މިއަހަރުގެ ރަމަޟާން މަހު އައް ޞަފާ ޕްރައިވެޓް ލިމިޓެޑްގެ ފަރާތުން އުމްރާއަށް ދިއުމަށް ފައިސާ ދައްކާފައިވާ މީހުން އުމްރާއަށް ގެންދިއުމަށް އެއަރލައިން އަކާއެކު މާދަމާ ސޮއި ކުރާނެ ކަމަށް އެ ކުންފުނިން ބުނެފައިވާ ކަމަށް އިސްލާމިކް މިނިސްޓްރީން ހާމަކޮށްފިއެވެ.

އެ މިނިސްޓްރީން ބުނީ މި އަހަރުގެ ރަމަޟާން މަހު ޢުމްރާއަށް ގެންދިއުމަށް ހަމަޖެހިފައިވާ ޢުމްރާވެރިންނަށް ވިސާ ހަމަނުޖެހުމުގެ ސަބަބުން ކަމަށްބުނެ، ޢުމްރާ ދަތުރު ކެންސަލްކުރަން އެކުންފުނިން ނިންމާފައިވާ ނިންމުމަކީ މިނިސްޓްރީ އިން އިންތިހާއަށް ކަންބޮޑުވާ ކަމެއް ކަމަށެވެ.

Ad
rt

އެކަން މިނިސްޓްރީގެ ސަމާލުކަމަށް އައި ހިސާބުން ފެށިގެން، މިކަން ހިނގާފައިވާ ގޮތް ބަލައި، އުމްރާވެރިންގެ ހައްގުތައް ކަށަވަރުކޮށްދިނުމަށް ކެނޑިނޭޅި މަސައްކަތް ކުރަމުން އަންނަ ކަމަށް ވެސް މިނިސްޓްރީ އިން ބުނެއެވެ.

މީގެ އިތުރުން މި މައްސަލާގައި ކަންހިނގާފައިވާ ގޮތާއި ޢުމްރާވެރިން މި އަހަރު ރަމަޟާން ޢުމްރާއަށް ގެންދިއުމުގެ ކަންކަން ހަމަޖެއްސުމާއި ގުޅޭގޮތުން، އެ ގްރޫޕުގެ މެނޭޖިން ޑިރެކްޓަރ ޢަބްދުﷲ ނަސީމް މުޙައްމަދު މިނިސްޓްރީއަށް ހާޟިރުކޮށްފައިވާ ކަމަށް ވެސް ބުނެއެވެ.

އެ މިނިސްޓްރީން ބުނީ މި ރަމަޟާން މަހު ޢުމްރާއަށް ގެންދިއުމަށް ކުންފުންޏަށް ފައިސާ ދައްކާފައިވާ ޢުމްރާވެރިން، އެންމެ ލަސްވެގެން ރަމަޟާން މަހުގެ ފަހު 10 އަށް ޢުމްރާއަށް ގެންދިއުމުގެ އެންމެހައި އިންތިޒާމްތައް ހަމަޖެއްސުމަށް އެ ކުންފުންޏަށް އަންގާފައިވާނެ ކަމަށެވެ.

ޢުމްރާވެރިން ގެންދިއުމަށް 8 އޭޕްރީލް ގައި އެއަރލައިންއަކާއެކު އެއްބަސްވުމެއްގައި ސޮއިކުރާނެ ކަމަށާއި ރަމަޟާން މަހުގެ ފަހު 10 އަށް ހުރިހާ ޢުމްރާވެރިން މައްކާއަށް ގެންދާނެކަމުގެ ޔަގީންކަން އެކުންފުނިން ދީފައިވާ ކަމަށް ވެސް މިނިސްޓްރީން ހާމަކުރިއެވެ.

މި މައްސަލާގައި، ކުންފުނިން ޢަމަލުކުރަމުންދާގޮތް ވަރަށް ގާތުން ބަލަމުންދާ ކަމަށާއި އުޞޫލުގެ ތެރެއިން މިކަމުގައި އެޅެންހުރި ހުރިހާ ފިޔަވަޅެއް އަޅާނެކަމަށް އެ ކުންފުންޏަށް އަންގާފައިވާނެ ކަމަށް ވެސް އިސްލާމިކް މިނިސްޓްރީން ބުނެއެވެ.