އިނގިރޭސި ޕްރިމިއާ ލީގުގައި އާސެނަލްއާއި ވެސްޓް ހޭމް މިރޭ ބައްދަލުކުރި މެޗު އެއްވަރުވެ ދެ ޕޮއިންޓް ގެއްލި އާސެނަލް ޕްރެޝަރަށް ވެއްޓިއްޖެއެވެ. މިރޭ ވެސްޓް ހޭމްގެ ދަނޑުގައި ކުޅުނު މެޗު ނިމިފައި ވަނީ 2-2 ގެ ނަތީޖާއިން ދެ ޓީމް އެއްވަރުވެގެންނެވެ.
ލީގުގެ ޕޮއިންޓް ތާވަލުގެ އެއްވަނާގައި މިވަގުތު އޮތް އާސެނަލްގެ އަތުން އެންމެ ފަހުން ކުޅުނު ދެ މެޗުގައި މި ވަނީ ހަތަރު ޕޮއިންޓް ގެއްލިފައެވެ. މިދިޔަ ހަފްތާގައި އާސެނަލްއާއި ލިވަޕޫލް ބައްދަލުކުރި މެޗުގައި އާސެނަލުން ދެ ލަނޑު ޖަހާފައި ވަނިކޮށް ލިވަޕޫލުން ވަނީ ފަހަތުން އަރައި ދެ ލަނޑު ޖަހައި ނަތީޖާ އެއްވަރު ކޮށްފައެވެ. މިރޭ ވެސްޓް ހޭމް ކޮޅަށް ވެސް ފުރަތަމަ ހާފުގެ ފުރަތަމަ ދިހަ މިނެޓްގެ ތެރޭ އާސެނަލުން ވަނީ ދެ ލަނޑު ޖަހާފައެވެ. ނަމަވެސް ވެސްޓް ހޭމުން ވަނީ ފަހަތުން އަރައި ނަތީޖާ ހަމަހަމަ ކޮށްފައެވެ.
މިވަގުތު އާސެނަލް ޕޮއިންޓް ތާވަލުގެ އެއްވަނާގައި އޮތީ ކުޅުނު 31 މެޗުން ލިބުނު 74 ޕޮއިންޓާއި އެކުގައެވެ. ދެވަނާގައި އޮތް ސިޓީއަށް އާސެނަލްއަށް ވުރެ އެއް މެޗު މަދުންކުޅެ 70 ޕޮއިންޓް ލިބިފައިވާއިރު، ދެ ޓީމްގެ މެޗު ހަމަވާއިރު، މި މަހުގެ 27 ގައި އާސެނަލްއާއި ސިޓީ ބައްދަލުކުރާ މެޗުން ސިޓީ މޮޅުވެއްޖެނަމަ އާސެނަލްއަށް އެއްވަނަ ގެއްލޭނެއެވެ.
މި މެޗުގައި އާސެނަލުން ލީޑުނެގީ ހަތް ވަނަ މިނިޓްގައި ގަބްރިއެލް ޖީސޫސް ލަނޑުންނެވެ. އޭގެ ތިން މިނިޓް ފަހުން، ގަބްރިއެލް މާޓީނެލީ ނެގި ހުރަހަކަށް އަރައި އާސެނަލްގެ ކެޕްޓަން، މާޓިން އޮޑެގާޑް ވަނީ އެއް ފަހަރުން ގޯލުގެ ތެރެއަށް ބޯޅަ ފޮނުވާލައި އާސެނަލްއަށް ދެވަނަ ލަނޑު ކާމިޔާބު ކޮށްދީފައެވެ.
ވެސްޓް ހޭމުން ވަނީ ފުރަތަމަ ހާފު ނިމުމުގެ ކުރިން ލަނޑުޖަހައި ފަރަގު ކުޑަކޮށްފައެވެ. މި ލަނޑު 33 ވަނަ މިނެޓުގައި ލިބުނު ޕެނަލްޓީއަކުން ކާމިޔާބު ކޮށްދީފައި ވަނީ ބެންރަހްމާއެވެ. ވެސްޓް ހޭމުން މެޗުގެ ނަތީޖާ އެއްވަރުކުރި ލަނޑު 54 ވަނަ މިނެޓުގައި ކާމިޔާބު ކޮށްދީފައި ވަނީ ބޮވެންއެވެ. ވެސްޓް ހޭމުން ދެވަނަ ލަނޑު ޖެހުމުގެ ކުރިން އާސެނަލްއަށް ޕެނަލްޓީ އެއް ލިބުނު ނަމަވެސް ސަކާ ފޮނުވާލި ޕެނަލްޓީ ދިޔައީ ބޭރަށެވެ.
މި މެޗުން ލިބުނު ޕޮއިންޓާއިއެކު ވެސްޓް ހޭމް މިވަގުރު އޮތީ ޕޮއިންޓް ތާވަލުގެ 15 ވަނާގައެވެ. އެ ޓީމަށް 30 މެޗުން ލިބިފައި ވަނީ 31 ޕޮއިންޓެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!