ރާއްޖޭގައި މަސްތުވާތަކެތީގެ މައްސަލަތައް ހައްލުކުރުމަށް ވެފައިވާ އެއްވެސް ވައުދެއް ނުފުއްދޭ ކަމަށް މޯލްޑިވްސް ނެޝަނަލް ޕާޓީ (އެމްއެންޕީ)ގެ ރައީސް އަދި އެ ޕާޓީން ރިޔާސީ އިންތިޚާބުގައި ވާދަކުރައްވާ ކެންޑިޑޭޓު، ދަނގެތީ ދާއިރާގެ މެމްބަރު ކާނަލް ރިޓެޔާޑް މުހައްމަދު ނާޒިމް ވިދޅާުވެއްޖެއެވެ.
ނާޒިމް މިފަދައިން ވިދާޅުވީ މަސްތުވާތަކެއްޗަށް ދެވިހިފާފައިވާ މީހުންނަށް ފަސޭހައިން ފަރުވާ ލިބޭނޭ ގޮތަށް ނިޒާމު ބަދަލުކުރުމަށް ސަރުކާރަށް ގޮވާލައި މަޖިލީހަށް ހުށަހަޅާފައިވާ ގަރާރަށް ބަހުސް ކުރައްވަމުންނެވެ.
މި ގަރާރަށް ބަހުސް ކުރައްވަމުން އޭނާ ވިދާޅުވީ މަސްތުވާތަކެތީގެ މައްސަލަތައް ހައްލުކުރުމުގައި ސަރުކާރުން އިހުމާލުވެފައިވާ ކަމަށެވެ.
އޭނާ ވިދާޅުވީ މި ސަރުކާރު ވެރިކަމަށް އައުމުގެ ކުރިން ތައްޔާރު ކުރި މެނިފެސްޓޯގައި މިކަމާ ބެހޭގޮތުން ވަރަށް ބޮޑަށް އަލިއަޅުވާލި ކަމަށާއި މަސްތުވާތަކެއްޗަށް ހުޅުވިފައިވާ ހުރިހާ ދޮރެއް ބަންދު ކުރާނެ ކަމަށް ވަރަށް އަޑު ހަރުކޮށް ވިދާޅުވި ކަމަށެވެ.
އެހެންނަމަވެސް މަސްތުވާތެކީގެ މައްސަލަތައް ހައްލުކުރުމަށް މި ސަރުކާރުގެ މެނިފެސްޓޯގައި ހިމަނާފައިވާ ކަންކަމުގެ ތެރެއިން އެއްވެސް ކަމެއް ނުވާކަން ނާޒިމް ފާހަގަ ކުރެއްވިއެވެ.
މީގެ އިތުރުން މަސްތުވާތަކެތީގެ ވިޔަފާރިކުރާ މީހުން ހިފާ ހައްޔަރުކޮށް އަދަބުދީ މަސްތުވާތަކެތީގެ ވިޔަފާރި ހުއްޓުވުމާއި މަސްތުވާތަކެތި ބޭނުން ކުރާ މީހުންނަށް ފަރުވާ ދިނުމަށް ގައުމީ ރިހެބިލިޓޭޝަން ސެންޓަރެއް ގާއިމު ކުރުމަށް ވެސް ސަރުކާރުން ނުކުޅެދިފައިވާ ކަމަށް ވިދާޅުވިއެވެ.
ހަމަމިއާއެކު ނާޒިމް ވަނީ މަސްތުވާތަކެއްޗަށް ދެވިހިފާފައިވާ މީހުންނަށް ފަސޭހައިން ފަރުވާ ލިބޭނޭ ގޮތަށް ނިޒާމު ބަދަލުކުރުމަށް ސަރުކާރަށް ގޮވާލައި ހުށަހަޅާފައިވާ ގަރާރަކީ ޒުވާން ޖީލަށް ވަރަށް މުހިންމު ގަރާރެއް ކަމަށް ވެސް ފާހަގަ ކުރައްވާފައެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!