މޫސުމުގެ ބަދަލުތަކާއި ގުޅިގެން ދިވެހިރާއްޖޭގެ ފަރުތަކަށް ލިބިފައިވާ ގެއްލުންތަކާއި ބަދަލުތައް ރަނގަޅުވަމުން އަންނަ ކަމުގެ އަލާމާތްތައް ފެންނަ ކަމަށް ސާވޭ އަކުން ދައްކައިފިއެވެ.

މެދުރާއްޖޭތެރޭގެ 250 ކިލޯމީޓަރުގެ ބައެއް މި ސާވޭގައި ބަލާފައިވަނީ، ބައޮސްފިއަރ އެކްސްޕެޑިޝަނާއި، މެރިން ކޮންޒަވޭޝަން ސޮސައިޓީ އާއި، ރީީފް ޗެކް މޯލްޑިވްސް އަދި ރާއްޖޭގެ އެންޖީއޯ އެއްކަމަށްވާ ސޭވް ދަ ބީޗް އާއިގުޅިގެންނެވެ. މިއީ 2010 ވަނަ އަހަރުން ފެށިގެން ކުރިއަށްގެންދިޔަ ނުވަ ވަނަ ސާވޭއެވެ.

Ad
rt

މި އެކްސްޕެޑިޝަން ކުރިއަށް ގެންދިޔަ އެންމެ އިސް ސައިންޓިސްޓް ޑޮކްޓަރ ޖާ-ލިކް ވިދާޅުވީ، 2016 ވަނަ އަހަރު މޫސުމަށް އައި ބޮޑު ބަދަލާއި ގުޅިގެން ފަރުތައް ވަރަށް ބޮޑަށް ހަލާކުވެގެން ދިޔަކަމަށެވެ. އަދި 2017 ވަނަ އަހަރާއި 2018 ވަނަ އަހަރު ފަރުތައް ރަނގަޅުވާކަމުގެ ނިޝާން ކޮންމެވެސް ވަރަކަށް ފެނިގެން ދިޔަކަމަށެވެ. އެހެން ނަމަވެސް މި އަހަރު ފަރުތައް ހަލާކުވުމުގެ ބައި ބޮޑުވާނެ ކަމަށް ހީކުރެވުނު ކަމަށެވެ.

އެހެންނަމަވެސް، މި ޓީމް އަށް އުމުރުން އެއް އަހަރު ނުވާ މުރަކަ ތަކާއި، އުމުރުން އެއް އަހަރާއި ތިން އަހަރުގެ ވަރަށް ގިނަ ބާވަތްތަކުގެ މުރަކަތައް ފެނިގެން ދިޔަ ކަމަށް އެބޭފުޅާ ވިދާޅުވިއެވެ. އަދި މި މުރަކަތައް ފެނިފައިވަނީ މަރުވަމުން އަން ފަރުތަކުން ކަންވެސް ފާހަގަ ކޮށްފައިވެއެވެ. މަރުވަމުން އައި ފަރުތަކުން އައު މުރަކަތައް ފެނުންވީ ވަރަށް ތަފާތު އެހެންނަމަވެސް ފަރުތަކަށް އޮތް އުންމީދު އާލާވެގެން ދިޔަ ކަމެއްގެ ގޮތުގައި އޭނާ ފާހަގަ ކުރިއެވެ.

ފަރުތަކުގެ ދިރުންތައް މަޑުމަޑުން އާލާވަމުން އައި ކަމުގައިވީނަމަވެސް، އަދިވެސް ވަރަށް ގިނަ ފަރުތަކަށް ވަރަށް ބޮޑަށް ގެއްލުން ލިބިފައިވާ ކަމަށާއި ބައެއް ފަރުތައް އެއްކޮށް މަރުވެފައިވާ ކަމަށް ވެސް އޭނާ ވިދާޅުވިއެވެ.

ލަމާރގެ އިސްބޭފުޅެއް ކަމަށްވާ ހުސައިން ޒާހިރު ވިދާޅުވީ، ކަނޑުފަޅުތަކާއި މޫސުމުގެ ބަދަލުތަކާއި ގުޅުން ހުރިކަމަށް ސަރުކާރުން ވެސް ގަބޫލު ކުރައްވާ ކަމަށާއި މިކަންތައްތައް ހައްލު ކުރުމަށް ސަރުކާރުން އިސްނެގުމަކީ މިކަމަށް ހައްލެއް ހޯދުމަށް އެޅުނު ފިޔަވަޅެއް ކަމަށެވެ. އަދި ގްރީން ޓެކްސް އިން ލިބޭ އާމްދަނީ ތިމާވެއްޓަށް ހަރަދު ކުރުމަށް ހަމަޖެހިފައިވާ ކަމަށްވެސް އޭނާ ވިދާޅުވިއެވެ.

ކުރިއަށް އޮތްތަނުގައި، ސޭވް ދަ ބީޗް މޯލްޑިވްސް އާއި ރީފް ޗެކް މޯލްޑިވްސް ގުޅިގެން އިތުރު ސާވޭތައް ކުރުމަށް ވަނީ ހަމަޖެހިފައެވެ. އަދި އެ ތަނުގެ ފަރާތުން އިތުރު ދިވެހި ޑައިވަރުން ތަމްރީނު ކުރުމަށް ވެސް ވަނީ ހަމަޖެހިފައެވެ. ބިއޮސްފިއަ އެކްސްޕެޑިޝަންގެ އަހަރީ ސާވޭ ދެން ކުރުމަށް ހަމަޖެހިފައިވަނީ އަންނަ އަހަރުގެ އޮގަސްޓް މަހުގައެވެ.