ކ. ހުރާގައި މިހާރު ކުރިއަށްދާ އެމް.އޭ.ކަޕް ވޮލީ މުބާރާތުގައި ރޭ ބައްދަލުކުރީ ހިންމަފުށި ސްޕޯޓްސް އާއި ތުލުސްދޫގެ ބްލެކް އީގަލްސް އެވެ.

ލަންކާގެ ގައުމީ ޓީމުގެ ކޯޗް އަދި ވަރުގަދަ ދެކުޅުންތެރިން ކަމަށްވާ ދީޕްތީ، އިސުރު ހިމެނޭ ބްލެކް އީގަލްސް އިން މިހާރުވެސް ސެމީފައިނަލް ކަށަވަރު ކޮށްފައިވާތީ އާއި ހިންމަފުށި ސްޕޯޓްސް އަށް މުބާރާތުން ކުރިއަށް ދިއުމުގެ ފުރުޞަތު ގެއްލިފައިވާތީ ރޭގެ މެޗުގައި މާ ފޯރިގަދަ އަދި ވާދަވެރި ކުޅުމެއް ފެނިގެން ގޮސްފައެއް ނުވެއެވެ.

Ad
rt

މި މެޗު ސީދާ ތިން ސެޓުންކާމިޔާބު ކުރީ ޓީމް ބުލެކް އީގަލްސް އެވެ. ސެޓުތައް ގެންގޮސްފައިވަނީ 19/25 ،16/25 ،15/25 އިންނެވެ.

ހުރާ ޞިއްޙީމަރުކަޒުގެ ސީނިއަރ އެޑްމިނިސްޓްރޭޓރ މުޙައްމަދު ސާމީ ޝަރަފުވެރި ކޮށްދެއްވި މިމެޗުގެ މޮޅު ކުޅުންތެރިއަކަށް ހޮވިފައިވަނީ ސްރީލަންކާގެ ތަޖުރިބާކާރު ކުޅުންތެރިޔާ ޓީމް ބުލެކް އީގަލްސްގެ ޖާރޒީ ނަންބަރ 11 ދީޕްތީ އެވެ.

މި މުބާރާތުގައި މިރޭ އޮންނާނީ އަންހެން ޑިވިޜަންގެ މެޗެކެވެ. މި މެޗުގައި ބައްދަލުކުރާނީ ކުޅުނު އެއްވެސް މެޗަކުން މިހައިތަނަށް ބަލިނުވާ ހުރާގެ ދެޓީމު ކަމުގައިވާ ގައުމީ ޓީމުގެ ކެޕްޓަން ހައްވާ ރާޝިދާ އަދި ޝަހާ ޝާމިން ހިމެނޭ ޓީމް ބިއުޓީސް އާއި ގައުމީ ޓީމްގެ ބާރު ސޮޓް ޖެހުންތެރިޔާ، އަދި މި ރަމަޟާން މަހު ކުރިއަށްދިޔަ ބީޗް ޗެލެންޖު 2023ގެ ޗެންޕިއަން އައިޝަތު މާޖިދާ އަދި ގައުމީ ޓިމްގެ އަޒުމާ (އަޒޫ) ހިމެނޭ ޓީމް މަންފާ އެވެ.

މި މެޗުން މޮޅުވާ ޓީމެއް ސީދާ ފައިނަލަށް ދާނެއެވެ. މިރޭ 9:30 ގައި ފަށާ މި މެޗު ވެސް އެމް.އޭ.ކަޕް ފޭސްބުކް ޕޭޖުން ލައިވް ކުރާނެއެވެ.