މަގުމަތީގެ ސަލާމަތާއި ރައްކާތެރިކަމަށް ދޭ ސަމާލުކަން އިތުރުކުރުމަށް ނައިބު ރައީސް ފައިޞަލް ނަސީމު އެދިވަޑައިގެންފިއެވެ.
ދިވެހި ފުލުހުންގެ ޚިދުމަތުން އިންތިޒާމުކޮށްގެން ބޭއްވި "ފަހިރާސްތާ" ހޭލުންތެރިކުރުމުގެ ޕުރޮގުރާމުގައި ވާހަކަ ދައްކަވަމުން އެމަނިކުފާނު ވަނީ މިކަމަށް ހޭލުންތެރިކަން އިތުރުކުރުމަށް ސަރުކާރުގެ އެދި އިދާރާތަކާއި ސަރުކާރު ޙިއްޞާވާ ކުންފުނިތަކުން ވެސް މަސައްކަތްކޮށްދެއްވުމަށް އެދިވަޑައިގެންފައެވެ.
މީގެ އިތުރުން އޮފީސްތަކާއި ކުންފުނިތަކުގެ މުވައްޒަފުންނާއި އެ ފަރާތްތަކުގެ އަނބިދަރިންނާއި އަދި ސްކޫލު ކުދިންނާއި އެކުދިންގެ ބެލެނިވެރިންނަށް ވެސް މަގުމަތީގެ ސަލާމަތާ ރައްކާތެރިކަމާ ގުޅޭގޮތުން މަޢުލޫމާތުދީ ހޭލުންތެރިކަން އިތުރުކުރުމަށް މަސައްކަތްކޮށްދެއްވުމަށް މި ސެޝަންގެ ބައިވެރިންގެ ކިބައިން ވަނީ އެދިވަޑައިގެނަފައެވެ.
ރާއްޖޭގައި ހިނގާ މަގުމަތީގެ އެކްސިޑެންޓްތަކުގެ ޢަދަދު ގިނަކަން ފާހަގަކުރައްވައި އެމަނިކުފާނު ވަނީ ވެހިކަލް ދުއްވާ ކޮންމެ ފަރާތަކުންވެސް ތިމާގެ އިހުމާލުން ތިމާއަށް ނުވަތަ އަނެކާއަށް ގެއްލުމެއް ނުލިބޭގޮތަށް ވިސްނައި މަގުމަތީގެ ސަލާމަތާއި ރައްކާތެރިކަމާމެދު ފަރުވާތެރިވެ އިތުރު ސަމާލުކަން ދިނުމަށް އިލްތިމާސް ކުރައްވާފައެވެ.
މިއަދު ބޭއްވި މި ސެޝަނަކީ ސަރުކާރު އޮފީސްތަކާއި ސަރުކާރު ޙިއްޞާވާ ކުންފުނިތަކަށް އަމާޒުކޮށް ބޭއްވި ސެޝަނެކެވެ.
މި ސެޝަނުގައި، އެކްސިޑެންޓްތައް ހިނގާ މައިގަނޑު ސަބަބުތަކާއި މާލެ ސަރަޙައްދުގައި ހިނގާފައިވާ ބައެއް އެކްސިޑެންޓްތައް ހިނގާފައިވާ ސަރަޙައްދުތަކާ އަދި ތަފާސް ހިސާބު ހިމެނޭ ޕްރެޒެންޓޭޝަނެއް ހުށަހަޅާފައިވެއެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!