އިނގިރޭސި ޕްރިމިއާ ލީގުގައި މިއަދު ހަވީރު މެންޗެސްޓާ ޔުނައިޓެޑާއި އެވަޓަން ބައްދަލުކުރި މެޗު ޔުނައިޓެޑުން ކާމިޔާބު ކޮށްފިއެވެ. ޔުނައިޓެޑްގެ އޯލްޑް ޓްރަފޯޑްގައި ކުޅުނު މި މެޗު އެ ޓީމުން ކާމިޔާބު ކޮށްފައި ވަނީ 2-0 ގެ ނަތީޖާއިންނެވެ.
މި މެޗުގައި ޔުނައިޓެޑްގެ ފަރާތުން ވަނީ މޮޅު ކުޅުމެއް ފެނިގެން ގޮސްފައެވެ. ހާއްސަކޮށް ފުރަތަމަ ހާފުގައެވެ. އެ ޓީމުން ފުރަތަމަ ހާފުގައި ޖުމްލަ 21 ހަމަލާއެއް ވަނީ އުފައްދާފައެވެ. މިއީ ފާއިތުވި ވިއްސަކަށް އަހަރުގެ ތެރޭ ޔުނައިޓެޑުން ލީގުގައި ކުޅުނު މެޗުތަކުގެ ތެރެއިން ފުރަތަމަ ހާފުގައި އެންމެ ގިނަ ހަމަލާ އުފެއްދި މެޗެވެ.
މި މެޗުގައި ޔުނައިޓެޑަށް ލީޑު ލިބިފައި ވަނީ 36 ވަނަ މިނެޓުގައި މެކްޓޮމިނޭ ކާމިޔާބު ކޮށްދިން ލަނޑުންނެވެ. މި ލަނޑު އޭނާ ޖަހާފައި ވަނީ ސަންޗޯ އެވަޓަންގެ އޭރިއާ ތެރެއިން ތަނަވަސް ކޮށްދިން ފުރުޞަތެއްގައެވެ. ޔުނައިޓެޑްގެ ދެވަނަ ލަނޑު 71 ވަނަ މިނެޓުގައި ކާމިޔާބު ކޮށްދީފައި ވަނީ މާޝިއަލްއެވެ. އެވަޓަންގެ ޑިފެންސުން ހެދުނު ގޯހަކުން ރަޝްފޯޑަށް ލިބުނު ބޯޅަ އޭނާ ވަނީ އެވަޓަންގެ އޭރިއާތެރޭ ހުހަށް ހުރި މާޝިއަލްއަށް ކުޅެލާފައެވެ. މާޝިއަލް އެ ބޯޅަ ކޮންޓްރޯލް ކުރުމަށް ފަހު ވަނީ އެވަޓަންގެ ގޯލުގެ ތެރެއަށް ވައްދާލާފައެވެ.
މިރޭ ރަށުން ބޭރުގައި ނިއުކާސަލުން ވަނީ 2-1 ގެ ނަތީޖާއިން ބްރެންޓްފޯޑް މައްޗަށް ކުރި ހޯދާފައެވެ. މި މެޗުގައި ފުރަތަމަ ލަނޑު ޖަހާފައި ވަނީ ބްރެންޓްފޯޑުންނެވެ. މި ލަނޑު ފުރަތަމަ ހާފުގެ އިތުރު ވަގުތުގެ ތެރޭ ލިބުނު ޕެނަލްޓީއަކުން ކާމިޔާބު ކޮށްދީފައި ވަނީ ޓޮނޭއެވެ. ނިއުކާސަލުން ވަނީ ފަހު ހާފުގައި ދެ ލަނޑު ޖަހައި އެ ޓީމް ކޮޅަށް ނަތީޖާ އަނބުރާލާފައެވެ. ނިއުކާސަލްގެ ފުރަތަމަ ލަނޑަކީ ބްރެންޓްފޯޑްގެ ރަޔާ އަތުން ބައިކޮޅަށް ވަދެފައިވާ ލަނޑެކެވެ. ދެވަނަ ލަނޑު ޖަހައިދިނީ އިސަކްއެވެ.
މި ނަތީޖާތަކާއިއެކު ޔުނައިޓެޑަށާއި ނިއުކާސަލަށް ވަނީ އެއްވަރަށް ޕޮއިންޓް ލިބިފައެވެ. މި ދެ ޓީމަށް 29 މެޗުން 56 ޕޮއިންޓް ލިބިފައިވާއިރު ތާވަލުގެ ތިންވަނާގައި އޮތީ ނިއުކާސަލެވެ. ހަތަރުވަނާގައި އޮތީ ޔުނައިޓެޑެވެ. ނިއުކާސަލަށް ކުރި ލިބެނީ ގޯލުގެ ތަފާތުންނެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!