ޝަރީޢަތް ނިމެންދެން ބަންދުކުރެވޭ މީހުން ގެ ބަންދުގެ މުއްދަތު ޖިނާއީ އިޖުރާއަތުގެ ޤާނޫނާ އެއްގޮތަށް ދައުލަތުން މުރާޖަޢާ ނުކުރާ މައްސަލަ މޯލްޑިވްސް ނެޝަނަލް ޕާޓީ (އެމް.އެން.ޕީ.) އިން ހިއުމަން ރައިޓްސް ކޮމިޝަން އޮފް މޯލްޑިވްސް (އެޗް.އާރު.ސީ.އެމް.) އަށް ހުށަހަޅައިފިއެވެ.

އެ ޕާޓީން ނެރުނު ނޫސް ބަޔާނެއްގައި އެމައްސަލަ އެޗްއާރުސީއެމަށް ހުށަހެޅި ސަބަބެއް ކަމަށް ބުނެފައިވަނީ ޝަރީޢަތް ނިމެންދެން ބަންދުކުރެވޭ މީހުން ގެ ބަންދުގެ މުއްދަތު ޖިނާއީ އިޖުރާއަތުގެ ޤާނޫނުގެ 60 ވަނަ މާއްދާގެ (ވ) ގައި ބުނާ ގޮތަށް، ކޮންމެ 30 ދުވަހަކުން މުރާޖައާ ކުރަން ޖެހުނު ނަމަވެސް، އެ މާއްދާއަށް ދައުލަތުން އަމަލު ނުކުރައްވާތީ، ފަރުދުންނަށް އިޖުރާއީ އިންސާފު ނުލިބުމާއި ފަރުދީ ހައްގުން މަހުރޫމުވާތީ ކަމަށެވެ.

Ad
rt

މީގެ އިތުރުން މިއަދުގެ ހާލަތަށް ބަލާއިރު، ޝަރީޢަތް ނިމެންދެން ބަންދުކޮށްފައިވާ 343 އެއްހާ މީހަކަށް އެމީހުންގެ ބަންދުގެ މުއްދަތު ރިވިއު ކުރުމުގެ އެއްވެސް ފުރުސަތެއް ދައުލަތުން ނުދޭކަން ކަމަށާއި ގާނޫނު އޮތްތާކު، އޮތްގޮތަށް އޮތް ނަމަވެސް، އެ ޤާނޫނަށް އަމަލު ކުރާނެ ނޫނީ ކުރުވާނެ ފަރާތެއް ނެތް ކަމަށް ވެސް އެ ބަޔާނުގައި ވެއެވެ.

މި މައްސަލަ އެޗް.އާރު.ސީ.އެމް އަށް ހުށަހަޅައި ފޮނުވި ސިޓީގައި އެމް.އެން.ޕީ އިން އެ ކޮމިޝަނަށް ގޮވާލާފައިވަނީ ވެރިކަމުގެ ފަރާތުން ހަދާހާ ގޮތަކީ ރަގަޅު ގޮތް ކަމަށް އިއުތިމާދު ކުރުންމަތީ ދެމިނުތިއްބަވާ، އެ ކޮމިޝަންގެ ޤާނޫނީ މަސްއޫލިއްޔަތު އުފުއްލެވުމަށް އެދިފައި ވެއެވެ.

އެގޮތުން، ޖިނާއީ އިޖުރާއަތުގެ ޤާނޫނުގެ 2 ވަނަ މާއްދާގެ (ނ) އާއި އެއްގޮތަށް ޝަރީޢަތް އަވަހަށް ކުރިއަށް ނުގެންދިއުމުގެ ސަބަބުންނާއި، ޝަރީޢަތް ނިމެންދެން ބަންދުކުރުމަށް ކަނޑައަޅާ ފަރާތްތަކުގެ ބަންދު ކޮންމެ 30 ދުވަހަކުން ރިވިއު ކުރުމަށް އެ ޤާނޫނުގެ 60 ވަނަ މާއްދާގެ (ވ) ގައި ކަނޑައަޅާފައިވާ އިޖުރާއަތާއި އެއްގޮތަށް ކޯޓުތަކުން ޢަމަލު ނުކުރާތީ ފަރުދުންނަށް އިޖުރާއީ އިންސާފު ގެއްލޭ މައްސަލައާއި، ޤާނޫނުން އިލްތިޒާމް އުފައްދާފައިވާ ނިންމުމަށް ދައުލަތުގެ މުއައްސަސާތަކުން ޢަމަލުނުކޮށް، އެ މުއައްސަސާތައް ހިންގުމާއި ޙަވާލުވެ ތިއްބެވި ވެރިން އެފަރާތްތަކުގެ ޤާނޫނީ ޒިންމާ އަދާ ނުކުރައްވާ މައްސަލަ ބައްލަވާ، ކުށުގެ ތުހުމަތުގައި ބަންދުކުރެވޭ ފަރާތްތަކަށްވެސް ޤާނޫނުގެ ރައްކާތެރިކަން ހޯއްދަވާ ދެއްވުމަށް އެޗްއާރުސީއެމް ގައި ދަންނަވާފައިވާނެކަމަށްވެސް އެމް.އެން.ޕީ ގެ ބަޔާނުގައި ބުނެފައިވެއެވެ.

އެމްއެންޕީ އިން ބުނީ އެ ޕާޓީން ދެކޭ ގޮތުގައި ދައުލަތަށް ނުއުފުލޭފަދަ ބުރައެއް ހިމެނޭ ބިލެއް ރައްޔިތުންގެ މަޖިލީހުން ފާސްކޮށްފިނަމަ، އިތުރު ވިސްނުމުކަށް އެބިލް އަނބުރާ ރައްޔިތުންގެ މަޖިލީހަށް ފޮނުއްވުމަކީ ރައީސުް ބޭނުންކުރައްވާނެ އިމްތިޔާޒެއް ކަމަށެވެ.

"އެހެންނަމަވެސް، ޖިނާއީ އިޖުރާއަތުގެ ގާނޫނަށް ދެންނެވުނު އިޞްލާޙާ ގެނެވުމާ ގުޅިގެން ސަރުކާރުން އެގޮތަށް އަމަލުކުރައްވާފައި ނުވާތީ، ޖިނާއީ އަދުލުގެ ނިޒާމު ބައްޓަން ކުރުމަށް ގާނޫނުން ކަނޑައަޅާފައިވާ ޤާއިދާތަކަކީ ތަންފީޛް ކުރައްވަންޖެހޭ އަދި ތަންފީޛް ކުރެއްވޭނެ ގަވާއިދާތަކެކެވެ." އެ ބަޔާނުގައި ވެއެވެ.