މިއަދު ފެންނަނީ ރާއްޖެ ވަކި ޤައުމެއްގެ "އުނގަށް" ވެއްޓިފައިވާ ތަން ކަމަށް މޯލްޑިވްސް ނެޝަނަލް ޕާޓީ (އެމްއެެންޕީ)ގެ ރައީސް، ދަނގެތީ ދާއިރާގެ މެންބަރު ކާނަލް ރިޓަޔާޑް މުހައްމަދު ނާޒިމް ވިދާޅުވެއްޖެއެވެ.
ނާޒިމް މިހެން ވިދާޅުވީ، އެމްއެންޕީން ސިލްސިލާކޮށް ކުރިއަށް ގެންދާ "ނުއިވޭ އަޑުތައް" ސިލްސިލާގެ ދެ ވަނަ އެޕިސޯޑްގައި މިރޭ ވާހަކަދައްކަވަމުންނެވެ.
ނާޒިމް މިރޭ ދެއްކެވި ވާހަކާގައި ވަނީ ދިވެހި ރާއްޖޭގެ ހިންގުމުގެ ޙާލަތު މި ވަގުތު މި އޮތީ ރަނގަޅުގޮތަކަށް ނޫން ކަމަށް ވިދާޅުވެފައެވެ. އަދި ރާއްޖޭގެ ޚާރިޖީ ސިޔާސަތާ، ދިފާއީ އަދި އިޤްތިޞާދީ ސިޔާސަތުގައި ހުރި އޭނާއަށް ފާހަގަ ކުރެއްވޭ މައްސަލަތަކާމެދު ވަނީ ވާހަކަ ދައްކަވާފައެވެ.
މިގޮތުން ރާއްޖޭގެ ޚާރިޖީ ސިޔާސަތަށް ބަލާއިރު މިއަދު ފެންނަނީ ވަކި ޤައުމެއްގެ "އުނގަށް" ވެއްޓިފައިވާ ތަން ކަމަށް ވަނީ ވިދާޅުވެފައެވެ. އަދިި އެއް ޤައުމެއްގެ ގޮނޑިކޮއްކޮއަކަށްވެ، ޚާރިޖީ ސިޔާސަތުތައް ދީލާލާފައި ވަނީ އެންމެ ޤައުމެއް އެދޭ ގޮތަށް ކަމަށް ވެސް ވިދާޅުވިއެވެ.
ނާޒިމް ވިދާޅުވިގޮތުގައި ރާއްޖޭގެ ވިޔަފާރިއާއި އިޤްތިޞާދު ވެސް މިއަދު ވަނީ ހަމަ އެގޮތަށް އެއްމެ ޤައުމެއްގެ އަތްދަށަށް ގޮސްފައެވެ. އެގޮތުން، އަސާސީ ކާޑުގެ ތަކެތި ލިބެނީ ހަމައެކަނި އެއްމެ ޤައުމަކުން ކަމަށް ހަމަޖެހިފައި އޮތުމަކީ ނުރަނގަޅު ކަމެއް ކަން ނާޒިމް ވަނީ ވިދާޅުވެފައެވެ.
މިފަދަ ހުރިހާ ސިޔާސަތެއްގައި މިއަދު މި އޮތް ސަރުކާރުގެ ބާރެއް ނެތްކަން ދޭހަވާގޮތައް ވާހަކަ ދައްކަވަމުން ނާޒިމް ވިދާޅުވީ، އެ ސިޔާސަތުތައް ބައްޓަންވެގެން އަންނަނީ އެހެން ޤައުމަކުން އެދޭ ގޮތަށް ކަމަށް ވާތީ، ރާއްޖޭގެ ސަލާމަތާ ރައްކާތެރިކަން ބިރުވެރިކަމަށް ހުށަހެޅިފައިވާކަމަށެވެ.
ނާޒިމްގެ ވާހަކާގައި އެއީ ވަކިކޮން ޤައުމެއްކަން ވިދާޅުނުވިނަމަވެސް އޭނާ އިޝާރާތް ކުރެއްވީ އަވަށްޓެރި އިންޑިޔާއަށް ކަމަށް ބެލެވެއެވެ.
ކުރިއަށް އޮތް ރިޔާސީ އިންތިޚާބުގައި އެމްއެންޕީން ވާދަކުރަން ނިންމާފައިވާއިރު، އެޕާޓީގެ ރިޔާސީ ކެންޑިޑޭޓަކީ ނާޒިމެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!