މިއަދު ކުރިއަށްދިޔަ ރައްޔިތުންގެ މަޖިލިސްގެ ގުރައިދޫ ދާއިރާގެ ބައި-އިލެކްޝަންގައި ވޯޓުލާ ވަގުތު އިތުރުކުރީ އިދިކޮޅު ޕްރޮގްރެސިވް ޕާޓީ އޮފް މޯލްޑިވްސް (ޕީޕީއެމް) އާއި މަޝްވަރާނުކޮށް، ސަރުކާރުން ވޯޓަށް ނުފޫޒު ފޯރުވަންވެގެން ކަމަށް އެ ޕާޓީން ބުނެފިއެވެ.
އެ އިންތިޚާބުގެ ވޯޓުލުން ފެށީ މިއަދު ހެނދުނު 8:00 އެވެ. އަދި ނިންމާ ގަޑިއަކަށް ހަމަޖައްސާފައި އޮތީ ހަވީރު 16:00 އެވެ. ނަމަވެސް ވޯޓްލުން ކުރިއަށް ގެންދަން ކުރިން ހަމަޖެއްސި ވަގުތުގެ ތެރޭގައި މޫސުން ގޯސްވުމުގެ ސަބަބުން މިއަދު ހަވީރު 17:00 އަށް ވޯޓުލުމުގެ ވަގުތު އިތުރު ކުރީ ކަމަށް އިލެކްޝަންސް ކޮމިޝަން (އީސީ) އިން ވަނީ ވިދާޅުވެފައެވެ.
ވޯޓުލުމުގެ ވަގުތު ދައްމާލުމާއި ގުޅިގެން މި އިންތިޚާބަށް ކެންޑިޑޭޓަކު ނެރެފައިވާ ޕީޕީއެމުން ނެރުނު ބަޔާނެއްގައި ބުނީ އެގޮތައް އެކަން ކުރީ އެ ޕާޓީއާއި އެއްވެސް މަޝްވަރާއެއް ނުކޮށް ކަމަށެވެ. އަދި އެކަން ހަރުކަށި އިބާރާތުން ކުށްވެރިކުރާ ކަމަށް ވެސް ބުންޏެވެ.
ޕީޕީއެމުން ބުނީ ވޯޓުލާ ވަގުތު އިތުރުކުރާން ވާނީ އިންތިޚާބުގައި ވާދަކުރާ ހުރިހާ ޕާޓީތަކާއި މަޝްވަރާ ކުރުމަށްފަހު އެއީ ކޮންމެހެން ކުރަންޖެހޭކަމެއްކަމަށް އެއްބަސްވެވޭ ނަމަކަށެވެ.
''މިކަން މިގޮތައް ކޮށްފައިވަނީ އިންތިޚާބުގައި އެމްޑީޕީއަށް ނާކާމިޔާބީއާއި ކުރިމަތިވާތީ އެކަން ފޫބެއްދުމަށް އިތުރު މީހުންނަށް ފުރުސަތު ދިނުމަށްޓަކައި، ސަރުކާރުން އިލެކްޝަން ކޮމިޝަންގެ މައްޗަށް ނުފޫޒު ފޯރުވައިގެން'' ޕީޕީއެމުން ބުނެފަވެއެވެ.
މި އިންތިހާބުގައި ޖުމްލަ 3،423 މީހުންނަށް ވޯޓުލުމުގެ ހައްގު ލިބިފައިވެއެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!