މުޢާމަލާތުކުރެއްވި ނަމޫނާއަކީ މިއަދުގެ ޖީލު އެކަންކަން ދިރާސާކޮށް އުނގެނި އަދި ދަސްކުރަންޖެހޭ ކަމަށް އިސްލާމިކް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރ އަލްއުސްތާޛް މުޙައްމަދު އަނީލް ވިދާޅުވެއްޖެއެވެ.
އޭނާ މިހެން ވިދާޅުވީ ”އެންމެ ހެޔޮ އިންސާނާގެ އިޖުތިމާޢީ މުޢާމަލާތްތައް” މި މައުޟޫޢަށް އިޙްޔާ ފޯރަމްގައި ތަޤްރީރުކުރައްވަމުންނެވެ.
ޝައިޚް ވިދާޅުވީ ރަސޫލާ މުއާމަލާތުކުރެއްވި ގޮތް އުނގެނި ޢަމަލު ކުރާނަމަ މި މުޖުތަމަޢުގައި ހުރި ހުރިހާ މައްސަލަތަކެއް ނެތި ހިނގައިދާނެ ކަމަށެވެ.
ރަސޫލާ ގެ ޙަޔާތްޕުޅުގައި ދިމާވި ދަތި އުނދަގޫތަކަށް ބައްލަވައި އެފަދައިން ކަންކަން ދިމާވިއިރުވެސް އެކަލޭގެފާނު އެ މުޖުތަމައުގައިވާ ފަރާތްތަކާ މުޢާމަލާތުކުރެއްވި މަތިވެރި ގޮތްތައް ތަފްސީލު ކޮށްދެއްވަމުން ޝައިޚް ވިދާޅުވީ ދީނަށް ގޮވައިލައްވަން ފެއްޓެވުމާއިއެކު އެކަލޭގެފާނަށް ކުރިމަތިވި ދުއްތުރާތަކާއި އަނިޔާތަކަށް ބައްލަވައި އެހުރިހާ ކަމެއް ހިނގިއިރުވެސް އެކަލޭގެފާނު މުޢާމަލާތުކުރެއްވި ނަމޫނާއަކީ މިއަދުގެ ޖީލު އެކަންކަން ދިރާސާކޮށް އުނގެނި އަދި ދަސްކުރަންޖެހޭ ކަމަށެވެ.
އިސްލާމީ މަރުކަޒުގެ ހޯލުގައި ކުރިއަށް ގެންދިޔަ މި ފޯރަމްގައި ރަސޫލާގެ ޙަޔާތްޕުޅުގައި، އެ މުޖުތަމައުގެ ވަކިވަކި ފަރުދުންނާމެދު ރަސޫލާ މުޢާމަލާތު ކުރެއްވި ގޮތަށް ބައްލަވައި، ޚާއްސަކޮށް ނުކުޅެދުންތެރިކަން ހުންނަ މީހުންނާމެދު އެކަލޭގެފާނު މުޢާމަލާތުކުރެއްވި ގޮތާއި، ފަޤީރުންނާމެދު މުޢާމަލާތުކުރެއްވި ގޮތަށް ވަރަށް ތަފްސީލުކޮށް ބައްލަވާލައްވާފައެވެ. އަދި އެކަލޭގެފާނުގެ ސީރަތު ދިރާސާކޮށް އެކަލޭގެފާނު މުޢާމަލާތުކުރެއްވިގޮތް ބެއްލެވުމަށް ފޯރަމްގެ ބައިވެރިންނަށް އިލްތިމާސް ކުރެއްވިއެވެ.
މި ފޯރަމްގައި ތަޤްރީރުކުރައްވަމުން އައްޝައިޚް ނިމާލް މުޙައްމަދު ވަނީ ރަސޫލާގެ ޙަޔާތްޕުޅުގައި ދިމާވި ތަފާތު ހާދިސާތަކަށް ބައްލަވައި އެކަލޭގެފާނު ދެއްކެވި ނަމޫނާތަކަށް ވަރަށް ފުރިހަމައަށް ބައްލަވާލައްވާފައެވެ.
އޭރު އެ މުޖުތަމަޢާއި މިހާރު އަޅުގަނޑުމެން އުޅެމުން މިދާ މުޖުތަމަޢަށް ބައްލަވައި ރަސޫލާ މުޢާމަލާތު ކުރެއްވި ރިވެތި ގޮތްތައް އަޅުގަނޑުމެންނަށް މުހިންމުވާ ސަބަބުތަކަށް ބައްލަވާލައްވާފައެވެ. އަދި އެކަލޭގެފާނުންގެ އަނބިއަނބިކަނބަލުންނާމެދު ކަންކަން ކުރެއްވި ގޮތާއި މުޢާމަލާތުކުރެއްވި ގޮތްތަކަށް ބައްލަވައި މިއަދު އެކަލޭގެފާނުގެ ނަމޫނާގައި އަޅުގަނޑުމެން ތިބިނަމަ މި މުޖުތަމައުގައި ގިނަވެފައިވާ ވަރި، މަދުވާނެކަމާއި ދެމަފިރިންގެ ދެމެދުގައި ޖެހޭ މައްސަލަތަކަށް ޙައްލު އަންނާނެކަން ފާހަގަކުރެއްވިއެވެ.
ރަސޫލާގެ ހަދީޘަށް ބައްލަވަމުން ތިޔަބައިމީހުންގެ ތެރެއިން އެންމެ ހެޔޮ މީހަކީ ތިޔަބައިމީހުންގެ އަނބިންނަށް، އަންހެނުންނަށް އެންމެ ހެޔޮ މީހާކަން ފާހަގަކުރައްވައި، އެކަލޭގެފާނު އަނބިއަނބިކަނބަލުންނާއެކު ވަގުތު ހޭދަކުރެއްވިގޮތާއި، ހިތާމައެއް ދިމާވުމުން އެކަލޭގެފާނު އަނބިއަނބިކަނބަލުންނަށް އޯގާތެރިވެވަޑައިގެންނެވި ގޮތަށް ބައްލަވާ ލެއްވިއެވެ.
ގާތްތިމާގެ މީހުންނާއި އަވައްޓެރިންނާއި ޣައިރު މުސްލިމުންނާމެދު ޢަމަލު ކުރެއްވި ގޮތާއި މުޢާމަލާތުކުރެއްވި ގޮތްވެސް މިސާލާއިއެކު ތަފްސީލުކޮށްދެއްވިއެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!