ކުރިއަށް އޮތް ރިޔާސީ އިންތިޚާބުގައި ވާދަކުރައްވާ މިހާރުގެ ރައީސް، އެމްޑީޕީގެ ރިޔާސީ ކެންޑިޑޭޓް އިބްރާޙީމް މުޙައްމަދު ޞާލިޙަށް ތާއީދު ކުރައްވާކަން ޖަޕާނުގައި ހުންނަ ދިވެހި އެމްބަސީގެ ޑެޕިއުޓީ އެމްބެސެޑަރ މުޙައްމަދު އަމީތު ހާމަކުރައްވައިފިއެވެ.

މަޑުއްވަރީ ދާއިރާގެ ކުރީގެ މެންބަރުކަން ވެސް ކުރައްވާފައިވާ އަމީތު މިކަން ހާމަކުރެއްވީ މީސްމީޑިއާ އަށް ދޫކޮށްލެއްވި ޓްވީޓެއްގައެވެ.

Ad
rt

އަމީތަކީ މިހާރުގެ ވެރިކަން ކުރާ އިއްތިހާދުގައި ހިމެނޭ ޖުމްހޫރީ ޕާޓީ (ޖޭޕީ) އަށް ނިސްބަތްވެވަޑައިގަންނަވާ ބޭފުޅެކެވެ. ޖޭޕީން ވަނީ އަންނަ ރިޔާސީ އިންތިޚާބުގައި ވަކިން ވާދަކުރަން ނިންމާފައެވެ. އަދި އެ ޕާޓީގެ ރިޔާސީ ކެންޑިޑޭޓަކީ ޕާޓީގެ ލީޑަރު ޤާސިމް އިބްރާޙީމް ކަމަށް ވެސް މިހާރު ވަނީ ހަމަޖައްސާފައެވެ.

ރިޔާސީ އިންތިޚާބުގައި ރައީސް ޞާލިޙަށް ތާއީދު ދެއްވިކަން ހާމަކުރައްވަމުން އަމިތު ވިދާޅުވެފައި ވަނީ، އިގްތިސާދީ, ސިޔާސީ އެތައް ގޮންޖެހުމެއް ގިރާކުރައްވާ, ގައުމާއިގެން އަމާން ބަނދަރަކަށް ދަތުރު ކުރެއްވުމުގައި ރައީސް ސާލިހުވަނީ ކެތްތެރިކަމާއި ޙިކުމަތްތެރިކަން ސާބިތު ކޮށްދެއްވާފައި ކަމަށެވެ.

''ގައުމަށް މިވަގުތު އެންމެ މުހިންމީ ހަޖެހުމާއި ދެހެއްޓެވިނިވި ތަރައްގީ'' އަމިތު ވިދާޅުވެފަވެއެވެ.

ޖޭޕީ އަށް ނިސްބަތްވާ އަމީތުގެ ތާއީދު ރައީސް ޞާލިޙަށް ދެއްވި އިރު ޖޭޕީގެ ސްލޮޓްތަކުގައި ސަރުކާރުގައި ތިއްބެވި ގިނަ ބޭފުޅުން މިހާރު ވަނީ ރައީސްގެ ފަހަތްޕުޅަށް އަރުއްވާފައެވެ. އޭގެތެރެއިން ބައެއް ބެފުޅުން ވަނީ ޖޭޕީ ވެސް ދޫކޮށްލާފައެވެ.