ސްޓޭޓް ޓްރޭޑިންގ އޯގަނައިޒޭޝަން (އެސްޓީއޯ) ގެ މެނޭޖިންގ ޑިރެކްޓަރުގެ މަގާމަށް އަބްދުﷲ ސައީދު (ކޮށީގޭ ސައީދު) މިއަދު އައްޔަންކޮށްފި އެވެ.

މޯލްޑިވްސް ސްޓޭޓް ޝިޕިންގ (އެމްއެސްއެސް) ގެ މެނޭޖިންގ ޑިރެކްޓަރުގެ މަގާމުގައި ހުންނެވި ސައީދު، އެސްޓީއޯގެ އެމްޑީގެ މަގާމަށް އައްޔަން ކުރެއްވީ މިއަދުއެވެ.

Ad
rt

އޭނާއަށް މަގާމުގެ ލިޔުން ހަވާލުކޮށްފައިވަނީ ފިނޭންސް މިނިސްޓްރީގައި ބޭއްވި ރަސްމިއްޔާތެއްގައެވެ.

ސައީދު ވަނީ ކުރީގެ ރައީސް ނަޝީދުގެ ވެރިކަމުގައި ކެބިނެޓް ސެކްރެޓަރީގެ މަގާމުގައި ހުންނެވުމަށްފަހު، 2011 ވަނަ އަހަރު އިސްތިއުފާ ދެއްވާފައެވެ. އަދި ފަހުން، ރައީސް ނަޝީދު ވަނީ ސިންގަޕޫރުގައި ހުންނަ މޯލްޑިވްސް ނޭޝަނަލް ޝިޕިން ލިމިޓެޑް (އެމްއެންސީއެލް) އޮފީސް ހިންގުން ސައީދުއާ ހަވާލުކޮށްފައެވެ.

ނަޝީދުގެ ވެރިކަމުގައި އެ މަނިކުފާނުގެ އެންމެ އަރިސް ބޭފުޅުންގެ ތެރޭގައި ހިމެނިވަޑައިގެންނެވި ސައީދަކީ އޭރު ވެރިކަން ކުރި އެމްޑީޕީގެ އިސް ސަފުގައި ވެސް މަސައްކަތް ކުރެއްވި ފަރާތެކެވެ.

އެސްޓީއޯގެ މެނޭޖިންގ ޑިރެކްޓަރުގެ މަގާމަށް ސައީދު އައްޔަންކުރީ ކުރިން އެ މަގާމުގައި ހުންނެވި ހުސައިން އަމްރު މަގާމުން ވަކިކުރުމަށް ފަހުއެވެ.