އިނގިރޭސި ޕްރިމިއާ ލީގުގެ ޕޮއިންޓް ތާވަލުގެ ގަދަ ހަތަރެއްގައި ސީޒަން ނިންމައި އަންނަ އަހަރުގެ ޗެމްޕިއަންސް ލީގުން ޖާގަ ހޯދުމަށް މަސައްކަތް ކުރަމުން އަންނަ ޗެލްސީއާއި ލިވަޕޫލް ރޭ ބައްދަލުކުރި މެޗު އެއްވަރުވެ ދެ ޓީމަށް ވެސް ނުތަނަވަސް ކަމާއި ކުރިމަތިލާން ޖެހިއްޖެއެވެ.

ރޭ ޗެލްސީގެ ސްޓެމްފޯޑް ބްރިޖްގައި ކުޅުނު މި މެޗު ނިމިފައި ވަނީ 0-0 ގެ ނަތީޖާއިން ދެ ޓީމް އެއްވަރު ވެގެންނެވެ. މި ދެ ޓީމް އެންމެ ފަހުން ބައްދަލުކުރި ހަތަރު މެޗު ވެސް ނިމިފައި ވަނީ މި ނަތީޖާއިންނެވެ.

Ad
rt

މި މެޗުގައި ޗެލްސީއަށް އިރުޝާދު ދީފައިވަނީ ދާދި ފަހުން އެ ޓީމުގެ ކޯޗުކަމުން ވަކިކުރި ގްރަހަމް ޕޮޓާގެ ސްޓާފެއް ކަމަށްވާ ބްރޫނޯ ސަލްޓޯ އެވެ. ޗެލްސީގައި މިވަގުތު ރަސްމީ ކޯޗެއް ނެތެވެ. އެ ޓީމުން އަންނަނީ ދާދި ފަހުން ބަޔާނުން ވަކިކުރި ނާގަލްސްމަން އެ ޓީމްގެ ކޯޗްކަމަށް ހަމަޖެއްސުމަށް މަސައްކަތް ކުރަމުންނެވެ.

ރޭގެ މެޗުގައި ދެ ޓީމްގެ ފަރާތުން ހަމަހަމަ ކުޅުމެއް ފެނިގެންދިޔައިރު، ޗެލްސީން ވަނީ ދެ ފަހަރެއްގެ މަތިން ލިވަޕޫލް ކޮޅަށް ލަނޑު ޖަހާފައެވެ. ފުރަތަމަ ލަނޑު 25 ވަނަ މިނެޓުގައި ރީސް ޖޭމްސް ޖެހިނަމަވެސް އެ ފުރުޞަތު ތަނަވަސް ވުމުގައި އެ ޓީމްގެ އެންޒޯ ފެނާންޑޭޒް އޮފްސައިޑް ވުމުން ވީއޭއާރުން ބެލުމަށް ފަހު ވަނީ އެއީ ލަނޑެއް ނޫން ކަމަށް ނިންމާފައެވެ.

މީގެއިތުރުން މެޗުގެ 50 ވަނަ މިނެޓުގައި ޗެލްސީގެ ފޯވާޑް ކައި ހަވާޓްޒް ވެސް ވަނީ ލަނޑެއް ޖަހާފައެވެ. ނަމަވެސް އެ ލަނޑު ޖެހުމުގެ ތެރޭ ހަވާޓްޒްގެ އަތުގައި ބޯޅަ ޖެހުމާއި ގުޅިގެން ވީއޭއާރުން ބެލުމަށް ފަހު އެ ލަނޑު ވެސް ވަނީ ކެންސަލް ކޮށްފައެވެ.

މި ނަތީޖާއާއިއެކު މިވަގުތު ޗެލްސީ އޮތީ ޕޮއިންޓް ތާވަލުގެ 11 ވަނާގައެވެ. އެ ޓީމަށް 29 މެޗުން ލިބިފައި ވަނީ 39 ޕޮއިންޓެވެ. ލިވަޕޫލް މިވަގުތު އޮތީ ތާވަލުގެ 8 ވަނާގައެވެ. އެ ޓީމަށް 28 މެޗުން ލިބިފައި ވަނީ 43 ޕޮއިންޓެވެ.