ފިތުރު ޒަކާތުގެ ގޮތުގައި ރަމަޟާންމަހުގެ ފުރަތަމަ 10 ދުވަހު، 1.3 މިލިއަން ރުފިޔާ ލިބިފައިވާ ކަމަަށް އިސްލާމިކް މިނިސްޓްރީން ބުނެފިއެވެ.

އެ މިނިސްޓްރީން ބުނީ ފުރަތަމަ 10 ދުވަހު 1،310،160 ރުފިޔާ ލިބިފައިވާ ކަމަށެވެ.

Ad
rt

ފާއިތުވި 4 އަހަރުގެ ތަފާސް ހިސާބަށް ބަލާއިރު، މިއަހަރު ފިރުތު ޒަކާތުގެ ގޮތުގައި ލިބިފައިވާ އަދަދަކީ މިދިޔަ އަހަރު އެ މުއްދަތުގައި ލިބުނު އަދަދަށްވުރެ ތިން ލައްކަ ރުފިޔާ އިތުރު އަދަދެއް ކަމަށް އިސްލާމިކް މިނިސްޓްރީން ބުނެއެވެ. އެގޮތުން ފައިބެއަހަރުގެ ރަމަޟާން މަހުގެ ފުރަތަމަ 10 ދުވަހު ފިތުރު ޒަކާތުގެ ގޮތުގައި ލިބުނީ އެއް މިލިއަން ރުފިޔާ ކަމަށް ވެސް ބުނެއެވެ.

މިއަހަރުގެ ފިތުރު ޒަކާތް ބަލައިގަތުން އިސްލާމިކް މިނިސްޓްރީގެ ހޯލުން ވެސް ކުރިއަށްގެންދާ އިރު، މި އިންތިޒާމު ހަމަޖެހިފައިވަނީ އުމުރުން ދުވަސްވެފައިވާ ފަރާތްތަކަށާއި އޮންލައިންކޮށް ޒަކާތްދެއްކުމަށް އަހުލުވެރިނޫން ފަރާތްތަކަށެވެ.

މީގެ އިތުރުން ދިރާގު ދިރާގު ޕޭއާއި އެސްއެމްއެސްއާއި އުރީދޫގެ އެމްފައިސާއާއި އެސްއެމްއެސާއި މޯލްޑިވްސް އިސްލާމިކް ބޭންކްގެ ފައިސާ މޮބައިލްއާއި ބޭންކް އޮފް މޯލްޑިވްސް ޕޯޓަލް އަދި ފަހި ޕޭ މެދުވެރިކޮށް ރޯދަ މަހުގެ 29 ވަނަ ދުވަހާ ހަމައަށް ފިތުރު ޒަކާތް ބަލައިގަންނާނެއެވެ.

ހަމަމިއާއެކު ބަނޑޭރި ޕޯޓަލް މެދުވެރިކޮށް ރޯދަމަހުގެ އެންމެ ފަހު ދުވަހާ ހަމައަށް ފިތުރު ޒަކާތް ދެއްކޭނެއެވެ.

ޒަކާތް ދައްކަން ޖެހޭ މިންވަރު

  • އާދައިގެ ހަނޑޫ - 12 ރުފިޔާ
  • ތައިލޭންޑް ހުދު ހަނޑޫ - 84 ރުފިޔާ
  • ރަތް ހަނޑޫ - 99 ރުފިޔާ
  • ބާސްމަތީ ހަނޑޫ (އާދައިގެ) - 84 ރުފިޔާ
  • ބާސްމަތީ ހަނޑޫ (މޮޅު) - 100 ރުފިޔާ
  • ބާސްމަތީ ހަނޑޫ (އެންމެ މޮޅު) - 125 ރުފިޔާ
  • އާދައިގެ ފުށް - 12 ރުފިޔާ
  • އާޓާފުށް - 75 ރުފިޔާ

ގޮވާމުގެ ބާވަތްތަކުން ޒަކާތް ބަލައިގަތުމަށް ހަމަޖެހިފައިވަނީ ރަމަޟާން މަހުގެ ފަހުކޮޅު ކަމަށް އިސްލާމިކް މިނިސްޓްރީން ބުނެއެވެ.