ޓެކްސީ ޑްރައިވަރެއް ކަމަށްވާ ގާސިމް ހަސަން މަރާލި މައްސަލާގައި އޭނާގެ ގާތިލް އަދުހަމް މުހައްމަދު މެރުމަށް ކްރިމިނަލް ކޯޓުން މިއަދު ހުކުމްކޮށްފި އެވެ.

ޑިސެމްބަރު، 2019 ގައި ހުޅުމާލޭގައި ގާސިމް ޓެކްސީ ދުއްވަމުން ދަނިކޮށް އޭނާގެ ކަރަށް އަދުހަމް ވަޅިން ހަމަލާދިނީ ކާރުގެ ފަހަތު ސީޓުގައި އިނދެފައި، ގާސިމްގެ އަތުން ފޭރެން އުޅުމުގެ ތެރޭގަ އެވެ. ތޫނު އެއްޗެއް ބޭނުންކޮށްގެން ގަސްދުގައި މީހަކު މެރުމުގެ ދައުވާއަށް އަދުހަމް ކުރިން އެއްބަސްވުމަށް ފަހު، ފަހުން އޭނާ ބުނެފައިވަނީ ހަމަލާދެވުނީ ގަސްދެއް ނެތި ކަމަށެވެ. އަދި ހަމަލާދެވުނީ މަސްތުވެގެން ހުއްޓާ ކަމަށް ވެސް އަދުހަމް ބުނެފައިވެ އެވެ.

Ad
rt

އަދުހަމްގެ މައްޗަށް ކުށް ސާބިތުވާ ކަމަށް ނިންމީ މިދިޔަ މަހު 19 ގައި ބޭއްވި ޝަރީއަތުގަ އެވެ. އޭނާގެ މައްޗަށް މަރުގެ އަދަބު މިއަދު ކަނޑައެޅީ ވާރިސުން މަރަށް މަރު ހިފަން އެދިފައި ވާތީ އެވެ.

ގާސިމްގެ ވާރިސުންގެ ގޮތުގައި ދުނިޔޭގައި މި ވަގުތު ތިބި އޭނާގެ ފަސް ދަރިން ވެސް ވަނީ މަރަށް މަރު ހިފުމަށް އެދޭ ކަމަށް ޝަރީއަތުގައި މިއަދު ބުނެފަ އެވެ.

ގާސިމަށް ހަމަލާދެވުނީ މަސްތުގެ ހާލުގައި ހުރެ އޮޅުމަކުން ކަމަށާއި އަދި މަރާލުމުގެ ގަސްދެއް ނެތް އަދުހަމް ބުނެފައި ވިޔަސް ކޯޓުގެ ހުކުމުގައިވަނީ ވަޅިއެއް މީހެއްގެ ކަރަށް އަމާޒު ކުރުމަކީ މެރުމުގެ ނިޔަތް އޮތްކަން ދެނެގަނެވޭނެ ކަމެކެވެ. އަދި ހަމަލާއަށްފަހު ގާސިމް އެހީއަށް އެދި ގޮވަމުން ދަނިކޮށް އެހީވުމުގެ ބަދަލުގައި އަދުހަމް ކުށުގެ ވެށިން ފިލާފައިވާތީ އެއީ ވެސް މެރުމުގެ ގަސްދު އޮތްކަން ދަލީލުކޮށްދޭ ކަމެއް ކަމަށް ގާޒީ ވިދާޅުވި އެވެ.

ހުކުމުގައިވާ ގޮތުން ހަމަލާދިން ވަގުތު ހުރީ މަސްތުވެގެން ކަމަށް އަދުހަމް ބުނެފައި ވިޔަސް، އަދުހަމް އެވަގުތު ހުރީ އޭނާ ކުރާ އަމަލުގެ ނަތީޖާ ނުވިސްނޭ ފަދަ ހާލަތެއްގައި ނޫންކަން އޭނާ ފޭރެން މަސައްކަތްކޮށްފައިވާތީ އެނގޭ ކަމަށެވެ.