ހއ. ހޯރަފުށީ ހޮސްޕިޓަލު އިމާރާތުގެ މަސައްކަތް ކޮށްދޭނެ ފަރާތެއް ހޯދުމަށް ބީލަމަށް ހުޅުވާލައިފިއެވެ.
ފިނޭންސް މިނިސްޓްރީން ދިވެހިސަރުކާރުގެ ގެޒެޓުގައި ޝާއިއުކޮށްފައިވާ ގޮތުގައި މި ބީލަންތަށް ކުރިއަށްގެންދާނީ މިނިސްޓްރީ އޮފް ނޭޝަނަލް ޕްލޭނިންގ، ހައުސިންގ އެންޑް އިންފްރާސްޓްރަކްޗަރގެ "ޢިމާރާތްކުރުމުގެ ޢަމަލީ މަސައްކަތްކުރާފަރާތްތަކުގެ ގަވާއިދު" އާ އެގޮތަށް ކަމަށް ވަނީ ބުނެފައެވެ.
މީގެ އިތުރުން ފިނޭންސްގެ "ނޭޝަނަލް ޓެންޑަރުން ކުރިޔަށްގެންދާ އިމާރާތްކުރުމުގެ މަސައްކަތްތައް އެވޯޑް ކުރެވޭނެ އަދަދު ކަނޑައަޅާނެ ގޮތުގެ އުސޫލާއި އެއްގޮތަށް ކަމަށާއި އަދި އިކޮނޮމިކް މިނިސްޓްރީގެ ފޮރިން ޑައިރެކްޓް އިންވެސްޓްމަންޓް ޕޮލިސީ އާ އެއްގޮތަށް ކަމަށް ވެސް ވަނީ ބުނެފައެވެ.
ފިނޭންސް މިނިސްޓްރީން ބުނީ މި މަސައްކަތްތަކަށް ޝަރުޠުހަމަވާ ފަރާތެއް ހޯދުމުގެ ކަންތައް ކުރިޔަށް ގެންދެވޭނީ ނޭޝަނަލް ކޮމްޕެޓިޓިވް ބިޑިންގ (އެން.ސީ.ބީ) އުޞޫލުގެ މަތިން ކަމަށާއި ކޮންމެ ބީލަމެއްގައި -/500 ރުފިޔާ (ފަސްސަތޭކަ ރުފިޔާ) ގެ ނޮން-ރިފަންޑަބަލް ރަޖިސްޓްރޭޝަން ފީއެއް ދައްކަންޖެހޭނެ ކަމަށެވެ.
ފައިސާ ބަލައިގަންނާނީ 12 އެޕްރީލް އިން 2 މޭ އަށް، ބަންދު ނޫން ކޮންމެ ދުވަހެއްގެ 8:00 އިން މެންދުރު 2 ޖަހަންދެން (ރަމަޟާން މަހު: 09:30 އިން 13:00)، މިމިނިސްޓްރީގެ އޮންލައިން ޕޭމަންޓް ޕޯޓަލް - ބަނޑޭރި ޕޭ https://bandeyripay.finance.gov.mv މެދުވެރިކޮށް ކަމަށް ވެސް ބުނެއެވެ. އަދި ފައިސާ ދެއްކުމަށްފަހު، ބީލަންތަށް ރަޖިސްޓްރީވުމަށް އެދޭ ފަރާތުގެ ނަމާއި އެޑްރެސް، ގުޅޭނެ ނަންބަރާއި އީ-މެއިލް އެޑްރެސް އަދި ފައިސާ ދެއްކި ރަސީދުގެ ކޮޕީ ފޮނުވަންވާނެ ކަމަށް ވެސް ބުނެއެވެ.
އެގޮތުން މި މަސައްކަތްތަކާއި ބެހޭ އެންމެހައި ލިޔެކިޔުންތައް ސޮފްޓްކޮޕީ ފޯރމެޓުގައި އެ މިނިސްޓްރީގެ ވެބްސައިޓް www.finance.gov.mv އިން 13 އެޕްރީލް އިން ފެށިގެން ޑައުންލޯޑް ކުރެވެން ހުންނާނެ ކަމަށާއި ބިޑުތަކާއި ގުޅިގެން ދޫކުރެވޭ އެންމެފަހުގެ މަޢުލޫމާތުތަށް ވެބްސައިޓް މެދުވެރިކޮށް ހޯދުމަކީ ބިޑަށް ކުރިމަތިލާ ފަރާތުގެ ޒިންމާއެއް ކަމަށް ވެސް ފިނޭންސް މިނިސްޓްރީން ވަނީ ބުނެފައެވެ.
އެ މިނިސްޓްރީން ބުނީ މި ޕްރޮޖެކްޓްތަކާއި ގުޅޭގޮތުން އެއްވެސް ސުވާލެއްވާނަމަ އީމެއިލް ކުރައްވާނީ 20 އެޕްރީލް ވާ ބުރާސްފަތި ދުވަހުގެ މެންދުރު އެކެއް ޖެހުމުގެ ކުރިން ކަމަށެވެ. އަދި މި ޕްރޮޖެކްޓުގެ ބިޑްސެކިޔުރިޓީގެ ގޮތުގައި -/430,000ރ (ހަތަރު ލައްކަ ތިރީސް ހާސް ރުފިޔާ) ހުށަހަޅަން ޖެހޭނެ ކަމަށާއި ބިޑް ސެކިޔުރިޓީގެ މުއްދަތަކީ ބިޑް ހުޅުވާ ތާރީޚުން ފެށިގެން 148 ދުވަސް ކަމަށް ވެސް ބުނެފައި ވެއެވެ.
ފިނޭންސުން ބުނީ ބިޑުތައް ހުޅުވުން އޮންނާނީ 4 މޭ ވާ ބުރާސްފަތި ދުވަހުގެ މެންދުރު 11 ޖަހާއިރު، އެ މިނިސްޓްރީގެ ނެޝަނަލް ޓެންޑަރގެ ޖަލްސާކުރާ މާލަމުގައި ކަމަށެވެ. އަދި ބިޑުތައް ހުންނަންވާނީ ސިޓީއުރައެއްގައި ބަންދުކޮށްފައި ކަމަށެވެ.
ސިޓީ އުރައިގެ ބޭރުގައި ބީލަމަށް ދީފައިވާ ނަން، ހުޅުވަން ކަނޑައަޅާފައިވާ ތާރީޚާއި ވަޤުތު އަދި ބިޑު ހުށަހަޅާ ފަރާތުގެ ނަން ލިޔެފައި އޮންނަންވާނެ ކަމަށް ވެސް ފިނޭންސް އިން ބުނެއެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!