އެކުވެރި ދައުލަތްތައް (އދ.)ގެ ޢާއްމު މަޖިލީހުގެ ރައީސްކަމުގައި ހުންނަވައިގެން އެ މަޖިލީހުގައި ދިވެހި ބަހުން މުޚާތަބުކުރުމަކީ ލިބުނު އެންމެ ބޮޑު އެއް ޝަރަފާއި، އުފާ ކަމުގައި ރާއްޖޭގެ ހާރިޖީ ވަޒީރު، ނިޝާން އިއްޒުއްދީނުގެ އިއްޒަތުގެ ވެރިޔާ (ނ.ޢ.ޢ.ވ) ޢަބްދުﷲ ޝާހިދު ވިދާޅުވެއްޖެއެވެ.
އދ. ގެ 76 ވަނަ އާންމު މަޖިލީހުގެ ރައީސަކަށް ޝާހިދު އިންތިޚާބުވެ ވަޑައިގަތީ 2022 ވަނަ އަހަރުގެ ޖޫންމަހުގެ 7 ވަނަ ދުވަހު ބޭއްވި އިންތިޚާބުގައި 143 ވޯޓުން ބޮޑު އަޣުލަބިއްޔަތެއް ހޯއްދަވައިގެންނެވެ. މިއީ ތާރީހުގައި ވެސް އދ. ގެ މިހާ އިސް މަގާމަކަށް ދިވެއްސަކު އިންތިހާބުކުރި ފުރަތަމަ ފަހަރެވެ. އަދި ދިވެއްސަކު ދުނިޔޭގެ މިފެންވަރުގެ މަގާމަކަށް އިންތިޚާބުވި ފުރަތަމަ ފަހެރެވެ.
ޝާހިދު ވަނީ އެ މަޤާމުގައި ހުންނަވައިގެން އދ.ގެ އާންމު މަޖިލީހުގައި ދިވެހި ބަހުން ތަޤްރީރު ކުރައްވާފައެވެ.
މިއަދު ފާހަގަކުރަމުދާ ދިވެހި ބަހުގެ ދުވަހު ތަހުނިޔާ ފޮނުއްވަމުން ޝާހިދު ވަނީ، މިއަދަކީ މި ދުވަސް އެ ބޭފުޅަކަށް ނިސްބަތްވާ، ދިވެހި އަދަބީ އުދަރެހުންއެރި އެންމެ އަލިގަދަތަރި، ''ފަތިހުގެ ތަރި" އަލްމަރުޙޫމް ޙުސައިން ޞަލާޙުއްދީން، (ޝާހިދުގެ ބައްޕަގެ ބޮޑުބޭބެ) އުފަންވެވަޑައިގެންތާ 142 އަހަރު ފުރޭ ދުވަސްކަން ފާހަގަ ކުރައްވާފައެވެ.
އެކުވެރި ދައުލަތްތަކުގެ އެންމެ އިސް މަގާމުގައި ހުރެ ދިވެހި ބަހުން އދ.ގެ އާންމު މަޖިލީހުގައި މުޚާތަބުކުރުމަކީ އަޅުގަނޑަށް ލިބުނު އެންމެ ބޮޑު އެއް ޝަރަފު. އަޅުގަނޑަށް ލިބުނު އެންމެ ބޮޑު އުފާ. pic.twitter.com/ohHbxtLEgw
— Abdulla Shahid (@abdulla_shahid) April 14, 2023
ދިވެހި ބަހާއި ގުޅިގެން ޝާހިދު ވިދާޅުވެފައިވާ ގޮތުގައި، ދިވެހި ޤައުމިއްޔަތުގެ ބަހާތައް ބިނާވެފައި ވަނީ ދިވެހި ބަހަށެވެ. އަދި މިއަދު ހުރިހާ ދިވެހިންގެ އެންމެންގެ ޢަޒުމަކަށް ވާންވާނީ، ދިވެހިންނަކީ ވެސް ދިވެހި ބަސް އުނގެނި ދަސްކުރާ، ދިވެހި ބަސް ކުރިއަރުވައި، އެބަހާއިމެދު ފަޚުރުވެރިވާ ބައެއް ކަމުގައި ވުމަށް ކަމަށް ވިދާޅުވިއެވެ.
''އެކުވެރި ދައުލަތްތަކުގެ އެންމެ އިސް މަގާމުގައި ހުރެ ދިވެހި ބަހުން އދ.ގެ އާންމު މަޖިލީހުގައި މުޚާތަބުކުރުމަކީ އަޅުގަނޑަށް ލިބުނު އެންމެ ބޮޑު އެއް ޝަރަފު. އަޅުގަނޑަށް ލިބުނު އެންމެ ބޮޑު އުފާ.'' ޝާހިދު ވިދާޅުވެފަވެއެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!