މިއަހަރުގެ މާރިޗު މަހު މޯލްޑިވްސް އިންލޭންޑް ރެވެނިއު އޮތޯރިޓީ (މީރާ) އަށް 2.19 ބިލިއަން ރުފިޔާ ބަލައިގަނެފިއެވެ.

އެ އޮތޯރިޓީން ބުނީ މި އަދަދަކީ ވޭތުވެދިޔަ އަހަރުގެ މި މުއްދަތުގައި ލިބުނު އާމްދަނީއަށްވުރެ %1.2 ދަށް އަދަދެއް ކަމަށެވެ. އެހެންނަމަވެސް، މާރިޗު 2023 ގައި ލިބޭނެކަމަށް އަންދާޒާކޮށްފައިވާ އަދަދަށްވުރެ %6.4 އިތުރު އަދަދެއް ކަމަށެވެ.

Ad
rt

މީރާއިން ބުނީ މިދިޔަ އަހަރުގެ މާރިޗު ގައި ލިބުނު އާމްދަނީ އާ އަޅައިބަލާއިރު، މިއަހަރުގެ މާރިޗު ގައި ލިބިފައިވާ އާމްދަނީ ދަށްވުމުގެ މައިގަނޑު ސަބަބަކީ، ކުންފުނިތަކާއި ފަރުދުން-ނޫން ފަރާތްތަކުގެ އާމްދަނީން ނަގާ ޓެކުހާއި ނަން-ރެޒިޑެންޓް ވިތްހޯލްޑިންގ ޓެކުހުގެ އާމްދަނީ ދަށްވުން ކަމަށެވެ.

އާމްދަނީން ނަގާ ޓެކްސްގެ 2021 ވަނަ އަހަރުގެ ފައިނަލް ޕޭމަންޓް ބައެއް ފަރާތްތަކުން ސުންގަޑީގެ ކުރިން ދައްކާފައިވުމުގެ ސަބަބުން 2023 ވަނަ އަހަރުގެ މާރިޗު މަހުގެ އާމްދަނީ، މާރިޗު 2022 އާ އަޅާބަލާއިރު ދަށްވެފައިވާ ކަމަށް ވެސް މީރާ އިން ބުނެއެވެ.

މީގެ އިތުރުން މިއަހަރުގެ ދެ ވަނަ ކުއާޓަރުގެ ރިޒޯޓުތަކުގެ ކުލި ނެގުމުގެ މުއްދަތު 2023 ވަނަ އަހަރުގެ އޭޕްރީލް މަހުގެ ނިޔަލަށް އިތުރުކޮށްފައިވާތީ، މާރިޗު 2022 އާ އަޅާބަލާއިރު، ރިޒޯޓުތަކުގެ ކުލީގެ ގޮތުގައި ލިބިފައިވާ އާމްދަނީ ދަށްވެފައިވާކަމަށް ބުނެއެވެ.

މިއަހަރުގެ މާރިޗު ގައި ލިބޭނެކަމަށް އަންދާޒާކޮށްފައިވާ އަދަދަށްވުރެ އިތުރަށް އާމްދަނީ ލިބިފައިވާ މައިގަނޑު ސަބަބަކީ ރިޒޯޓުތަކުގެ ކުއްޔާއި ޖީ.ޖީ.އެސް.ޓީ އާއި އެއަރޕޯޓް ޑިވެލޮޕްމަންޓް ފީ އިތުރުވުން ކަމަށް ބުނެއެވެ. އަދި ނަން-ރެޒިޑެންޓް ވިތްހޯލްޑިންގ ޓެކްސް، ޑިޕާޗަރ ޓެކްސް އަދި ގްރީން ޓެކުހުގެ ގޮތުގައި ލިބިފައިވާ އާމްދަނީ މާރިޗު މަހު ލިބޭނޭ ކަމަށް އަންދާޒާކުރި ވަރަށްވުރެ އިތުރުވުން ވެސް ހިމެނޭ ކަމަށް މީރާ އިން ބުނެއެވެ.

ރާއްޖެ އަންނާނެ ކަމަށް އަންދާޒާކޮށްފައިވާ ފަތުރުވެރިންގެ އަދަދަށްވުރެ މި މުއްދަތުގައި ރާއްޖެ އައިސްފައިވާ ފަތުރުވެރިންގެ އަދަދު 4 އިންސައްތަ އިތުރުވެފައިވުމުގެ ސަބަބުން ޓޫރިސްޓުންނާ ގުޅޭ އާމްދަނީ އިތުރުވެފައިވާކަމަށް ވެސް މީރާއިން ވަނީ ބުނެފައެވެ.

މާރިޗު 2023 ގައި މީރާއަށް ބަލައިގަތް އާމްދަނީގެ އެންމެ ބޮޑު ބައެއް ހިއްސާކުރަނީ ޖީ.އެސް.ޓީންނެވެ. އެއީ 1.31 ބިލިއަން ރުފިޔާއެވެ. ދެން އެންމެ ބޮޑު އާމްދަނީއެއް ލިބިފައިވަނީ ރިޒޯޓުތަކުން ނަގާ ކުލިންނެވެ. އެއީ 305.61 މިލިއަން ރުފިޔާއެވެ.

މީގެ އިތުރުން، އާމްދަނީން ނަގާ ޓެކްސްގެ ގޮތުގައި 143.33 މިލިއަން ރުފިޔާ، ގްރީން ޓެކްސްގެ ގޮތުގައި 105.42 މިލިއަން ރުފިޔާ، އެއަރޕޯޓް ޑިވެލޮޕްމަންޓް ފީ ގޮތުގައި 99.20 މިލިއަން ރުފިޔާ އަދި އެހެނިހެން ޓެކުހާއި ފީގެ ގޮތުގައި 220.17 މިލިއަން ރުފިޔާ ލިބިފައިވެއެވެ.