޔިތުންގެ ޚިޔާލާއި މަޝްވަރާއަށް." ފައްޔާޟު ވިދާޅުވިއެވެ.

އޭނާ އިތުރަށް ވިދާޅުވީ މި މަސައްކަތް ކުރުމަށް ރޯދަމަސް ނިމުމާއެކު އެމްޑީޕީގެ ޓީމުތައް ރާއްޖޭގެ ހުރިހާ ސަރަޙައްދަކަށް ދަތުރު ފަށާނެކަމަށެވެ.

ރިޔާސީ އިންތިޚާބު ބޭއްވުމަށް ނިންމާފައިވަނީ ސެޕްޓެމްބަރު މަހުގެ 9 ވަނަ ދުވަހުއެވެ. އަދި ދެވަނަ ބުރެއް ބާއްވަވަން ޖެހިއްޖެނަމަ، 30 ސެޕްޓެމްބަރުގައި ބޭއްވުމަށް ވަނީ ނިންމާފައެވެ.

ރިޔާސީ އިންތިޚާބުގައި ވާދަކުރާ ކެނޑިޑޭޓުންނަށް ފުރުޞަތު ހުޅުވާލާނީ ޖުލައި މަހުގެ 23 ން އޮގަސްޓް މަހުގެ 3 ވަނަ ދުވަހުގެ ނިޔަލަށެވެ.

ކެނޑިޑޭޓުންގެ ނަންބަރު އޯގަސްޓް މަހުގެ 9 ވަނަ ދުވަހު ތަރުތީބުކުރުމަށްފަހު، ކެމްޕެއިން ކުރުމަށް 10 އޯގަސްޓުން ފެށިގެން 8 ސެޕްޓެމްބަރާ ހަމައަށް ފުރުޞަތު ދެއްވުމަށް އިލެކްޝަނުން ވަނީ ނިންމަވާފައެވެ.