ނޫސްވެރިންގެ މަސައްކަތަށް ހުރަސް އަޅާ ފަރާތްތަކަށް އަދަބު ނުދެވުމަކީ އެފަދަ ޖަރީމާ ހިންގާ ފަރާތްތަކަށް ލިބޭ ހިތްވަރެއް ކަމަށް މޯލްޑިވްސް ޖާނަލިސްޓްސް އެސޯސިއޭޝަން (އެމްޖޭއޭ) އިން ބުނެފިއެވެ.
އެ ޖަމިއްޔާއިން މިހެން ބުނީ "ދައުރު" ނޫހުގައި ޝާއިޢުކުރި އާޓިކަލްއަކާއި ގުޅިގެން އެ ނޫހުގެ ސީނިއަރ އެޑިޓަރަށާއި އާޓިކަލް ލިޔުނު ނޫސްވެރިޔާއަށް ގުޅައި، މެސެޖުކޮށް އިންޒާރުދެމުން އަންނާތީ އެކަން ކުށްވެރިކޮށް ނެރުނު ނޫސް ބަޔާނެއްގައެވެ.
އެ ނޫސް ބަޔާނުގައި ބުނީ 6 އޭޕްރިލް 2023 ގައި 'ދައުރު' ނޫހުގައި "ސިޔާމާއި ހިލްޓަންގެ މައްސަލަ: ރާއްޖެއިން އިންވެސްޓަރުންނަށް ރަތުގެ އިންޒާރެއް" މި އާޓިކަލްއާއި ގުޅިގެން އެ ނޫހުގެ ސީނިއަރ އެޑިޓަރ އަދި އާޓިކަލް ލިޔުނު ނޫސްވެރިޔާ އަދި އެމްޖޭއޭގެ ސެކްރެޓަރީ ޖެނެރަލް އަހްމަދު ނާއިފް އަށް އެކި ނަމްބަރުތަކުން ގުޅައި، މެސެޖުކޮށް އިންޒާރުދެމުން އަންނަކަމަށެވެ. އަދި އެ މައްސަލަ އެ ޔޫނިއަން އިން ކަންބޮޑުވުމާއިއެކު ކުށްވެރިކޮށް، ވީ އެންމެ އަވަސްމިނެއްގައި އެ މައްސަލައިގެ ތަހުގީގެއް ހިންގުމަށް ވަނީ ގޮވައިލާފައެވެ.
މީގެ އިތުރުން ހިލްޓަން އާއި ސަންއާ ގުޅޭގޮތުން ސިންގަޕޫރުގެ އާބިޓްރޭޝަނުން ނިންމާފައިވާ ނިންމުމެއް ތަންފީޒުނުވެ، ގިނަ އަހަަރުތަކެއްވެފައިވާ މައްސަލައިގެ މައްޗަށް އެ ނޫހުގައި ޝާއިއު ކުރި ރިޕޯޓާއި ގުޅިގެން ސަން ކުންފުނީގެ ވެރިޔާ އަދި މަޖލީހުގެ ދ. މީދޫ ދާއިރާގެ މެމްބަރު އަހްމަދު ސިޔާމް، ދައުރު ނޫހުގެ ސީނިއަރ އެޑިޓަރަށް ގުޅުއްވައި، ކޯފާ އިސްކުރައްވައި ވާހަކަ ދައްކަވާފައިވާ ކަމަށް 'ދައުރު' ނޫހުން މައުލޫމާތު ދީފައިވާ ކަމަށް ވެސް އެ ބަޔާނުގައި ވެއެވެ.
ހަމަމިއާއެކު 'ފަހުގެ އިންޒާރު' ދެއްވަނީ ކަމަށް ވިދާޅުވެ، އާޓިކަލް ވަގުތުން ނަގަން ސިޔާމް އެންގެވިކަމަށް ވެސް އެ ނޫހުން ބުނެފައިވާ ކަމަށް ބަޔާނުގައި ވެއެވެ.
"އެ އިންޒާރަށްފަހު އާޓިކަލް ލިޔުނު އަހްމަދު ނާއިފަށާއި ސީނިއަރ އެޑިޓަރަށް ވެސް ނަމްބަރުތަކުން އެތައް މެސެޖެއްކޮށް މަރުގެ އިންޒާރު ދީފައި ވެއެވެ. އެގޮތުން އެ ފަރާތުގެ ފޯނަށް ފޮނުވާފައިވާ މެސެޖުތަކުގައި އެ ދެމީހުންނާ މަގުމަތިން ދިމާކޮށްލާނެ ކަމާއި ފުރާނަ ދުއްވާލަން ވެސް ފަސް ނުޖެހޭނެ ކަމަށް ބުނެ އިންޒާރުދީފައި ވެއެވެ." އެމްޖޭއޭގެ ބަޔާނުގައި ވެއެވެ.
I can take up any criticism. And it's all fine. We do not have to agree all the time. But threatening to assault someone is a crime. And I won't bow down to threats. https://t.co/z2ZrPNMy3K
— Naif (@naaif) April 7, 2023
ނޫސްވެރިންނަށް މަރުގެ އިންޒާރު ދިނުމަކީ އާދައިގެ ގޮތުގައި ނެގޭނެ މައްސަލައެއް ނޫން ކަމަށާއި މިއީ އިންތިހާ ދަރަޖައަށް ނުރައްކާ އޮތް، ކަންބޮޑުވާ ދަރަޖައިގެ ދަރަޖައިގެ ސީރިއަސް އިންޒާރެއް ކަމަށް ވެސް އެ ބަޔާނުގައި އިތުރަށް ބުނެފައި ވެއެވެ. އަދި މި މައްސަލައިގާ ސިޔާސީގޮތުން ނުފޫޒުގަދަ ބޭފުޅެއް ހިމެނޭ ކަމީ ވެސް ނުހަނު ބޮޑު ކަންބޮޑުވުމެއް ކަމަށް ވެސް ވަނީ ބުނެފައެވެ.
އެހެންވެ، މި މައްސަލަ ވީހާވެސް އަވަހަކަށް ތަހުގީގުކޮށް، އިންޒާރުދިން މީހުން އިންސާފުގެ ކުރިމައްޗަށް ގެނެސް، ނޫސްވެރިންނަށް ދޭންޖެހޭ ރައްކާތެރިކަން ފުލުހުންގެ ފަރާތުން ފޯރުކޮށްދިނުމަށް އެމްޖޭއޭ އިން ގޮވައިލާފާ ވެއެވެ.
އެ ޖަމިއްޔާގެ ކަންބޮޑުވުމަކީ ނޫސްވެރިންނަށް ދޭ މިފަދަ އިންޒާރުތަކުގެ އެއްވެސް މައްސަލައެއްގެ ކާމިޔާބު ތަހުގީގެއް ފުލުހުންނަށް މިހައިތަނަށް ހިންގި، އެކަން ކުރުން ފަރާތްތައް ހޯދައި ފިޔަވަޅު އެޅިފައި ނުވުން ކަމަށް ވެސް އެ ބަޔާނުގައި ވެއެވެ.
މީގެ އިތުރުން ނުސްވެރިންގެ މަސައްކަތްތަކަށް އެކިގޮތްގޮތުން ހުރަސް އަޅާ ފަރާތްތައް ހޯދާ އަދަބު ނުދެވުމަކީ އެފަދަ ޖަރީމާތައް ހިންގާ ފަރާތްތަކަށް ލިބޭ ނުސީދާ ހިތްވަރެއް ކަމާއި އެފަދަ ކަންކަން ތަޖުރާރުކުރަން ދެވޭ ހިތްވަރެއް ކަމަށް ވެސް އެމްޖޭއޭގެ ބަޔާނުގައި ބުނެފައި ވެއެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!