މި ސަރުކާރުން ކުޅުދުއްފުށީ ސިޓީގައި އަޅަން ނިންމާފައިވާ ފުށް ފެކްޓްރީ ''ކަޓްވާލަން'' ބަޔަކު ކުރި މަސައްކަތް ނާކާމިޔާބު ކޮށްލެވިއްޖެކަމަށާއި، އެތަން އަޅާނީ ކުޅުދުއްފުށީގައި ކަމަށް ފަތުރުވެރިކަމާބެހޭ ވުޒާރާގެ ނައިބު ވަޒީރު، އަދި ހދ. އަތޮޅު ކައުންސިލްގެ ކުރީގެ ރައީސް އަޙްމަދު އާތިފް ވިދާޅުވެއްޖެއެވެ.

އެސްޓީއޯ މެދުވެރިކޮށް ކުޅުދުއްފުށީގައި ގޮދަން ފުށް ފެކްޓަރީ އެއް އަޅަން ނިންމައި އެކަން ސަރުކާރުން ޢިއުލާންކޮށްފައި ވަނީ 2022 ވަނަ އަހަރުގެ ތެރޭގައެވެ. އެތަން އަޅަން ސިޓީ ކައުންސިލުން ވަނީ ހަމައެއަހަރު ބިންވެސް ހަމަޖައްސައިދީފައެވެ. ނަމަވެސް އެތަން މިހާތަނަށް އަދި ހެދިފައިނުވެއެވެ.

Ad
rt

ފަތުރުވެރިކަމުގެ ވުޒާރައިގެ ނައިބު ވަޒީރަކަށް ހުންނެވި އާތިފް ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ، ކުޅުދުއްފުށީގައި އަޅަން ނިންމާފައިވާ ފުށް ފެކްޓްރީ ''ކަޓްވާލަން'' ބަޔަކު ކުރި މަސައްކަތް ނާކާމިޔާބު ކޮށްލެވިފައިވާ ކަމަށެވެ.

''އިރާދަކުރެއްވިއްޔާ ފުށް ފެކްޓްރީ އަޅާނީ ކުޅުދުއްފުށީގައި. ރައީސް އޮފީހުގެ ހުއްދަވެސް ވަނީ ލިބިފައި.'' އާތިފް ވިދާޅުވެފަވެއެވެ.

އެ އާތިފް އެ އިޝާރާތްކުރެއްވީ ސީދާ ކޮންބަޔަކަށް ވިދާޅުވެފައިނުވާއިރު، އެތަން އަޅަން ނިންމައި ޢިއުލާންކުރި އިރު އެސްޓީއޯގެ ސީއީއޯ އަދި އެމްޑީއަކަށް ހުންނެވި، މިހާރު މަގާމުން ވަކިކޮށްފައިވާ ހުސެން އަމްރު އިއްޔެ ވިދާޅުވެފައި ވަނީ، ފުޑް ސެކިއުރިޓީ ޔަގީންކުރުމާމެދު އޭނާ ވާނީ އެސްޓީއޯ އާ ހަވާލުވުމުގެ ކުރިންވެސް ވާހަކަ ދައްކާފައި ކަމަށެވެ.

''ރާއްޖޭގަ ފުށް ފެކްޓްރީއެއް އެޅުމަކީ މިކަން ކުރުމަށް އަޅުގަޑުގެ އެއް ޕްލޭން. އެކަން ނުވެ އޮތީ ރައީސް އޮފީހުން ކުޅުދުއްފުށީގަ އަޅަން ބޭނުން ނުވެގެން. އިތުރު ތަނެއްވެސް ނުދެއްކިގެން'' ނޫހަކުން ގެނެސްދީފައިވާ ޚަބަރަކާއިގުޅޭގޮތުން އޭނާ ވިދާޅުވެފަވެއެވެ.

އަމްރުގެ މިހެން ވިދާޅުވުމުން އެކަމާއިގުޅިގެން ކުޅުދުއްފުށީ އުތުރު ދާއިރާގެ މެންބަރު ޔާސިރު އަބުދުލްލަތީފް ވިދާޅުވެފައި ވަނީ، ސްޓްރެޓެޖިކް މަސްރޫއުތައް ގޮތްނުނިމި ލަސްވެ، ހަދިޔާ ބަހާ އުސޫލުން ރަށްރަށުގައި ހިންގުމަކީ އެގޭ ގެއްލުން ޖީލުތަކަކަށް ތަހަށްމަލު ކުރަންޖެހޭ ކަމެއް ކަމަށެވެ. އަދި އެމަގުން އަމަލުކުރާނަމަ ބޮޑު ހަރަދުކޮށްގެން އެކި ނަންނަމުގައި ޕްލޭންތައް ހެދުމުގެ މާނައެއް ނެތްކަމަށާއި، އިތުރުވަނީ ހަމައެކަނި އިސްރާފު ކަމަށް ވެސް ވިދާޅުވިއެވެ.

އަމްރުގެ ވާހަކަތަކަށް ރައްދު ދެއްވައި ރައީސް އޮފީހުގެ ތަރުޖަމާނު މިއުވާން މުހައްމަދު ވިދާޅުވެފައި ވަނީ، ސަރުކާރުން އެންމެ ފުރަތަމަ ވެސް ނިންމާފައި އޮތީ ކުޅުދުއްފުށީގައި ފުށް ފެކްޓްރީ އެޅުމަށް ކަމަށާއި އެ ނިންމުމަށް ބަދަލެއް އައިސްފައިނުވާ ކަމަށެވެ. އަދި އެ މަސައްކަތް ކުރިއަށް ދާނެ ކަމަށް ވެސް އޭނާ ވިދާޅުވިއެވެ.