އަތޮޅުތަކަށް ޚާއްސަކޮށްގެން ކުރިއަށް ގެންދިޔަ އަތޮޅު އިޙްޔާ ފޯރަމްތަކުގެ ގުރުއަތުނެގުން މިރޭ އޮންނާނެ ކަމަށް އިސްލާމިކް މިނިސްޓްރީން ބުނެފިއެވެ.
1444 ވަނަ އަހަރު ރަމަޟާންމަހުގެ ރޭތައް އިޙްޔާ ކުރުމަށް ކުރިއަށް ގެންދިޔަ އިޙްޔާ ފޯރަމްތަކުގެތެރެއިން އަތޮޅުތަކުގައި ކުރިއަށް ގެންދިޔަ މި ފޯރަމްގެ ގުރުއަތުނެގުން އޮންނާނީ ފުވައްމުލައް ސިޓީގައި މިރޭ އޮންނަ އިޙްޔާ ފޯރަމްގެ ތެރެއިން ކަމަށް ވެސް އެ މިނިސްޓްރީން ބުނެއެވެ.
މިއަހަރުގެ އަތޮޅު އިޙްޔާ ބައިގެ ގުރުއަތުން ހޮވޭ ފަރާތްތަކަށް އަގުބޮޑު އިނާމުތައް ވަނީ ހުށަހެޅިފައެވެ.
އޭގެތެރޭގައި 1 ވަނައަށް ދާ ފަރާތަކަށް، މޯލްޑިވްސް ޙައްޖު ކޯޕަރޭޝަނުން ދެއްވާ ޢުމްރާ ދަތުރާއި، 2ވަނައަށް ދާ ފަރާތަކަށް އުރީދޫއިން ސްޕޮންސަރ ކޮށްފައިވާ އައިފޯން 13, އަދި 3 ވަނައަށްދާ ފަރާތަކަށް ރެއިންބޯ އިން ސްޕޮންސަރގެ ގޮތުގައި ދެއްވާ ސޯފާސެޓް ހިމެނެއެވެ.
އިސްލާމިކް މިނިސްޓްރީން ބުނީ ގުރުއަތުން ހޮވޭ ފަރާތްތަކުން ނަންބަރުކޮޅުގެ ފޮޓޯއާއި އައިޑީކާޑުގެ ފޮޓޯ ވައިބަރ ކުރައްވާނީ 7910208 ނަންބަރަށް ކަމަށާއި އީމެއިލް މެދުވެރިކޮށް ފޮނުއްވާނަމަ awareness@islamicaffairs.gov.mv އަށް ކަމަށެވެ.
ވެރިފަރާތުގެ ބަދަލުގައި އެހެންމީހަކު ފޮނުވާނަމަ، ބަދަލުގައި ފޮނުވާ މީހާގެ ސިޓީއަކާއި އައިޑީކާޑު ކޮޕީ އަދި ނަންބަރުކޮޅު ގެނައުމުން ވެރިފައިކުރުމަށްފަހު އިނާމް ހަވާލުކުރެވޭނެ ކަމަށް އިސްލާމިކް މިނިސްޓްރީން ބުނެއެވެ.
ފުވައްމުލައް ސިޓީގައި މިރޭ ބާއްވާ އިޙްޔާ ފޯރަމްގެ މައުޟޫއަކީ ”ﷲގެ ނިޔާއަށް ރުހުން” އެވެ.
މި މައުޟޫޢަށް ތަޤްރީރުކުރައްވާނީ ސްޓޭޓް މިނިސްޓަރު އަލްއުސްތާޛް މުޙައްމަދު އަނީލް އާއި މަސްޖިދުއް ސުލްޠާނު މުޙައްމަދު ތަކުރުފާނުލް އަޢުޒަމްގެ އިމާމް އައްޝައިޚް ނަސްރުﷲ ޢަލީއެވެ.
މި ފޯރަމްވެސް ފެށޭނީ ރޭގަނޑު 9:30 ގައެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!