ސައުދީ ޕްރޮފެޝަނަލް ލީގުގައި ރޭ އަލް އަދްލާ ކުލަބާއި އަލް ނަސްރު ބައްދަލުކުރި މެޗު ފަސޭހަކަމާއިއެކު ނަސްރުން ކާމިޔާބު ކޮށްފިއެވެ. ރަށުން ބޭރުގައި ކުޅުނު މި މެޗު ނަސްރުން ކާމިޔާބު ކޮށްފައި ވަނީ 5-0 ގެ ތަފާތު ބޮޑު ނަތީޖާއިންނެވެ.
ރޭގެ މެޗުގައި ރޮނާލްޑޯ ވަނީ ދެ ލަނޑު ޖަހާފައެވެ. ރޮނާލްޑޯގެ އިތުރުން އެ ޓީމަށް ކުޅެމުން އަންނަ ބްރެޒިލްގެ މިޑްފީލްޑަރ ޓަލިސްކާ ވެސް ވަނީ ދެ ލަނޑު ޖަހާފައެވެ.
މެޗުގައި ނަސްރުން ކާމިޔާބުކުރި ފުރަތަމަ ލަނޑު ފުރަތަމަ ހާފުގެ ފުރިހަމަ ވަގުތު ހަމަވާން ފަސް މިނެޓަށް ވެފައި ވަނިކޮށް ލިބުނު ޕެނަލްޓީއަކުން ކާމިޔާބު ކޮށްދީފައި ވަނީ ރޮނާލްޑޯއެވެ.
ނަސްރުގެ ދެވަނަ ލަނޑު ދެވަނަ ހާފު ފެށިތާ ފަސް މިނެޓްގެ ތެރޭ ކާމިޔާބު ކޮށްދީފައި ވަނީ ޓަލިސްކާއެވެ. އޭނާ މި ލަނޑު ޖަހާފައި ވަނީ އެ ޓީމްގެ އަމީރި ދިން ބޯޅައެއް އަދްލާ ކުލަބްގެ އޭރިއާގެ ބޭރުން ކޮންޓްރޯލް ކުރުމަށް ފަހު ގޯލުގެ ދުރުކަނަށް ތިރިން ފޮނުވާލި ބާރު ހަމަލާއަކުންނެވެ.
ނަސްރުގެ ތިންވަނަ ލަނޑު 66 ވަނަ މިނެޓުގައި ޖަހައިދިނީ ރޮނާލްޑޯއެވެ. މިއީ ރޮނާލްޑޯ މި ސީޒަންގައި ނަސްރަށް ޖަހައިދިން 11 ވަނަ ލަނޑެވެ. އަދްލާ ކުލަބްގެ އޭރިއާތެރެއިން ޓަލިސްކާ ޖައްސާލި ބޯޅަ ކޮންޓްރޯލް ކުރުމަށް ފަހު ކުރިމަތީ ހުރި ޑިފެންޑަރުގެ ގައިން ނައްޓާލުމަށް ފަހު ރޮނާލްޑޯ ވަނީ ގޯލުގެ ތިރީކަނަށް އެ ބޯޅަ ފޮނުވާލާފައެވެ.
މެޗުގެ ހަތަރުވަނަ ލަނޑު 78 ވަނަ މިނެޓުގައި ޓަލިސްކާ ކާމިޔާބު ކޮށްދިންއިރު، ނަސްރުން ފަސްވަނަ ލަނޑު ޖަހާފައި ވަނީ މެޗުގެ އިތުރު ވަގުތުގެ ތެރޭގައެވެ. މިއީ އަދްލާ ކުލަބްގެ ފަހަތުން ހެދުނު ގޯހެއްގެ ފައިދާ ނަގައިގެން އެ ޓީމްގެ އައިމަން ޔަހްޔާ ކާމިޔާބު ކުރި ލަނޑެކެވެ.
ސައުދީ ޕްރޯ ލީގުގައި ރޭ ވަނީ އަލް އިއްތިހާދާއި ދަމަކް އެފްސީ ބައްދަލު ކޮށްފައެވެ. އެ މެޗު 3-0 އިން ކާމިޔާބު ކުރީ އިއްތިހާދެވެ.
މި ނަތީޖާތަކާއިއެކު އެއް ޕޮއިންޓުގެ ތަފާތަކާއިއެކު ޕޮއިންޓް ތާވަލުގެ އެއްވަނާގައި މި ވަގުތު އޮތީ އިއްތިހާދެވެ. އެ ޓީމަށް 22 މެޗުން 53 ޕޮއިންޓް ލިބިފައިވާއިރު، ދެވަނާގައި އޮތް ނަސްރަށް 22 މެޗުން ލިބިފައި ވަނީ 52 ޕޮއިންޓެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!